އުރީދޫ މޯލްޑިވްސް އިން ވަނީ ރާއްޖޭގެ މެރިން ސާވިސަސްގައި ކުރިއަރަމުން އަންނަ ޖަލްބޫޓް މޯލްޑިވްސް ގެ އުޅަނދުތަކުގައި ދަތުރު ކުރާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު މުވާސަލާތީ ހިދުމަތްތައް ފަހިކޮށްދީ، ޑިޖިޓަލް ހައްލުތަކާއެކު ޖަލްބޫޓްއިން ފޯރުކޮށްދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެ މަގްސަދުގައި އެ ކުންފުންޏާއެކު ޕާޓްނާޝިޕްއެއް ގާއިމްކޮށްފައެވެ.
މި ޕާޓްނާޝިޕް އިޢުލާންކޮށްފައިވަނީ ޖަލްބޫޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މޮހަމަދު ރޮއެސްތަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީގެ އިތުރުން ދެ ކުންފުނީގެ މެނޭޖްމަންޓުގެ ހާޒިރުގައި އުރީދޫ މޯލްޑިވްސް ހެޑް އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގަ އެވެ.
ޕާޓްނާޝިޕްގެ މަގުސަދަކީ ޖަލްބޫޓްގެ އުޅަނދުތަކުގައި ދަތުރުކުރާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު މުވާސަލާތީ ހިދުމަތްތައް ފަހިކޮށްދީ، ޑިޖިޓަލް ހައްލުތަކާއެކު ޖަލްބޫޓްއިން ފޯރުކޮށްދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުން ކަމަށް އުރީދޫން ބުނެ އެވެ.
ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތުގައި ކަސްޓަމާ މުވާސަލާތީ ހިދުމަތްތައް ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދީ ޓޫރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރަން މި ޕާޓްނާޝިޕްގެ ފުރުސަތު ލިބިގެންދާނެ އެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ އިތުބާރު ހުރި އިންޓަނެޓްގެ ހިދުމަތަކީ މިއަދުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ޓޫރިސްޓުންނަށް ހަބަރާއި މައުލޫމާތު އަދި ރަހްމަތްތެރިންނާއި އާއިލާއާ ގުޅުވާލައި، ދަތުރުކުރާއިރު ވިޔަފާރީގެ ކަންކަމުގައި ބައިވެރިވުމަށް ވަރަށް މުހިންމު ހިދުމަތެއް ކަމަށެވެ.
"ޑިޖިޓަލް މިޒަމާނުގައި އިތުބާރު ހުރި ޓެލެކޮމް އަދި އިންޓަނެޓްގެ ހިދުމަތް ލިބުމަކީ ވަރަށް މުހިއްމު ކަމެއް. އަދި ޖަލްބޫޓް މޯލްޑިވްސްއާ އެކު މި ސްޓްރެޓީޖިކް ޕާޓްނާޝިޕްގެ ދަށުން، އަޅުގަނޑުމެންގެ އަމާޒަކީ ފަތުރުވެރިންނަށް ސީދާ ބޯޓުތަކުން ސިމް ކާޑު ބައްލަވައިގަތުމުގެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުން." އުރީދޫ މޯލްޑިވްސް ސީއީއޯ ޚާލިދު ވިދާޅުވި އެވެ.
ޖަލްބޫޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ރޮއެސްޓާލީ ވިދާޅުވީ އެ ކުންފުނީގެ ކުރިއެރުމަށް ކޮމިއުނިކޭޝަންސް އަދި ޓެކްނޮލޮޖީ އަކީ ވަރަށް މުހިއްމު ހިދުމަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އުރީދޫ އަކީ ކުރިއަރަމުން އަންނަ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި މުހިންމު އިސްރޯލެއް އަދާ ކުރާ ކުންފުންޏެއް ކަމަށްވާތީ އުރީދޫއާ އެކު ހޯދޭނެ އިތުރު ކުރިއެރުންތައް ހުންނާނެ ކަމަށެވެ.
"މުޖުތަމައުގެ ދިރިއުޅުން މުއްސަނދި ކުރުމަށް އެއް މިސްރާބަކަށް މަސައްކަތްކުރާ ދެ ކުންފުންޏެއްގެ ހައިސިއްޔަތުން މި ޕާޓްނާޝިޕާއެކު ޓޫރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ،" މުހައްމަދު ރޮއެސްޓާލީ ވިދާޅުވި އެވެ.
ޖަލްބޫޓްއާ އެކު އުރީދޫން ސްޓްރެޓީޖިކް ޕާޓްނާޝިޕް ގާއިމުކޮށްފައިވަނީ އެއްވެސް ކައުންޓަރަކަށް ނުވަތަ ފިހާރައަކަށް ދިއުމުގެ އުނދަގުލެއް ނެތި ސީދާ ޖަލްބޫޓްގެ ބޯޓުތަކުން އުރީދޫގެ ޓޫރިސްޓް ސިމް ކާޑު ލިބޭ ގޮތަށެވެ. ޖަލްބޫޓް މޯލްޑިވްސް އަކީ ފެންވަރު ރަނގަޅު، ފުރިހަމަ އިންޓަގްރޭޓެޑް މެރިން ސޮލިއުޝަންތައް ކަމަށްވާ ވޯޓާ ޓްރާންސްޕޯޓް، މެރީނާ މެނޭޖްމަންޓް، ކަސްޓަމް ބޯޓުތައް ޑިޒައިންކޮށް އުފެއްދުމާއި، ވޯޓާ ސްޕޯޓްސް އަދި ލަގްޒަރީ ޗާޓާ ދަތުރުތައް ކުރުން ފަދަ ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ކުންފުންޏެކެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މި ދާއިރާއަށް އެއްބާރުލުންދީ، ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތުގައި އާއިލާއާއި ރައްޓެހިންނާއި ގުޅުވާލަދީ، އީޖާދީ ހިދުމަތްތަކާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ފުރިހަމަކަމާއި ކުރިއެރުން ހޯދައިދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަންވެސް އުރީދޫ މޯލްޑިވްސް އިން ދެއެވެ.