twitterviber whatsapp telegramfacebookyoutube instagram
21st May 2025

ރާއްޖޭގެ ފުރަތަމަ "ޑިޒާސްޓާ މެނޭޖްމެންޓް ހެޒާރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްލޭން" ކުޅުދުއްފުށީގައި އިފްތިތާހުކޮށްފި

May 20, 2025

ކުޅުދުއްފުށި ސިޓީ ކައުންސިލުން ރާއްޖޭގެ ފުރަތަމަ "ޑިޒާސްޓަރ މެނޭޖްމެންޓް ހެޒާރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްލޭން" ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ. މި ޕްލޭން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ "އުތުރު ސަރަހައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާ 2025" ގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ.

ކުޅުދުއްފުށި ސިޓީގެ މި ޕްލޭނަކީ "މޭކިންގ ސިޓީސް ރެޒިލިއެންޓް 2030" މަޝްރޫއުގެ ދަށުން، ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމަށްޓަކާ ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު މަޝްރޫއެކެވެ. މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކޮންސަލްޓަންސީގެ ގޮތުގައި ހަވާލުކުރެވިގެން ކޮށްފައިވަނީ ޝެރެޓް ސްޓޫޑިއޯއިންނެވެ. މި ޕްލޭން އަކީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށް 521 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއުގެ އަގަކީ 1.8 މިލިއަން ރުފިޔާ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ކުޅުދުއްފުށި ވިލުންވެރިވަނީ މިސަރަހައްދުގެ ރަށްތައް ވިލުންވެރިވެގެން ކަމަށެވެ. އަދި އިހުގެ ދިވެހިން ހުޅަނގު މޫސުމަށް ތައްޔާރުވި ގޮތާއި އޭރު މޫސުމަށް ރައްކާތެރިވުމުގެ ގޮތުން ދިވެހިން ގެދޮރު އިމާރާތްކުރަމުން އައި ގޮތުގެ މައްޗަށް އަލިއަޅުވާލައި މޭޔަރު ވާހަކަ ދެއްކެވި އެވެ.

މޭޔަރު ވިދާޅުވީ، ޑިޒާސްޓަރ މެނޭޖްމެންޓް ހެޒާރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްލޭން ހެދުމުގައި އެހެން ރަށްރަށުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެކަމުގެ ސިޓީ ކައުންސިލުން ކުރި ތަޖުރިބާގެ އިތުރުން ޓެކްނިކަލް އެހީތެރިކަންވެސް ބޭނުންވާ ރަށްތަކަށް ފޯރުކޮށްދޭނެކަމުގައި މޭޔަރު ވިދާޅުވި އެވެ.

މި މަސައްކަތުގެ ދަށުން އެއްކުރެވުނު މައުލޫމާތާއި ޗާޓުތައް ހިމެނޭ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް (ޖީ.އައި.އެސް) ޕްލެޓްފޯމެއް ވަނީ ތައްޔާރުކުރެވިފައެވެ. މި ޕްލެޓްފޯމަކީ ކާރިސާތައް މެނޭޖްކުރުމުގައްޔާއި ކާރިސާގެ ނުރައްކާ ކުޑަކުރުމަށް އަމާޒުކޮށްގެން ތަރައްގީގެ ޕްލޭންތައް އެކުލަވާލުމުގައި ބޭނުންކުރެވޭނެ މުހިންމު ވަސީލަތަކަށް ވެގެންދާނެއެވެ. މި މަޝްރޫއުގެ ސަބަބުން، ކުޅުދުއްފުއްޓަކީ ރާއްޖޭގައި މިފަދަ ޕްލޭނެއް އެކުލަވާލި ފުރަތަމަ ސިޓީކަމުގެ ޝަރަފު ހޯދައިފައިވެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި ދިވެހި ރެޑް ކްރެސެންޓް ގުޅިގެން މި މަހުގެ 19-20 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވުނު މި ފޯރަމްގައި ހއ، ހދ އަދި ށ އަތޮޅުގެ ރަށު ކައުންސިލްތަކުގެ އިތުރުން، ކުޅުދުއްފުށި ސިޓީ ކައުންސިލާކަމާ ގުޅުންހުރި މުހިންމު ފަރާތްތައް ބައިވެރިވެފައި ވެއެވެ.

މި ފޯރަމްގައި ކުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު އާއި އެސިސްޓަންޓް ކައުންސިލް އެގްޒެކެޓިވް ރައުފާ މުޙައްމަދު އަދި އެންވާރަމަންޓް އެނަލިސްޓް މުޙައްމަދު އުމަރު ވަނީ ކުޅުދުއްފުށި ސިޓީގެ “ޑިޒާސްޓަރ މެނޭޖްމަންޓް، ހެޒާޑް މިޓިގޭޝަން އަދި ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްލޭންގެ ކީނޯޓް ޕްރެސެންޓޭޝަންއެއް ހުށަހަޅައިދެއްވި އެވެ. މި ސެޝަން ހުށައަޅުއްވައިދެއްވަމުން ޑެޕިއުޓީ މޭޔަރ އަލީ އަހުމަދު ވިދާޅުވެފައިވަނީ ޔޫ.އެން.ޑީ.އާރ.އާރ ގެ މޭކިން ސިޓީޒް ރެޒިލިއެންޓް2030 (އެމްސީ.އާރ 2030) ގެ ތެރެއިން ހެދުނު ރެސިލިއެންޓް ސްޓަރ މެޕްގައި ކުޅުދުއްފުށި ސިޓީ ސްޓޭޖް ބީ ގެ ގޮތުގައި ފާހަގަވެފައި ވީނަމަވެސް، ކުޅުދުއްފުށި ސިޓީގެ ޑިޒާސްޓަރ މެނޭޖްމެންޓް ޕްލޭން ހެދުމަށް ކުރެވުނު މަސައްކަތުން މިއަދު ކުޅުދުއްފުއްޓަކީ ސްޓޭޖް ސީ ގެ ސިޓީއެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި މި ޕްލޭންގެ ތެރެއިން ހެދިފައިވާ ޖީ.އައި.އެސް ޕްލެޓްފޯމް އަދި ޕްލޭން ގަވާއިދުން ރިވިއުކުރެވިގެންދާނެ ކަމުގައި ވިދާޅުވެފައެވެ.

މި ފޯރަމްގެ ތެރެއިން، ކާރިސާތަކުން ރައްކާތެރިވުމަށާއި މެނޭޖްކުރުމަށް ދުރާލާ ރޭވުމާއި ތައްޔާރުވުމުގައި ރަށު ކައުންސިލްތަކުގެ މުހިންމު ދައުރާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ޕެނަލް ޑިސްކަޝަންގައި ކައުންސިލް މެންބަރު ރިލްވާން މުހައްމަދު ވަނީ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ. ރިލްވާނުގެ ވާހަކައިގައި ވަނީ ކާރިސާތަކުގައި ލިބޭ ގެއްލުންތަކުގެ ސަބަބުން އާންމު ރައްޔިތުންނަށާއި މުއައްސަސާތައް ހިންގުމަށް ދިމާވާ ދަތިތަކުގައި، ސަރުކާރުގެ ސްކޫލުތަކާއި އޮފީސްތައް ބަންދުކުރުމުގެ އިހުތިޔާރު ކައުންސިލަށް ނުވަތަ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއަށް ދިނުމަށް ވަކާލާތުކުރައްވާފައެވެ. އަދި މައި ސަރުކާރުން ހިންގާ މަޝްރޫއުތައް ނުނިމި ލަސްވުމުގެ މައްސަލައާއި، ހާއްސަކޮށް ރައްޔިތުންނާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތައް މައި ސަރުކާރުން ކުރިއަށް ނުގެންދިއުމުން ދިމާވާ ދަތިތަކާއި ގުޅޭގޮތުންނާއި މިކަމުގެ ސަބަބުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް އެދެވޭ ހައްލެއް ހޯދައިދިނުމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ރިލޭ ވާހަކަ ދެއްކެވި އެވެ.

އަދި ކާރިސާތަކަށް އިޖާބަދިނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަމުގައިވާއިރު، ސަރުކާރުން ކައުންސިލަށް ދޭން ހަމަޖެހިފައިވާ ބްލޮކް ގްރާންޓުގެ ތެރެއިން 8 މިލިއަން ރުފިޔާ މި އަހަރު އުނިކޮށްފައިވާކަން ރިލޭ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުގެ އެކިއެކި އިދާރާތަކުގެ ހަރަދުތައް ކައުންސިލުގެ ބަޖެޓުން ހަމަޖައްސަން ޖެހުމުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް ރިލޭ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މީގެ އިތުރުންވެސް މި ފޯރަމްގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި ގައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކާއި، ދިވެހި ރާއްޖޭގެ މޫސުމާ ބެހޭ އިދާރާގައި، ކާރިސާގެ ކަންކަން ބެލެހެއްޓުމާއި ދުރާލާ އިންޒާރުދިނުމުގެ ކަންކަން އިންތިޒާމްކުރެވިފައިވާ ގޮތްތަކާއި، އެ އިދާރާގެ މަސްއޫލިޔަތުތަކާއި ގުޅޭގޮތުންނާއި، ކާރިސީ ހިރާސް ކުޑަ ކުރުމަށް ތިމާވެށީގެ ދިރުންތަކުގެ މުހިއްމުކަމާއި، ޤައުމީ ފެންވަރެއްގައި ކާރިސާގެ ކަންކަން ބެލެހެއްޓުމަށް ތައްޔާރު ކުރެވެމުންދާ ޕްލޭންއާއި ގުޅޭގޮތުން ދިވެހި ރާއްޖޭގެ ކާރިސީ ހިރާސް ކުޑަކުރުމުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން، ޤައުމީ ފެންވަރުގެ ކާރިސާތަކުގައި އެކި މުއައްސަސާތަކުގެ ދައުރުތަކާއި، މަސްއޫލިއްޔަތުގެ މައުލާމާތު ހިއްސާކުރެވިގެންދިޔައެވެ.

އަދި ހަމައެހެންމެ، ދިވެހިރާއްޖޭގެ ދުރާލާ އިންޒާރުދިނުމުގެ ނިޒާމާއި، އޭގެ މުހިންމުކަމާއި، ކުރިމަގުގައި މި ދާއިރާ ތަރައްޤީކުރުމަށް ރޭވިފައިވާ ޕްލޭންތަކާއި، ކާރިސާއަށް އިޖާބަދިނުމުގެ ތެރެއިން ދަސްވެފައިހުރި ކަންކަމާއި، ކާރިސީ ހިރާސް ކުޑަކުރުމުގައި ރަށު ފެންވަރުގައި ވަށާޖެހޭ ގޮތެއްގައި ވިލުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން ސެޝަން ކުރިޔަށް ގެންދެވިފައިވެއެވެ. މީގެއިތުރުންވެސް، ކާރިސާތަކުގައި ލިބިދޭ ގެއްލުންތައް ރިޕޯޓުކުރުމަށް އަލަށް ތާއާރަފް ކުރެވޭ ޑިސާސްޓަރ ލޮސް ރިޕޯޓިންގ ސިސްޓަމް (ޑާލާ) އާއި ބެހޭ މައުލޫމާތު ދެވި، މި ސިސްޓަމް ބޭނުންކުރުމަށް އަހުލުވެރިކުރުވުމުގެ ސެޝަނެއް ހިންގުނެވެ. އަދި ކާރިސާތަކަށް ތައްޔާރުވުމާއި ރައްދުދިނުމުގެ ނިޒާމުތައް ހަރުދަނާކުރުމަށްޓަކައި ލޯކަލް ފެންވަރުގައި ގޮންޖެހުންތައް މެޕިންގކޮށް ދެނެގަނެވިފައިވެއެވެ.

މި ފޯރަމުގައި އުތުރުގެ ތިން އަތޮޅުން 75 މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355