މިހާރު ކުޅުދުއްފުށީގައި ކުރިއަށްދާ ކޮރަލްސް އިންޓަރ އޮފީސް ފުޓްބޯޅަ މުބާރާތުގައި މިއަދު ކޭއާރުއެޗުން އާރްއޭސީއެލް ބަލިކުރިއިރު އާރްއޭސީއެލް އުދަނގޫ ހާލަތަކަށް ވެއްޓިއްޖެ އެވެ.
މިއަދު ހަވީރު ކޮރަލް ދަނޑުގައި ކުޅެވުނު މެޗު ކުލަބް ކޭއާރުއެޗުން ކާމިޔާބުކުރީ 2 - 1 ންނެވެ. މެޗުގައި ފޯރިގަދަ އަދި އެހާމެ ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ހަނި ތަފާތަކުން މެޗު ކާމިޔާބުކުރީ ކޭއާރުއެޗުންނެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކޭއާރުއެޗުންނެވެ. މިލަނޑު އެޓީމަށް ޖަހައިދީ އެޓީމުގެ ޖޯޒީ ނަމްބަރު 8 މުހައްމަދު ނަޝީދު (ފޯވާޑް) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1 - 0 ން ކޭއާރުއެޗު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި އާރްއޭސީއެލްއަށް ލިބުނުއިރު އެ ޕެނަލްޓީ ކޭއާރުއެޗުގެ ކީޕަރު މާހީ ސޭވް ކުރި އެވެ. އެހެންނަމަވެސް 63 ވަނަ މިނެޓުގައި ބޯޅަ ގޯލަށް ވައްދާލާ އާރްއޭސީއެލްގެ އަލީ ހުސެއިން ވަނީ ނަތީޖާ ހަމަކޮށްފަ އެވެ.
މެޗުގައި ކޭއާރުއެޗު މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ 4 ވަނަ މިނެޓުގައި ޖަހައިދިނީ އިބްރާހިމް ހުސެއިން (މައްލެ) އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭއާރުއެޗުގެ ކެޕްޓަން އަހްމަދު ދާއޫދެވެ.
މީގެކުރިން ކުޅުނު މެޗުން ކޭއާރުއެޗުން ދިރާގާ އެއްވަރުވިއިރު އާރްއޭސީއެލް ވަނީ ކުރިން ކުޅުނު މެޗުން ވެސް ބަލިވެފަ އެވެ. އަދި އެޓީމު މިހާރު ވަނީ އުދަނގޫ ހާލަތަކަށް ވެއްޓި މުބާރާތުގައި ކުރިއަށްދިއުމަށް ހުރަސްތަކެއް އެޅިފަ އެވެ.
މާދަމާ ކުޅެވޭ މެޗުގައި ކޭސީޕީން ނުކުންނާނީ ދިރާގާ ދެކޮޅަށެވެ. މިމެޗު ފަށާނީ ހަވީރު 4 ޖަހާއިރު ކޮރަލް ދަނޑުގަ އެވެ.