twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގޮތް ނޭނގޭ ހަމުގެ ބައްޔެއް ޖެހި، ފަރުވާއަށް ހޯދުމަށް ކުރާ އާދޭސް

ނަބީލާ އިސްމާޢީލް
Sep 5, 2022

ކޮންމެ މީހަކީވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާނެ މީހެކެވެ. ހަށިގަނޑުގައި ބައްޔެއްގެ ވޭންއަޅާނަމަ އެ ބައްޔަކަށް ފަރުވާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮންމެ މީހަކުވެސް ކުރެއެވެ. ނަމަވެސް މި ހުރިހާކަމަށްވެސް ގިނަ ފަހަރު ހުރަސްއަޅަނީ މާލީ ހާލަތެވެ.

ރާއްޖޭން ފަރުވާ ނުލިބިއްޖެނަމަ ފަރުވާ ލިބޭ ހިސާބަކަށްގޮސް ހަށިގަނޑުގަ އަޅާވޭނަށް ކުޑަނަމަވެސް ލުޔެއް ކޮންމެ އިންސާނަކުވެސް ބޭނުންވާނެ އެވެ. އެކަމަކު އަހަރަކު ދެތިން ފަހަރު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި، މާލީ ތަނަވަސްކަން ހުންނަ މީހަކު މަދުވާނެއެވެ. ރައްޓެހިންނާއި އާއިލީ މީހުންގެ ފަރާތުން އެހީތެރިކަމެއް ލިބުނަސް އެއިން ވެސް ތިބެން ޖެހެނީ ދެކޮޅު ނުޖެހިއެވެ.

މިއަދު މި ދައްކަނީ އުމުރުން އެންމެ ޒުވާން ދުވަސްވަރު ހަމުގެ ބައްޔެއް ތަހައްމަލުކުރަމުންދާ އާދަމް ފާރޫގުގެ ވާހަކަ އެވެ. ހދ.ކުމުންދޫ ލޮނުމިދިލިމާގެއަށް އުފަން 32 އަހަރުގެ އާދަމް އަކީ 2014 ވަނަ އަހަރުން ފެށިގެން ހަމުގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ފަރާތެކެވެ.

އާދަމްގެ އެއްބަނޑު އެއްބަފާ ބޭބޭ މުހައްމަދު ފާރޫގު އާދަމްގެ، ހާލަތު ބަޔާންކޮށްދީ ކޭއޯ ވާހަކަދައްކަމުން ކިޔައިދިންގޮތުގައި އޭނާއަށް ފުރަތަމަ ހަމުގެ މައްސަލައެ ހުރިކަން ފާހަގަވެގެން 2014 ވަނަ އަހަރު ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ދިޔަކަމަށެވެ. އަދި އޭރު އިންޑިއާއިން ދިން ބޭސް ބޭނުންކުރުމުން ހަންގަނޑު ތަންކޮޅެއް ރަނގަޅުވާކަމަށެވެ.

ނަމަވެސް މިހާރު އެ މައްސަލަ އެއްގޮތަކަށްވެސް ފަސޭހަނުވެ ހުންނަތާ އަހަރަކަށްވުރެއް ގިނަދުވަސްވެދާނެ ކަމަށް އޭނާ ބުންޏެވެ. ކުޅުދުއްފުއްޓަށް ވެސް ދައްކާކަމަށާއި އެކަމަކު ދައްކައިގެން ހޯދާ ބޭހުން އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

"އިންޑިއާއަށް ދައްކައިގެން ބޭނުންކުރާ ބޭސް ނުލިބިގެން މި އުޅެނީ އެ ހުސްވި ފުޅިވެސް ފޮށިގަނޑުވެސް ގެއްލިގެން. އިތުރަށް އެ ބޭސް ލިބޭނީ އިންޑިއާއަށްގޮސް ޑޮކްޓަރަށް ދައްކައިގެން. ނަމަވެސް މާލީ ދަތިކަން ހުރުމުގެ ސަބަބުން ނުދެވިފަ މިތިބީ." އޭނާ ބޭބޭ ބުންޏެވެ.

މި ބަލީގެ ސަބަބުން އާދަމްއަކީ އަންނައުނު ލުމުގައިވެސް ދަތިތަކެއް ހުރި މީހެކެވެ. ހަނގަނޑު ބޯވެ މުޅި ގައި ފާރުވެފައިވާތީ ގައިގަ ޖެހޭގޮތަށް އެއްޗެހިލައިގެން އުޅުމަކީ އޭނާއަށް ބޮޑު ވޭނެކެވެ.

މީގެކުރިންވެސް އިންޑިއާއަށް ޑޮކްޓަރަށް ދައްކަން ދިޔައީ އަމިއްލަ ހަރަދުގައި ކަމަށާއި އާސަންދައިގެ އެހީތެރިކަން ނުލިބޭކަން ފާހަގަ ކުރަމުން އާދަމްގެ ބޭބެ މުހައްމަދު ބުނީ މިހާރުވެސްވީ ޕާސްޕޯޓަށް އެޕްލައި ކޮށްފައިކަމަށެވެ. އަދި ޕާސްޕޯޓް ލިބުމުން މި ފަހަރުވެސް އާސަންދަ ލިބޭތޯވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އާސަންދަ ލިބުނު ކަމުގައިވީނަމަވެސް ބަލީގެ ސަބަބުން އެއްވެސް މަސައްކަތެއް ނުކުރެވޭ، އާދަމް ގޮވައިގެން ބޭރަށްގޮސް ކުރަންޖެހޭ އެހެނިހެން ހަރަދުތައް ކުރުމަކީވެސް މި އާއިލާގެ ކެރިފޯރުންތެރިކަމުން ކުރެވޭނެ ކަމެއް ނޫނެވެ.

އެއްބަނޑު އެއްބަފާ 7 މީހުން ތިބޭއިރު އާދަމްއަކީ 6 ވަނަ ކުއްޖާއެވެ. އާދަމް މި ބަލިން ރަނގަޅުވެ، އަލުން އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވާން އާދަމް އާއި އޭނާގެ އާއިލާއިން އެދެނީ ތިޔަ އެންމެ ބޭފުޅުންގެ ދީލަތި އެހީތެރިކަމާއި، ހެޔޮ ދުޢާއެވެ.

މުހައްމަދު ފާރޫޤް 7706260658101 (ބީއެމްއެމް ރުފިޔާ އެކައުންޓް)

އިތުރު މަޢުލޫމާތު ހޯދުމަށް 9672480 މުހައްމަދު ފާރޫޤް (އާދަމް ފާރޫޤްގެ ބޭބެ).

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355