twitterviber whatsapp telegramfacebookyoutube instagram
29th March 2024

މޫނުމައްޗަށް އެބުރުވާލީ ދުންގަނޑު - ރައްކާތެރި މާހައުލެއް ގާއިމުކޮށްދޭންޖެހޭ!

ހ.މ
Oct 1, 2022
2

ކުދިވެރިން ގޮވައިގެން ޕާރކަށް ދިޔަ މަގުމަތީގައިވީ ކަމެކެވެ. އެއީ ހަވީރުގެ އެންމެ ހަލަބޮލި ވަގުތެވެ. ހަނި ޕޭވްމަންޓް މަތިން އެކަކު ގައިން ނެއްޓުނަސް އަނެކަކު ގައިގާ ނުޖެހިއެއް ނުދެވެއެވެ. ކުޑަކުދިންނަށް ވުމާއެކު، އެކުދިންގެ ހަލަނިކަންވެސް އެހާމެ ބޮޑެވެ. ކޮންމެފަދަ ކަމަކަށްވެސް ބަލަބަލާ ހުށިޔާރުގައި ހުންނަންޖެހެއެވެ. މިފަދަ ހާލެއްގައި ދަނިކޮށް އެއް ކުއްޖެއްގެ ފައިވާން ދޫވެއްޖެއެވެ. ފައިވާން ނަގަން އެނބުރެލިތަނާ، ފަހަތުން އައި މީހާ ބޮމުންދިޔަ ސިނގިރޭޓް އަނގައިން ނައްޓާލުމަށްފަހު ދުންގަނޑު ބޭރުކޮށްލީއެވެ. މުޅިމޫނު މައްޗަށެވެ. އެނބުރުން އަރައިގަތެވެ. ކޮށިއަރައިގަނެ ހޮޑުލަވައި ގޮތްވެސް ވިއެވެ. ހަމަޔަކަށް އެޅުނީ އިރުގަނޑެއް ފަހުންނެވެ.

ކަންމިހެން އޮތްއިރު މީގެ ނުރައްކާތެރިކަން އިންތިހާއެވެ. ސިއްހަތާ ބެހޭ ދުނިޔޭގެ ވުޒާރާއިން ހާމަކުރާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އަހަރަކު 6 މިލިއަނަށްވުރެ ގިނަ މީހުން ދުނިޔޭގައި މަރުވެއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް މިލިއަނެއްހާ މީހުންނަކީ ދުންފަތުގެ ދުމުގެ އަސަރު ކޮށްގެން، ނުވަތަ ކައިރީގައި ދިރިއުޅޭ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ސަބަބުން މަރުވާ މީހުންކަމުގައި ގްލޯބަލް ބާޑްން އޮފް ޑިޒީޒް (ޖީބީޑީ) އިން އެއްކޮށްފައިވާ މައުލޫމާތުތަކުން ހާމަވެފައިވެ އެވެ.

ސެކެންޑް ހޭންޑް ސްމޯކިންގ ނުވަތަ ޕެސިވް ސްމޯކިންގ އަކީ އެހާ ނުރައްކާތެރި ކަމެކެވެ. އޭގެ އިސްތިއުމާލު ނުކޮށް އޭގެ ގެއްލުމުގެ ތެރެއަށް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ހުށަހެޅިގެންދަނީ އެކުގައި އުޅޭ ރައްޓެހިން ނުވަތަ އާއިލާ މީހުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންގެ ސަބަބުންނެވެ. އަނެއް ބަޔަކު ފެށުމުގައިވެސް އަޅުގަނޑު މިފާހަގަކޮށްފައިވާ ގޮތަށް، މުޖުތަމަޢުގެ ތެރެއިންނެވެ. މަގުމަތިންނެވެ. ކެފޭތަކުންނެވެ. ޕަރކުތަކާއި މީހުން އެއްވެ އުޅޭ މާރުކޭޓު ފަދަ ތަންތަނުންނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު 2010/15 އާއި އޭގެ ދަށުން ގަވާއިދުތައް އެކި ދުވަސްވަރު މަތިން ހެދި އަމަލުކުރަމުން އައިސްފައިވެއެވެ. އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާ ގަވާއިދެއް އެކުލަވާލައި މީގެކުރިން އެއަށް އަމަލުކުރަން ފެށިއެވެ. އެއާއެކު، ކެފޭ، ރެސްޓޯރެންޓް، ޕާރކުތައް، ސްކޫލުތައް ކައިރި، އޮފީސްތައް ކައިރި އަދި މާރުކޭޓު ފަދަ ތަންތާގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރައްހަދު ބަޔާންކޮށް ބޯޑުތަކެއްވެސް ހަރުކުރިއެވެ.

ނަމަވެސް، އެ އުސޫލު ދެމެހެއްޓުނީ ވަރަށް މަދު ދުވަހެކެވެ. އޭގައިވާ ގޮތުގެ މަތިން ކަންކަން ބަލައި ފިޔަވަޅު އެޅިފައިވަނީ ވަރަށް މަދު ފަހަރެއްގައެވެ. ކެފޭ، ރެސްޓޯރަންޓް، މާރުކޭޓު، ޕާރކު، އަދި ސްކޫލުތައް ކައިރީގައި ހަރުކުރެވުނު ބޯޑުތަކުގައިވާ ގޮތަށް އެދުވަސް ކޮޅު އެކަން ކޮންމެވެސް ވަރެއްގެ ހައްލެއް އައެވެ. މިހާރު ކުރިޔެކޭ އެއްފަދަ އެވެ. އެއްވެސް ތަނެއްގައި އެކަން ކުރުމުން އެޅޭ ފިޔަވަޅެއް ނެތެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދު ޖަހާފައިވާ ބޯޑެއް ހުރުމެކޭ ނެތުމެކޭ ތަފާތެއް ނުފެނެއެވެ.

ދުންފަތް ފަދަ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކޮށް ދުޅަހެޔޮ ކަމުގައި ދެމިހުރުމުގެ އިންސާނީ ހައްގު ކަށަވަރު ކުރުމަކީ، ދައުލަތުގެ މައްޗަށް ލާޒިމުކަމެކެވެ. މަގުތަކާ އާންމު ތަންތަނުގައި ރައްކާތެރިކަމާއެކު ހަރަކާތްތެރިވެ އުޅެވޭނެ މާހައުލެއް ގާއިމްކޮށް ދިނުމަކީ ވެރިންގެ ޒިންމާއެކެވެ. ގާނޫނުތަކާ ގަވާއިދުތައް ހަދައި އެއަށް ހޭލުންތެރިކަން އިތުރުކުރަންޖެހެއެވެ. ތަންފީޒު ކުރަންޖެހެއެވެ. ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ހުއްޓުވަން ޖެހެއެވެ. ދުންފަތް ބޭނުންކުރާ މީހުންގެ ކިބައިން، އެ ބޭނުންނުކުރާ މީހުންނަށް ލިބޭ މިބޮޑު ގެއްލުމުން ރައްކާތެރިކަން ހޯދައިދޭންޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355