twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޮރަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޮލިހަށް، މޮޅު ކުޅުންތެރިޔަކަށް އާސިއްޕެ

މުޙައްމަދު އަހުމަދު
Oct 3, 2022
1

ކުލަބް ކޮރަލްސްއިން އިންތިޒާމުކޮށްގެން ބޭއްވި ފާރޮށި އިންޓަރ އޮފީސް ކޮރަލްސް ފުޓްބޯލް ޓޯނަމެންޓުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ސީކޭއާރުއެޗު) ބަލިކޮށް ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ)ން ހޯދައިފި އެވެ.

އިއްޔެ ހަވީރު ކޮރަލް ދަނޑުގައި ކުޅެވުނު މިފޯރިގަދަ ފައިނަލް މެޗު ކޭސީޕީން ކާމިޔާބުކުރީ 4 - 2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގިނަ ކުޅުންތެރިންތަކެއްގެ ހުނަރު ފެނިގެންދިޔައިރު މިމެޗު ދިޔައީ ވަރަށް ވެސް ވާދަވެރި ކޮށެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ކޭސީޕީންނެވެ. ކޭސީޕީގެ ސަމްދޫހު މުހައްމަދު މެޗުގެ ކުރީކޮޅު ޖަހައިދިން ލަނޑުން ކޭސީޕީން ލީޑު ނެގިނަމަވެސް މި ލީޑުގައި ހިފަހައްޓާލެވުނީ ކުޑައިރުކޮޅަކަށެވެ. މެޗުގެ 16 ވަނަ މިނެޓުގައި ކޭއާރުއެޗުގެ މުހައްމަދު ނަޝީދު (ފޯވާޑް) އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

ކޭސީޕީއަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގުނީ ކޭއާރުއެޗުގެ ޑިފެންޑަރު އަލީ ރިޒާ އަތުން 47 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ގޯލާއެކު އެވެ. މިލަނޑާއެކު ކޭއާރުއެޗަށް އުދަނގޫތަކެއް މެޗުގައި ކުރިމަތިވި އެވެ. ކޭސީޕީއަށް ކުޅޭ ރާއްޖޭގެ ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ވަނީ 73 ވަނަ މިނެޓުގައި ކޭސީޕީއަށް ލީޑު ފުޅާކޮށްދީފަ އެވެ.

މެޗުގައި ކޭސީޕީގެ ފަހު ލަނޑު ޖަހައިދިނީ އެޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ އާސިފް ސަލީމް (އާސިއްޕެ) އެވެ. ކޭއާރުއެޗުގެ 2 ވަނަ ލަނޑު 91 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ނަދީމެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭސީޕީގެ އިބްރާހިމް ވަހީދު (އިއްބެ) އެވެ. އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިހުން ހޯދިއިރު ކޭއާރުއެޗުން ވަނީ ރަނަރަޕްކަން ހޯދާފަ އެވެ.

މިމުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް އާރްއޭސީއެލް ހޮވުނު އިރު ޓޮޕް ސްކޯރާގެ މަގާމު ދެ ކުޅުންތެރިޔަކަށް ލިބިފަ އެވެ. އެއީ ކޭއާރުއެޗުގެ މުހައްމަދު ނަޝީދު (ފޯވާޑް) އަދި ކޭސީޕީގެ އާސިފް ސަލީމް (އާސިއްޕެ) އެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ޖުމްލަ 3 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އެންމެ މޮޅު ކީޕަރަކަށް ކޭއާރުއެޗުގެ މާހީ އަބްދުﷲ ހޮވުނުއިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ކޭސީޕީގެ އަހްމަދު މުހައްމަދު (ވެނިސް) އެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ކޭސީޕީގެ މުހައްމަދު ނަދީމް (ނަޑަކް) ހޮވުނުއިރު އެންމެ މޮޅު ކޯޗަކީ ކޭސީޕީގެ ފަރުހަތު މުހައްމަދު (ފަރޭ) އެވެ. އަދި ކުޅުދުއްފުށީގައި ބޭއްވުނު އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ މުޅި މުބާރާތުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭސީޕީއަށް ކުޅޭ ހަނިމާދޫގެ ހުނަރުވެރި ކުޅުންތެރިޔާ އާސިފް ސަލީމް (އާސިއްޕެ) އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355