ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތް މިފަހަރު ކުރިއަށްދާނީ ކީ ސްޓޭޖްތަކަށް ބަހާލައިގެންކަމަށް އަތޮޅު ކައުންސިލުން ބުނެފި އެވެ.
ގައުމީ ޤުރުއާން މުބާރާތާ އެއްގޮތަށް ކީ ސްޓޭޖްތަކަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ މި މުބާރާތުގައި މިފަހަރުވެސް ދެ ކެޓަގަރީއެއް އޮންނާނެ އެވެ.
އެއީ ނުބަލައި ކިޔެވުމުގެ ކެޓަގަރީ އާއި ބަލައިގެން ކިޔެވުމުގެ ކެޓަގަރީ އެވެ. އަތޮޅު ކައުންސިލުން ބުނީ ކޮންމެ ކެޓަގަރީއެއްގައިވެސް ބައިވެރިކުރެވޭނީ ކޮންމެ ރަށަކުން ގިނަ ވެގެން 8 ދަރިވަރުން ކަމަށެވެ.
މި އަހަރުގެ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މިމަގުގެ 15 ވަނަ ދުވަހެވެ.
އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާ މި މުބާރާތް މިއަހަރު މި ބާއްވަނީ ކޮވިޑާ ހެދި ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.
މިއަހަރުގެ މުބާރާތް އޮންނާނީ އޮކްޓޯބަރުމަހު 6-8 އަށް ހދ ނޮޅިވަރަމްގައި އެވެ.