މިހާރު ކުރިއަށްދާ ފާރޮށި އިންޓަރ އޮފީސް ކޮރަލްސް ފުޓްބޯލް ޓޯނަމެންޓްގައި އިއްޔެ ހަވީރު ޓީމް އާރްސީއެލްއާއި ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ) ބައްދަލުކުރި މެޗު ހަނި ތަފާތަކުން ކޭސީޕީން ކާމިޔާބުކޮށްފި އެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ކޭސީޕީން ކާމިޔާބުކުރީ 2 - 1 ންނެވެ. ޕޮލިހުގެ ފަރާތުން ރަނގަޅު ކުޅުމެއް މިމެޗުގައި ފެނުނުއިރު ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ޕޮލިހުންނެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި ކޭސީޕީގެ އާސިފް ސަލީމް ވަނީ އެޓީމަށް ލަނޑު ޖަހައިދީފަ އެވެ.
ޕޮލިހަށް ލީޑު ހިފަހައްޓާލެވުނީ އެންމެ 9 ވަރަކަށް މިނެޓަށެވެ. ސާލިމް މުހައްމަދުގެ ލަނޑުން އާރްއޭސީއެލް އެއްވަރުކުރި އެވެ. އާރްއޭސީއެލުން ވެސް ލަނޑު ޖަހަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޮލިސް މޮޅުވި ލަނޑު 40 ވަނަ މިނެޓުގައި ޖެހީ އަހްމަދު ގާސިމް (އޭންޓް) އެވެ.
އޭންޓްގެ ފަރާތުން މިމެޗުގައި ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.
ކުލަބް ކޮރަލްސްއިން މިފަދަ ބޮޑު ފުޓްބޯޅަ މުބާރާތެއް އޮފީސްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަގްސަދަކީ ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރި ކަމާއި ކުޅިވަރުގެ ރޫހް އާލާކުރުމާއިއެކު ފުޓްބޯޅަ އަށް ޝައުގުވެރި ކުރުވުމުގެ އިތުރުން ބޮޑު ފުޓްބޯޅަ މުބާރާތެއްގައި ވާދަ ކުރުމުގެ ފުރުސަތު، ސަރުކާރު އޮފީސް އަދި ކުންފުނި ތަކުގެ ކުޅުންތެރިންނަށް ހޯދައިދިނުމާއި ސަރުކާރުގެ އޮފީސް ނުވަތަ ކުންފުނިތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުންކަމަށް ކުލަބް ކޮރަލްސްއިން މައުލޫމާތުދެ އެވެ.
މިމުބާރާތުގައި މިއަދު މެޗެއް ނޯންނާނެ އެވެ. މާދަމާ (26 ސެޕްޓެމްބަރު) ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިރާގާއި ޕޮލިހެވެ. އެމެޗު ފަށާނީ 4 ޖަހާއިރު ކޮރަލް ދަނޑުގަ އެވެ.