އަވައްޓެރި ފުލުހުންގެ ހަފުތާ ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން ކުޅުދުއްފުށީ ބަނދަރު ސަރަހައްދު މިއަދު ސާފުކޮށްފި އެވެ.
މިއަދު ހެނދުނު ކުރިއަށްގެންދިޔަ ސާފުކުރުމުގެ މި ހަރަކާތުގެ ތެރޭގައި ޕްލާސްޓިކް ހޮވައި ސާފުކޮށްފައިވަނީ އުތުރު ބަނދަރު ސަރައްދުން ފެށިގެން ތަރި ޕާރކާ ދެމެދެވެ.
ގާތްގަނޑަކަށް ގަޑިއިރަކަށް ކުރިއަށްގެންދިޔަ މި ހަރަކާތުން ހަތަރު ޓަނުގެ ޕްލާސްޓިކް ކުނި ހޮވައި ސާފުކޮށްފައިވެ އެވެ. މި ހަރަކާތުގައި ފުލުހުންނާއެކު ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލުގެ އިތުރުން ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސް އަދި ހަށިހެޔޮ ޕްރޮގުރާމުގެ ބައިވެރިންގެ އެހީތެރިކަން ލިބިގެންދިޔަ އެވެ.
އަވައްޓެރި ފުލުހުންގެ ހަފުތާ ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި ގިނަ ހަރަކާތްތަކެއް ފުލުހުން ކުރިއަށް އެބަގެންދެ އެެވެ.
އެގޮތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތަކާއި ޕާރކްތަކަށް ޒިޔާރަތްކޮށް ސާފުކުރުމުގެ ހަރަކާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޒިޔާރާތްކުރުން ހިމެނެ އެވެ. މީގެ އިތުރުން ހާއްސަ ފުޓްބޯޅަ މެޗެއް ކުޅެ ގެތަކަށް ޒިޔާރާތްކޮށްފައިވެސް ވެ އެވެ.
އަދި ފުލުހުންނާ ގާތުން މަސައްކަތްކުރާ ފަރާތްތަކާއެކު ބައްދަލުކުރާނެ އެވެ. މި ބައްދަލުވުންތަކުގައި އެ މީހުންގެ ހިޔާލާއި މަޝްވަރާ ހޯދައި ގުޅިގެން ކުރެވެން ހުރި ކަންތައްތަކަކީ ކޮބާތޯ ބަލާނެ އެވެ.
ކުޅުދުއްފުށީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު އެވެ. އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާއި ގާތުން، ރައްޔިތުންގެ ބައިވެރިވުމާއެކު ކުށްމަދު އަމާން މުޖްތަމައެއް އުފެއްދުމަށް މަސައްކަތް ކުރުމަށް އެކުލަވާލެވިފައިވާ ފުލުހުންގެ ހިދުމަތް ދިނުމުގެ ނިޒާމެކެވެ.