twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޗެމްޕިއަންސް ލީގު: ރެއާލާއި، ސިޓީ އަދި ޕީއެސްޖީ މޮޅަކުން ފެށިއިރު ޗެލްސީ ބަލިވެއްޖެ

މުޙައްމަދު އަހުމަދު
Sep 7, 2022

ރޭ ފެށި ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުތަކުން ޔޫރަޕުގެ ގަދަބާރުތައް ކަމަށްވާ ޕީއެސްޖީއާއި މެންޗެސްޓަރ ސިޓީ އަދި ޗެމްޕިއަންސް ލީގުގެ 13 ފަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މޮޅަކުން ފެށިއިރު ޗެލްސީ ބަލިވެއްޖެ އެވެ.

ރޭ ޕީއެސްޖީން ވަނީ އިޓަލީގެ ގަދަބާރު ޔުވެންޓަސް 2 - 1 ން ބަލިކޮށްފަ އެވެ. ކީލިއަން އެމްބާޕޭގެ ވޮލީ އަކުން ޕީއެސްޖީން ރޭގެ މެޗުގެ ކުރީކޮޅު ލީޑު ނެގިއިރު މެޗުގެ 22 ވަނަ މިނެޓުގައި ހަކީމީ ދިން ބޯޅައަކުން އެމްބާޕޭ ވަނީ އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދީފަ އެވެ.

ދެ ވަނަ ހާފްގައި މެކް ކެނީގެ ލަނޑުން ޔުވެންޓަސްއިން ފަރަގު ކުޑަކުރި ނަމަވެސް މެޗު މޮޅުވާން އެޓީމުން ކުރި މަސައްކަތް ވަނީ ކާމިޔާބުނުވެފަ އެވެ.

ރޭގެ އަނެއް މެޗުގެ ޗެލްސީ ބަލިވީ ޑައިނަމޯ ޒަގްރެބް އަތުންނެވެ. މިމެޗު ޑައިނަމޯއިން ކާމިޔާބުކުރީ 1 - 0 ގެ ހަނި ތަފާތަކުންނެވެ. މިމެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް ޗެލްސީން އުފެއްދި ނަމަވެސް އެޓީމަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. ޑައިނަމޯގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ 13 ވަނަ މިނެޓުގައި މިސްލާވް އޯސިޗެވެ.

ސެވިއްޔާ ދަނޑުގައި ރޭ މެންޗެސްޓާ ސިޓީން ވަނީ ފަސޭހަކަމާއެކު އެޓީމު 4 - 0 ން ބަލިކޮށްފަ އެވެ. ސެވިއްޔާއަށް މެޗުގައި އެއްވެސް ކަމެއް ނުކުރެވުނު އިރު މުޅި މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެ މެންޗެސްޓަރ ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އަލަށް އެޓީމާ ގުޅުނު ހާލަންޑް ރޭގެ މެޗުގައި ދެލަނޑު ކާމިޔާބުކުރިއިރު އަނެއް ދެލަނޑު ޖަހައިދިނީ ރުބެން ޑިއާސްއާއި ފިލް ފޮޑެން އެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ވެސް ރޭ ވަނީ ފަސޭހަކަމާއެކު 3 - 0 ން ސެލްޓިކްގެ މައްޗަށް ކުރިހޯދާފަ އެވެ. ރޭގެ މެޗުގައި ރެއާލުން 12 ހަމަލާއެއް އުފެއްދިއިރު ސެލްޓިކުން ވަނީ 10 ހަމަލާއެއް އުފައްދާފަ އެވެ. އެހެންނަމަވެސް ސެލްޓިކަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. ރޭގެ މެޗުގައި ރެއާލުގެ ލަނޑުތައް ޖަހައިދިނީ ވިނީޝިއަސް ޖޫނިއާއާއި ލޫކަ މޮޑްރިޗްގެ އިތުރުން އެޑެން ހަޒާޑެވެ.

ރޭ އިޓަލީގެ ޗެމްޕިއަން އޭސީ މިލާން ވަނީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގާ 1 - 1 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ. ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 3 - 0 ން ކޯޕެންހާގެން ބަލިކުރިއިރު ޝަހުތަރު ޑޮނެސްކުން ވަނީ ޖަރުމަނުގެ އާރްބީ ލައިޕްޒިގު އަތުން 4 - 1 ން މޮޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355