އެކިއެކި މުނާސަބަތުތައް ފާހަގަަކުރުމަށް ސްކޫލްތަކުގައި ބާއްވާ ހަރަކާތްތައް އިންތިޒާމުކުރުމުގައި ކުރާ ހޭދަތައް މަދުކުރުމަށާއި ބެލެނިވެރިން އަތުން ފައިސާ ހޯދައިގެން ކަންކަން ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ، ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެކިއެކި މުނާސަބަތުތަކާއި ގުޅުވައިގެން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ބޮޑެތި ހޭދަތައް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އަދި މި ގޮތަށް ކުރާ ހޭދަތަކަށް ބޭނުންވާ ފައިސާ ސްކޫލްތަކުގެ ޕީޓީއޭ މެދުވެރިކޮށާއި އެކި ފަރާތްތަކުން ހިލޭ އެހީ އާއި ސްޕޮންސަރުގެ ގޮތުގައި ހޯދާކަން ފާހަގަ ކުރެވޭ ކަމަށް ވިދާޅުވެފައިވެ އެވެ.
އެފަދަ ކަންކަމަށް ހޭދަކުރުމަށް ބެލެނިވެރިން މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާ ހޯދުމާއި ބެެލެނިވެރިން ލައްވައި ބޮޑެތި ހޭދަތައް ކުރުވުމަކީ މިނިސްޓްރީން އެއްވެސް ވަރަކަށް ތަރުހީބުދޭ ކަމެއް ނޫންކަމަށާއި އެ ކަންކަން އެ ގޮތަށް ކުރުމުގެ ސަބަބުން މިނިސްޓްރީއަށް ޝަކުވާ ލިބެމުންދާ ކަމަށް މިނިސްޓަރުގެ ސިޓީގައި ވެއެވެ.
"ސްކޫލްތަކުން ރާވާ ހިންގޭ ކޮންމެ ހަރަކާތަކީ އެ ކަމުގެ ސީދާ މަންފާ ދަރިވަރުންނަށް ކުރާ ގޮތަށް ހިންގާ ހަރަކާތަަކަށް ހެދުމާއި ބެލެނިވެރިން ދަރިވަރުންނަށް ޓަކައި ކުރާ ކޮންމެ ހޭދައަކީ އެ ކަމުގެ ސީދާ އަސަރު ދަރިވަރުންނަށް ކުރާ ކަމަކަށް ހެދުމަށް މި މިނިސްޓްރީން އަބަދުވެސް ބާރު އަޅަމެވެ." މިނިސްޓަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެ އެވެ.
ހޭދަތައް ކުރުމުގައި އިގްތިސާދުކުރުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް ބާރުއަޅައި ހިތްވަރު ދޭން ޖެހޭ ކަމަށާއި މުޅި ދުނިޔެ އިގްތިސާދީ ބަނަ ވިލާގަނޑެއްގެ ތެރޭގައި އޮތް މިފަދަ ދުވަސްވަރެއްގައި ހަރަދު ކުޑަ ކުރުމާއި އިސްރާފުކުރުން މަދުކުރުމަށް ދަރިވަރުންނަށް ދަސްކޮށްދީ ހިތްވަރު ދިނުމުގައި ތައުލީމީ ނިޒާމުގެ ތެރެއިން ނަމޫނާ ދެއްކިދާނެ ކަމަށް އެ ސިޓީގައި ވެ އެވެ.