ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އާއި ޓްރީ ޓޮޕް ހޮސްޕިޓަލް ގުޅިގެން ކޭއާރުއެޗުގައި މަލްޓި ސްޕެސަލިޓީ ހެލްތް ކޭމްޕެއް ބާއްވަން ނިންމާ، ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.
ކޭއާރުއެޗްގެ މީޑިއާ އޮފިސަލް މުހައްމަދު މޫސާ ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޭމްޕުގައި ބަލި މީހުން ބެލުމަށް ހަމަޖެހިފައިވަނީ ކަށީގެ ބަލިތަކަށް ހާއްސަ އަދި ކަށީގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރުންނާއި، ކަރުންމަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި އޮޕަރޭޝަން ޑޮކްޓަރެއްގެ އިތުރުން ދަތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް އަދި ކެންސަރު ބަޔަށް ހާއްސަ ޑޮކްޓަރެއް ހިމެނޭ 8 ޑޮކްޓަރުންގެ ޓީމެއް ކަމަށެވެ.
މި ޑޮކްޓަރުންނަށް ދައްކަ ބޭނުންވާ ފަރާތްތަކަށް ނަންނޯޓް ކުރުމުގެ ފުރުސަތު މިއަދު ފެށިގެން ހަވީރު 16:00 ން ހެނދުނު 6:00 އަށް ހޮސްޕިޓަލުގެ 6528864 ނަންބަރު ފޯނާ ގުޅައިގެން ވަނީ ހުޅުވާލާފަ އެވެ.
މުހައްމަދު މޫސާ ވިދާޅުވީ މިކޭމްޕް ކުރިއަށްދާނީ މި މަހު 14 އަދި 15 ދެ ދުވަހު ކަމަށާއި ނަންނޯޓް ކޮށްލާފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހަމަޖެހުމުން ހޮސްޕިޓަލުން ގުޅާލާނެ ކަމަށެވެ.
ކޭއާރުއެޗުން އަންނަނީ އެ ހޮސްޕިޓަލުގައި ޑޮކްޓަރުން ނެތް ދާއިރާތަކުން ދޭތެރެ ދޭތެރެއިން ސްޕެޝަލިސްޓުން ގެނެއުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ އޯގަސްޓްމަހުވެސް ކިޑްނީ އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއެކު ވަނީ ކޭމްޕެއް ބާއްވާފަ އެވެ.