twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސަރުކާރުގެ ސިޔާސަތަކީ އަތްފޯރާ އަގެއްގައި ދަތުރުފަތުރުކުރެވޭނެ ހިދުމަތް ގާއިމުކުރުން: ނައިބު ރައީސް

ނަބީލާ އިސްމާޢީލް
Oct 1, 2022

މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށް، ދެމެހެއްޓެނިވި އަދި އަތްފޯރާ އަގެއްގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުފަތުރުކުރެވޭނެ ފަދަ އެކަމަށް ބޭނުންތެރި ހިދުމަތްތައް ގާއިމުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އަދާރަން ސިލެކްޓް ހުދުރަން ފުށީގައި ރޭ ބޭއްވި ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2022 ގެ ހަވަނަ އެޑިޝަންގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަގައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ ސަޓާ 2016 ވަނަ އަހަރު އިފްތިތާހްކުރެވުނު ފަހުން، ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ފާހަގަކުރާ ދެވަނައެއް ނެތް ބަޔަކަށް ސަޓާ ވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި، ސަޓާ ގެ އޯގަނައިޒަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި އެމަނިކުފާނު ވަނީ ސަޓާ އެވޯޑްސްގައި ތަމްސީލުކުރާ ދެކުނު އޭޝިއާގެ ހަ ޤައުމަކީ ދުނިޔޭގައި ވެސް ފަތުރުވެރިކަމުގެ ގޮތުން އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދޭ ނަމޫނާ ގައުމުތައްކަން ފާހަގަކުރައްވާފައެވެ.

މީގެ 50 އަހަރު ކުރިން ރާއްޖޭގެ ފަތުރުވެރިކަން އުފެދިގެންއައި ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެވުނީ ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި، ޒުވާން ބައެއް ފަރާތްތަކުން ކުރި ބުރަ، އިހްލާސްތެރި، އަދި މިންނެތް މަސައްކަތްތަކުންކަން ފާހަގަކުރައްވާފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ނައިބު ވަނީ ރާއްޖެއަކީ އެންމެ ކުރިއަރާފައިވާ އެއް މަންޒިލްކަން ފާހަގަކުރައްވާފައެވެ. އަދި އެ ކާމިޔާބީ ލިބުމުގެ އަސްލު ހަގީގަތަކީ ރާއްޖޭގެ މެހެމާންދާރީ އަދާކުރުމުގެ ސިފަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހިންގެ އެންމެ ހާއްސަ އެއްކަމަކީ ގާތް ރަހްމަތްތެރިކަމާއި، ދީލަތިކަމާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރާތްކުރާ ކޮންމެ ފަތުރުވެރިއަކަށްވެސް އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމުގެ ވިސްނުން ހުރެ އެކަމަށް ކުރާ މަސައްކަތްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރުކުރުމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަންޖެހުނު ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ރިސޯޓްތަކާއި ގެސްޓްހައުސްތައް ވަގުތީގޮތުން ބަންދުކުރަން ޖެހުމުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށެވެ.

އަދި އެމަނިކުފާނު ވިދާޅުވީ، އަލުން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިންނަށް މި ގައުމަށް އައުމަށް މަގުފަހިވެގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމާއި، ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތު ގުޅިގެން ކުރި މަސައްކަތުންކަމުގައި ފާހަގަކުރައްވާފައެވެ.

މި ހަފްލާގައި ނައިބު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވައި ކޮވިޑްއަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެކޭ އެއްގޮތްވުމަށް ފަތުރުވެރިކަމުގެ ސިނާޢައަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން ލިބުނުކަމުގައި ފާހަގަކުރައްވާފައެވެ.

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ސަޓާ 2022" އެވޯޑް ފަތުރުވެރިކަމުގެ ދާއިރާއާއި ހޮސްޕިޓާލިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރެއްވި 5 ފަންނުވެރިންނަށް ހަވާލުކޮށްދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355