ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހއ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ވަޑައިގަންނަވާނީ ހއ. ދިއްދު، އިހަވަންދު، ކެލަ، ތުރާކުނުގެ އިތުރުން ބާރަށަށް ކަމަށެވެ.
އަންނަ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބޮޑު ތިލަދުންމައްޗަށް މި ވަޑައިގަންނަވަނީ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ދެ ވަނަ ސަރަހައްދުގެ ގޮތުގަ އެވެ.
ރައީސް ޔާމީން ވަނީ މިދިޔަ މަހު ދ. އަތޮޅަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ އަތޮޅު ކުޑަހުވަދޫ އަށް ވަޑައިގެންފައެވެ.
ހީނާ ވިދާޅުވި ގޮތުގައި ޔާމީން ހއ.ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ވެސް މުހިއްމު އެއް ކަމަކަށް އޮތީ 2023 އަށް ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމެވެ. ޒުވާނުންނާއި އަންހެނުންނާއި މަސްވެރިންނާއި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މި ދަތުރުފުޅުތަކުގައި ހިޔާލު ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ދަތުރުތަކުގައި އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަން ބޭނުންފުޅުވިޔަސް އެކަން ނުވަނީ ވަގުތާއި ދަތުރުފަތުރުގެ ކަންކަން ހުރި ގޮތުންނެވެ. އެމަނިކުފާނު ހުންނަވާ ރަށަކަށް، ކައިރި ރަށްތަކުން ވަޑައިގެން ބައްދަލުކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ހއ. އަތޮޅުގައި ވެސް ގިނަ މަޝްރޫއުތައް ހިންގަވާފައިވާ ކަމަށެވެ.
"ދިއްދޫއަކީ އެންމެ ގިނަ ޕްރޮޖެކްޓް އެމަނިކުފާނުގެ ވެރިކަމުގައި ހިންގެވި އެއް ރަށް. ދިއްދޫގައި 27 ޕްރޮޖެކްޓެއްގެ މަސައްކަތް ފައްޓަވައި ވަރަށް ގިނަ ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމަވާފައިވާ ކަން ފާހަގަކޮށްލަން. ހއ. ބާރަށުގައި ވެސް 17 ޕްރޮޖެކްޓެއްގެ މަސައްކަތް ފައްޓަވައި ގިނަ މަސައްކަތްތައް ނިންމެވި،" ހީނާ ވިދާޅުވި އެވެ.
އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ވާދަ ކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީން ކަނޑައަޅުއްވާފައިވަނީ ރައީސް ޔާމީނެވެ.