twitterviber whatsapp telegramfacebookyoutube instagram
18th April 2024

ދޮޅުލައްކަ ރުފިޔާގެ އިނާމާއެކު ޖުލައި 1 ވަނަ ދުވަހު ދިރާގު ބްރޯޑް ބޭންޑް ރޯޑްރޭސް ބާއްވަނީ

Jun 2, 2011

މީގެ ފަސްއަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނަ ދިރާގު ބްރޯޑް ބޭންޑް ރޯޑްރޭސް ދޮޅުލައްކަ ރުފިޔާގެ އިނާމަކާއެކު މިއަހަރުގެ ޖުލައި 1 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.

އެތްލެޓިކްސް އެސޯސިއޭޝަނާއި ގުޅިގެން މިއަހަރު ބާއްވާ ދިރާގު ރޯޑް ރޭސްގެ ޝިއާރަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމެވެ. މީގެ ފަސްއަހަރު ކުރިންފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ދިރާގު ބްރޯޑްބޭންޑް ރޭސް މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ ރާޅުގަނޑު ސަރަހައްދުންނެވެ.

ދިރާގުން މައުލޫމާތު ދޭގޮތުގައި މިއަހަރުގެ ރޭސް ހިނގަމުންދާއިރު މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޑަކުދިންގެ ހަވީރެއް ހިނގަމުން ދާނެއެވެ. އަދި ކުޑަކުދިންނަށް ދެވޭ އަނިޔާތައް ހުއްޓުވުމަށް ތަފާތު އެންޖީއޯސްތަކާއި ގުޅިގެން ގޮވާލާ އާއްމުން އިތުރަށް ހޭލުންތެރިކުރުމަށް ޕްރޮގްރާމްތަކެއްވެސް އެސަރަޙައްދުގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ ރޭހުގައި މުޅިންއަލަށް ރިސޯޓް ޓީމުތަކުގެ ކެޓެގަރީއާއި 13 އަހަރުން ދަށުގެ ކެޓެގަރީ ހިމެނިފައިވެއެވެ.

ޕްރޮފެޝަނަލް ބައިން އެއްވަނައަށް 8000 ރުފިޔާ ހުށަހެޅިފައި ވާއިރު ދެވަނަ އަށް ދާފަރާތަކަށް 6000 ރުފިޔާ ހުށަހެޅިފައިވެއެވެ. އެމެޗަރ ބައިގައި 40 އަހަރުން ދަށާއި މަތީގެ ކެޓެގަރީތަކުގައި އެއްވަނައަށް 5000 ރުފިޔާ އަދި ދެވަނަ 4000 ރުފިޔާ ހުށަހެޅިފައިވެއެވެ. އަދި ކޮންމެ ކެޓެގަރީ އަކުން ތިންވަނައަށްވެސް ފައިސާގެ އިނާމުވަނީ ހުށަހެޅިފައެވެ.

ޓީމުތަކުގެ ކެޓަގަރީތަކުގެ އެއްވަނައަށް 10000 ރުފިޔާ ހުށަހެޅިފައި މިރޭހުގައި އެންމެ ހަގު ބައިވެރިޔާއާއި 50 އަހަރުން މަތީގެ އެންމެ ދޮށީ ބައިވެރިޔާވެސް ހޮވުމަށް ހަމަޖެހިފައިވާކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.

މިރޭހުގައި ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިކަމަށް ހާއްސަކޮށްގެން ދިރާގުގެ ވެބްސައިޓުގައި ހަދާފައިވާ ވެބްޕޯޓަލްއިން ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމް ލިބޭނެއެވެ. ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ ޖޫން 25 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355