twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ހުޅުވައިފި

ނަބީލާ އިސްމާޢީލް
Oct 6, 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ސީޕްލޭން ޓާމިނަލް ހުޅުވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނޫވިލު ސީޕްލޭން ޓާމިނަލް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޝިން އެވެ.

އެ ތިން ބޭފުޅުންގެ އިތުރުން އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.


މިއަދު ހުޅުވި ސީޕްލޭން ޓާމިނަލަކީ 55 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެ ޓާމިނަލްގައި 28،000 އަކަމީޓަރު ހުންނައިރު އެމްއާރުއޯ ފެސިލިޓީގައި 8،836 އަކަމީޓަރު ހުރެއެވެ. އަދި ވީވީއައިޕީ ބަައިގައި 100 އަކަމީޓަރު ހުރެއެވެ.


ޓާމިނަލްގައި 42 ލައުންޖު ހުންނައިރު ދެ ލައުންޖު ފިޔަވާ ހުރިހާ ލައުންޖެއް ވަނީ ރިސޯޓުތަކަށް ކުއްޔަށް ދީފައެވެ. އެމްއޭސީއެލްގެ "ވިލު" ބިޒްނަސް ލައުންޖުގައި 235 ސީޓު ހުންނައިރު އެމްއޭސީއެލް "ނީރު" ލައުންޖުގައި 315 ސީޓު ހުރެއެވެ.

އެ ސީޕްލޭން ޓާމިނަލްގެ އިތުރުން ވީއައިއޭގެ އާ ރަންވޭ ވެސް މިއަދު ރަސްމީކޮށް ހުޅުވައި، ބޭނުންކުރަން ވަނީ ފަށައިފައެވެ.


އާ ރަންވޭ ބޭނުންކުރަން ފެށި ފަހުން އެތަނުން ފުރި ފުރަތަމަ ފްލައިޓަކީ ޓާކިޝް އެއާލައިންގެ ބޯޓެކެވެ. ނަމަވެސް އާ ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށްފަހު އާ ރަންވޭއަށް ޖެއްސި ފުރަތަމަ ބޯޓަކީ ބޮއިން 777 މަރުކާގެ އެމިރޭޓްސްގެ ފުލައިޓެވެ. އެ ބޯޓު އައިސްފައިވަނީ ދުބާއީންނެވެ.

އާ ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފަށައިފައިވަނީ މިހާތަނަށް ބޭނުންކުރަމުން އައި ރަންވޭ ބަންދު ކުރުމަށްފަހުއެވެ.

އާ ރަންވޭ މިއަދު ރަސްމީކޮށް ހުޅުވިއިރު އެތަނުގައި އިންސްޓްރުމެންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) ވެސް ގާއިމުކޮށްފި އެވެ. އާ ރަންވޭގެ ދެކޮޅުގައިވެސް އައިއެލްއެސް ގާއިމުކޮށްފައިވެ އެވެ. އައިއެލްއެސް އަކީ މޫސުން ގޯސްއިރުވެސް، ފްލައިޓް ރަންވޭގައި ޖެއްސުމަށް ޕައިލެޓަށް އެހީތެރިވެދޭ ނެވިގޭޝަން އެކެވެ. މޫސުން ގޯސްއިރު ކުރީގެ ރަންވޭ ޖައްސަން އުދަނގޫވެގެން އުޅުމަކީ އެއާލައިންތަކުން ކުރިން ވަރަށް ގިނައިން ކުރި ޝަކުވާ އެކެވެ.

އެ ދެ މަޝްރޫއަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެއްޓެވި އެއާޕޯޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ހިންގި ދެ މަޝްރޫއެވެ. އަށްސަތޭކަ މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ)ގެ އެ މަޝްރޫއުގެ ދަށުން އާ ވީއައިޕީ ޓާމިނަލެއް ގާއިމުކޮށްފައިވާއިރު، އާ ފަސިންޖާ ޓާމިނަލަކާއި ފިއުލް ފާމެއް ވެސް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

އާ ރަންވޭ ހަދައިދިނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355