ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ޕީއެސްޖީން އެޓީމުތައް ކުޅުނު މެޗުތައް ކާމިޔާބުކުރިއިރު ޗެލްސީ އެއްވަރުވެ ޔުވެންޓަސް ލީގުގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ބަލިވެއްޖެ އެވެ.
ރެއާލުން އާރްބީ ލައިޕްޒިގު ބަލިކުރީ 2 - 0 ގެ ނަތީޖާއަކުންނެވެ. ފަހަތުން އަރައި 3 - 1 ން އިޒްރޭލުގެ މެކަބީ ހައިފާ އަތުން ޕީއެސްޖީ މޮޅުވިއިރު، ޔުވެންޓަސްއިން ވަނީ އަމިއްލަ ދަނޑުގައި ބެންފީކާ އަތުން 2 - 1 ން ބަލިވެފަ އެވެ.
ޕީއެސްޖީއާއި އިޒްރޭލުގެ މެކަބީ ހައިފާ ބައްދަލުކުރި މެޗުގައި ފުރަތަމަ ލީޑު ނެގީ މެކަބީ ހައިފާއިންނެވެ. ޖާރޯން ޗެރީ ބޮލުން ޖެހި ގޯލުން ލީޑުނެގި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ލިއޮނަލް މެސީ ވަނީ ޕީއެސްޖީއަށް އެއްވަރުކޮށްދީފަ އެވެ.
މެޗުގެ 69 ވަަނަ މިނެޓުގައި މެސީގެ އެސިސްޓަކުން ކީލިއަން އެމްބާޕޭ ޖެހި ލަނޑާއެކު ޕީއެސްޖީން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގި އެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތު ކޮޅު ޕީއެސްޖީގެ 3 ވަނަ ލަނޑު ޖެހީ ނޭމާ އެވެ.
ޔުވެންޓަސްއާއި ބެންފީކާ ބައްދަލުކުރި މެޗުގެ ހަތަރު ވަނަ މިނެޓްގައި ޔުވެންޓަސްގެ އާކަންޑިއުޒް މިލިކް އެ ޓީމަށް ލީޑުނަގައި ދިން ނަމަވެސް ބެންފީކާއިން ޔާއޯ މާރިއޯ ކާމިޔާބުކޮށްދިން ޕެނަލްޓީން ނަތީޖާ ހަމަހަމަކުރި އެވެ. ބެންފީކާ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ޑޭވިޑް ނެރެސް އެވެ.
ރެއާލާ އާރްބީ ލައިޕްޒިގު ބައްދަލުކުރި މެޗުގައި ދެޓީމުން ވެސް މޮޅު ކުޅުމެއް ދެއްކިއިރު ރެއާލުގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 80 ވަނަ މިނެޓުގައި ފެޑެރީކޯ ވަލްވޭޑޭ އެވެ. އިތުރު ވަގުތުގައި ރެއާލްގެ ދެ ވަނަ ގޯލު ކްރޫސްގެ އެސިސްޓަކުން ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯ އެވެ.
ޗެލްސީއާ އާރްބީ ސާލްޒްބާގް ބައްދަލުކުރި މެޗު 1 - 1 ން އެއްވަރުވިއިރު ރޭ ސެވިއްޔާއާއި ކޮޕެންހޭގަން ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެންޗެސްޓަރ ސިޓީން ރޭ ވަނީ 2 - 0 ން ބޮރޫޝިއާ ޑޯޓުމަންޑް ބަލިކޮށްފަ އެވެ. އަދި ނަޕޯލީން ވަނީ 3 - 0 ން ރޭންޖާސް ބަލިކޮށްފަ އެވެ.