twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަހުމަދު: ޒުވާން ކަނބުރުވެރިޔާ

ރާއްޖޭގެ އެންމެ ޒުވާން ކަނބުރުވެރިޔާ އަހުމަދު މި މަސައްކަތްކުރާތާ މިހާރު 15 އަހަރުވެއްޖެ. މިއީ ކުރަން ވަރަށް ރަނގަޅު މުއްސަނދި މަސައްކަތެއް. ހަލާލު ގޮތުގައި ކުރެވޭ ފައިދާ ހުރި މަސައްކަތެއް.

ހ.މ
Sep 5, 2022
3

އެއީ ޒުވާނުން ބޭނުންވާކަހަލަ ޓައީ އެޅި ވަޒީފާއެއް ނޫނެވެ. ގައިން ދާފޮދެއް އޮހޮރުވާނުލައި، އޭސީ ކޮޓަރިތަކުގައި ތިބެ ކޮމްޕިއުޓަރުން ކޮށްލެވޭފަދަ ލުއި ފަސޭހަ މަސައްކަތެއްވެސް ނޫނެވެ. އުޖޫރައިގެ ގޮތުގައި ޑޮލަރު ފައިސާ ލިބޭ މަސައްކަތެއްވެސް ނުމެ ނޫންމެއެވެ. އާއެކެވެ. ކަނބުރުވެރި ކަމަކީ މިދެންނެވި މަސައްކަތްތަކާ އަޅާ ބަލާއިރު އުނދަގޫ ބުރަ މަސައްކަތެކެވެ. ދިވެހި މުޖުތަމައުގެ ގިނަ މީހުންގެ ނަޒަރުގައި މިމަސައްކަތަކީ ވަރަށްވެސް އާދައިގެ ދަށު ފަންތީގެ "ކަޓު" މަސައްކަތެކެވެ.

ނަމަވެސް، ހދ. ކުޅުދުއްފުށީ އައިރިސް، އަހުމަދު ހަސަންގެ ވިސްނުން މިއާ މުޅިން ތަފާތެވެ. ކުޑައިރުއްސުރެ ކަނބުރުވެރި ކަމުގައި އުޅެމުން އަންނަ އަހުމަދު ހަސަން ދެކޭގޮތުގައި ކަނބުރުވެރިކަމަކީ، ވަރަށް މުއްސަނދި މަސައްކަތެކެވެ. އެކުގައި ކިޔެވި ހުރިހާ ކުދިން އެކި ވަޒީފާތަކަށް ދިޔައިރުވެސް، އަހުމަދު ވަޒީފާއެއްގެ ގޮތުގައި ކުރަން ނިންމީ ކަނބުރުވެރިކަމެވެ. ލޮއި، އެލްމިނިއަމް ފަދަ ވިރިކެކޭ ތަކެތި ވިރުވައިގެން އެއްޗެހި ހެދުމުގެ ތަކުލީފު ބޮޑު މަސައްކަތެވެ.

"އުމުރުން އޭރުވާނީ 11 ނޫނީ 12 އަހަރު. ބޭބެ މުހައްމަދު އަލީ މަސައްކަތް ކުރާ ކަނބުރުގެއަށް ދާން ފެށީ ފުރަތަމަ ޖޫސްޕެޓީ ލިބޭތީ. ބަދަލުގައި ކުރަންޖެހޭ މަސައްކަތަކީ ގިރުނބާ ދެމުން. އެހެންދާން ފެށުމުން އެހެން ކަންކަންވެސް ފެނި މަޑުމަޑުން ދަސްވެ އަމިއްލައަށް ކުރަން ފެށުނު. ސްކޫލު ގަޑި ޖެހެންދެންވެސް އުޅެވެނީ ބޭބެއަށް އެހީވުމުގައި ކަނބުރު ގޭގަ. ފަހުން ރުފިޔާ އަކުން ދެ ރުފިޔާއަކުން ގޮސް ފަނަރަ ރުފިޔާއާ ހަމަޔަށް މަސައްކަތަށް ލާރި ލިބެން ފެށި." ކަނބުރުވެރި ކަމުގެ ތެރެއަށް ވަދެވިގެންދިޔަ ގޮތް އަހުމަދު ކިޔައިދިނެވެ.

"
"އަޅުގަނޑު ބުނަންއޮތީ މިއީ ކުރަން ވަރަށް ރަނގަޅު މުއްސަނދި މަސައްކަތެއް. ހަލާލު ގޮތުގައި ކުރެވޭ ފައިދާ ހުރި މަސައްކަތެއް."
ރާއްޖޭގެ އެންމެ ޒުވާން ކަނބުރުވެރިޔާ ބުންޏެވެ.

އުމުރުން 30 އަހަރުގެ އަހުމަދު ކަނބުރުވެރިކަން ކުރާތާ މިހާރު ގާތްގަނޑަކަށް 15 އަހަރުވެއްޖެއެވެ. ކަނބުރުވެރި ކަމާގުޅޭ ހުރިހާ އެއްޗެއްވެސް މިހާރު އޭނާއަށް އެނގެއެވެ. ބޭބެއާ ނުލައިވެސް ތަނުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމުގެ ހިތްވަރާ ގާބިލްކަން އަހުމަދުގެ އެބަހުއްޓެވެ.

"މިހާރު ކަނބުރުވެރި ކަމުގެ ހުރިހާ އެއްޗެއްވެސް އެނގޭ. ވަޅި، ކަންފަތި، ފުރޯ، ކެޔޮލިޔާ ވަޅި، މަސްވަޅި މިހެން ގޮސް ވަރަށް ގިނަ އެއްޗެހި ހަދަން އެނގޭ." އަހުމަދު ކިޔައިދިނެވެ.

މިއީ ރަށުގައި ހުރެގެން ކުރެވޭ މަސައްކަތެކެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ހަވީރު 5 އާއި ހަމައަށް އެއީ މަސައްކަތު ގަޑިއެވެ. ގަޑިން ގަޑިއަށް ނަމާދު ކުރަންދެވެއެވެ. ހަފުތާ ނިންމާފައި މުސާރަ ބަރާބަރަށް ލިބެއެވެ. އަތްބަކާ ދެދަރިން ގޮވައިގެން ހަމަޖެހޭ އަބުރުވެރި ދިރިއުޅުމެއް އުޅެވޭވަރުވެއެވެ. މިއީ މިމަސައްކަތް ކުރުމަށް އަހުމަދު ނިންމި ބައެއް ސަބަބުތަކެވެ. ކަނބުރުވެރިކަން ކުރުމާމެދު އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދުނު ބައެއް ކަންކަމެވެ.

މިހުރިހާ ކަމަކަށްވުރެ މިމަސައްކަތަށް އޭނާ ޝައުގުވެރިކަން އުފެދުނީ، މިމަސައްކަތަކީ ގައިންދާ އޮހޮރުވައިގެން ކުރެވޭ ހަލާލް މަސައްކަތެއް ކަމުގެ އިހްސާސް ކުރެވޭ ކަމެވެ. މަސައްކަތް ކުރަމުންދާ ގަޑީގައިވެސް އެކަން ހިތަށްއަރާ، އެކަމުގެ ހިތްހަމަޖެހުން އަބަދުވެސް ލިބޭ ކަމުގައި އަހްމަދު ބުންޏެވެ.

"އަޅުގަނޑު ބުނަންއޮތީ މިއީ ކުރަން ވަރަށް ރަނގަޅު މުއްސަނދި މަސައްކަތެއް. ހަލާލު ގޮތުގައި ކުރެވޭ ފައިދާ ހުރި މަސައްކަތެއް." ރާއްޖޭގެ އެންމެ ޒުވާން ކަނބުރުވެރިޔާ ބުންޏެވެ.

ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އަތްތެރި މިމަސައްކަތަކީ މިހާރު ވަރަށް މަދުންނޫނީ ނުކުރާ މަސައްކަތެކެވެ. އުމުރުން ދުވަސްވީ މީހުން މަދުން ނަމަވެސް ކަނބުރުވެރިކަން ކުރާއިރު، އެމީހުން ކައިރިއަށް ޒުވާނުން ގޮސް އެމަސައްކަތް ދަސްކުރުމަށް މަސައްކަތެއް ނުކުރެއެވެ. އަހުމަދު ފާހަގަކުރީވެސް މިކަމެވެ. ޒުވާނުން މިކަމުގެ ތެރެއަށް ނުވަންނަ ވާހަކައެވެ.

ކަނބުރުވެރިކަމުން ލިބޭ ފައިދާއާ މަންފާތައް ނޭނގޭ ކަމުގެ ވާހަކައެވެ. މިފަދަ މަސައްކަތްތަކަކީ "ކަޓު" ކަމުނުދާ މަސައްކަތެއްގެ ގޮތުގައި ދެކޭދެކުން ބަދަލު ކުރަންޖެހޭ ވާހަކައެވެ. މިއީ ނަމޫނާ ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355