ފާރޮށި އިންޓަރ އޮފީސް ކޮރަލްސް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅެވުނު ފޯރިގަދަ މެޗުގައި ފަސޭހަކަމާއެކު ކޭސީޕީން ދިރާގުގެ މައްޗަށް ކުރިހޯދައިފި އެވެ.
އިއްޔެ ހަވީރު ކޮރަލް ދަނޑުގައި ދިރާގާއި ކޭސީޕީ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ކޭސީޕީން ކާމިޔާބުކުރީ 4 - 0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެޓީމުން ވެސް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ދިރާގަށް މެޗުގައި ލަނޑެއް ކާމިޔާބުކުރެވޭ ގޮތްވަނީ ނުވެފަ އެވެ.
މުޅި މެޗު ކޭސީޕީން ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނެގި އެވެ. 6 ވަނަ މިނެޓުގައި އާލިފް އިބްރާހިމްގެ ލަނޑުން ކޭސީޕީން ލީޑު ނެގި އެވެ. މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޭސީޕީން ދެވަނަ ލަނޑެއް ޖަހާ ލީޑު ފުޅާކުރި އެވެ.
މެޗުގެ 35 ވަނަ މިނެޓުގައި މިލަނޑު ޖަހައިދިނީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅޭ އިބްރާހިމް ވަހީދު (އިއްބެ) އެވެ. ދެވަނަ ހާފު ފަށައިގެން 63 ވަނަ މިނެޓުގައި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ކޭސީޕީގެ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު ރަޝީދު (ހޮކޭ) ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ.
ކޭސީޕީގެ ފަހު ލަނޑަކީ 84 ވަނަ މިނެޓުގައި ކޭސީޕީގެ ކުޅަދާނަ ފޯވާޑް އާސިފް ސަލީމް (އާސިއްޕެ) ކާމިޔާބުކޮށްދިން ގޯލެކެވެ. މިމެޗުގައި ދިރާގަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވި އެވެ.
މާދަމާ (29 ސެޕްޓެމްބަރު) ވަނަ ދުވަހު ވެސް މިމުބާރާތުގެ މެޗެއް ކުޅެވޭނެ އެވެ. މިމެޗުގައި ބައްދަލުކުރާނީ ދިރާގާ އާރްއޭސީއެލް އެވެ. މިމެޗަކީ މިދެޓީމަށް ވެސް ވަރަށް މުހިންމު މެޗަކަށްވާނެ އެވެ. ދިރާގުން އެއްމެޗުން އެއްވަރުވެ އަނެއް މެޗުން ބަލިވެފަ ވާއިރު އާރްއޭސީއެލް ވަނީ ކުޅުނު ދެމެޗުން ވެސް ބަލިވެފަ އެވެ. މިމެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު ކޮރަލް ދަނޑުގަ އެވެ.