ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތުން ދެ ގޮފި އެއްކޮށް އެންމެ މޮޅު ދަރިވަރަކަށް ވައިކަރަދޫ، ފައިހާ އަބުދުﷲ އަގީލު ހޮވިއްޖެ އެވެ. ފައިހާ ވަނީ މީގެ ކުރިންވެސް އަތޮޅު ޤުރުއާން މުބާރާތުގައި ވާދަކޮށްގެން ޝަރަފުވެރި ވަނަތަކެއް ހާސިލުކޮށްފަ އެވެ.
ކުޅުދުއްފުށީ ފިޔަވާ އަތޮޅުގެ 12 ރަށުން ޖުމުލަ 130 ދަރިވަރުން ވާދަކުރި މިމުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޭ ނޮޅިވަރަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރެވެ.
މުބާރާތުގެ އެންމެ މޮޅު ދަރިވަރަކަށް ވައިކަރަދޫ، ފައިހާ އަބުދުﷲ އަގީލު ހޯދިއިރު ދެވަނަ ހާސިލުކުރީ މަކުނުދޫ ރާޔާ އަންވަރެވެ. އަދި މުޅި މުބާރާތުން ތިން ހޯދީ ނޮޅިވަރަމުގެ އަފްނާން އަހުމަދު އަފްރާހެވެ.
ނޮޅިވަރަމުގައި ކުރިއަށްދިޔަ މިމުބާރާތުގައި ޝަރަފުވެރި އެއްވަނަ ހޯދީ އެންމެ ފަހުންވެސް މި މުބާރާތުގައި އެއްވަނަ ހޯދި ނޮޅިވަރަމުންނެވެ. ދެވަނަ ވައިކަރަދޫ ހޯދިއިރު ތިންވަނަ ހާސިލުކުރީ މަކުނުދޫ އެވެ.
ކީ ސްޓޭޖުތަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގައި 35 ދަރިވަރުން ނުބަލައި ކިޔުމުގެ ގޮފީގައި ބައިވެރިވިއިރު ބަލައިގެން ކިޔުމުގެ ގޮފީގައި 95 ދަރިވަރުން ބައިވެރިވި އެވެ.
މިމުބާރާތަކީ، އަތޮޅުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަގުސަދުގައި ކޮންމެ އަހަރަކު އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ.