އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ކެންސަރަށް ހާއްސަ ވޯޑެއް ހަދަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެހީ ފޯރުކޮށްދިނުމުގެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެއީ މިއަހަރުގެ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރޭގައި ހިމެނޭ ހަރަކާތެވެ.
ބީއެމްއެލްއިން އެ ޕްރޮޖެކްޓް ހިންގުމަށް 3.5 މިލިއަން ރުފިޔާ ހަދިޔާ ކުރަން ހަމަޖެހިފައިވާއިރު އެމްއޯޔޫގައި ސޮއި ކުރުމަށް މިއަދު ބޭއްވި ހަފްލާގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ އިންޗާޖް އަދި އެކްޓިން އެމްޑީ ޢާއިޝަތު ނޫރައްދީންއެވެ. އަދި އައިޖީއެމްއެޗްގެ ފަރާތުން ސޮއި ކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމެވެ.
އެކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ ޢާއިޝާ ވިދާޅުވީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް އަމާޒުކޮށްފައި ވަނީ ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަށް ކަމަށެވެ.
"މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ބޭންކުގެ މާލީ އެހީތެރިކަން ލިބިގެން މިދަނީ ސިއްހީ ދާއިރާއަށް މިހާރުވެސް ވަރަށް ބޭނުންތެރި މުހިންމު ކަމަކަށް. މި ޕްރޮޖެކްޓްގެ އެހީގައި ކެންސާ ބަލި ތަހައްމަލުކުރަމުންދާ ބަލިމީހުންނަށް ހާއްސަ ވޯޑެއް ގާއިމްކުރެވިގެންދާނެ. އަދި އަޅުގަނޑުމެންގެ އުންމީދަކީ މި ވޯޑު މެދުވެރިކޮށް ރައްކާތެރި އަދި ފެންވަރު ރަނގަޅު އޮންކޮލޮޖީ ހިދުމަތްތަކެއް އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބިގެންދިޔުން،" އޭނާ ވިދާޅުވިއެވެ.
މިއަދު ސޮއިކުރި އެމްއޯޔޫއާ ގުޅިގެން އައިޖީއެމްއެޗްގެ ސީއީއޯ ސަލީމް ވިދާޅުވީ ކެންސަރު ބަލީގެ މީހުންނަށް ހާއްސަ ވޯޑެއް ގާއިމްކުރުމަށްޓަކައި ބީއެމްއެލްއިން ވި ދީލަތި އެހީއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
"މި އެހީގެ ސަބަބުން ބަލިމީހުންނަށް އެންމެ ފަހުގެ ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމަށް ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ. ކެންސަރު ބަލީގެ ފަރުވާ ބޭނުންވެފައި ތިބި ފަރާތްތަކަށް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހޯދައިދިނުމަކީ އައިޖީއެމްއެޗްގެ މުހިންމު ލަނޑުދަނޑިއެއް." އޭނާ ވިދާޅުވިއެވެ.
މިއީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމާ ހަމައަށް ކޮންމެ މަހަކު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ 10 ވަނަ ހަރަކާތެކެވެ.