twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ބީއެމްއެލްގެ އާ ސީއީއޯއަކަށް ދެކުނު އެފްރިކާގެ ބޭފުޅެއް

ނަބީލާ އިސްމާޢީލް
Oct 12, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ)ގެ މަގާމަށް ކާރލް ސްޓުމްކަ އައްޔަންކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ ކާރލް އަކީ މެދުއިރުމައްޗާއި، އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަަމަށެވެ.

އަދި އެނާ ބީއެމްއެލްއާ ގުޅިވަޑައިގަންނަވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައި ހުންނެވުމަށްފަހުގައި ކަމަށްވެސް ބީއެމްއެލް އިން މިއަދު ބުންޏެވެ.

އޭގެ އިތުރުން ކާރލް 2010 ވަނަ އަހަރު އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެން އެބޭންކުގެ އިންޓަރނޭޝަނަލް ބޭންކިންގެ ޖެނެރަލް މެނޭޖަރގެ ގޮތުގައިފުޅާދައިރާއެއްގައި ކޯޕަރޭޓް ޕޯޓްފޯލިއޯ ބަލަހައްޓަވާފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ. އަދި މި މަގާމުގައި ހުންނެވުމަށްފަހު އެ ބޭންކުގެ ޔޫއޭއީގައި ހިންގަމުންދާ އޮޕަރޭޝަންސްގެ ސީއީއޯގެ މަގާމާ 2017 ވަނަ އަހަރުގައި ހަވާލުވެވަޑައިގެންނެވިއިރު، އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ކާރލް ހުންނެވީ ބަޙްރެއިންގައި ހުންނަ ބޭންކް މަސްކަޓް އިންޓަރނޭޝަނަލްގެ ރީޖަނަލް ކޯޕަރޭޓް ޑައިރެކްޓަރ މަގާމުގައި ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މި މަގާމުގައި އޭނާ ވަނީ އެ ބޭންކުގެ ކޯޕަރޭޓް، ކޮމާޝަލް، އެސްއެމްއީ އަދި އިސްލާމިކް ބޭންކިންގ ހިދުމަތްތައް ބަލަހައްޓަވާފައިވެއެވެ. އަދި ކާރލްވަނީ ބާރކްލޭސް ބޭންކް މޮރިޝަސްގެ ރީޖަނަލް މެނޭޖިންގ ޑަރިރެކްޓަރ، އިންޑިއަން އޯޝެންސްގެ މަގާމުވެސް އަދާކުރައްވާފައެވެ.

ކާރލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލްގެ ހިންގުމާ އޭނާ މި ހަވާލުވީ ވަރަށް އުފަލާއެކުއި ކަމަށާއި، ބޭންކުގެ ބޯޑާއި، އެގްޒެކްޓިވް މެނޭޖްމަންޓުގެ އިތުރުން މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ބޭންކުގެ ސްޓެރެޓެޖީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްކުރަމުންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި އެންމެ މުހިންމު އިސްކަމެއްދޭނީ ކަސްޓަމަރުންނަށް. އީޖާދީ ބަދަލާއި އިތުރުފުރިހަމަކަމެއް ބޭންކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ގެނެސް ކަސްޓަމަރުން އުއްމީދުކުރާ ވަރަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަކީވެސް އަޅުގަނޑުމެންގެ އަމާޒު. ބީއެމްއެލް އަކީ ވަރަށްވެސް ކާމިޔާބު ތާރީހެއް އޮތް ބޭންކެއް. އަދި ބޭންކް އޮފް މޯލްޑިވްސް އާއި އެ ބޭންކުން ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށް އަދާކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް އަޅުގަނޑު މިހިރީ ތައްޔާރަށް."

ކާރލް ވަނީ ބާރކްލޭސް ބޭންކް ޓެންޒޭނިއާގެ އެގްޒެކްޓިވް ޑައިރެކްޓަރޝިޕްގެ މަގާމު ފުރުއްވާފައެވެ. އަދި އެކި އިދާރާތަކުގައި ނޮން އެގްޒެކްޓިވް ޑައިރެކްޓަރޝިޕްގެ މަގާމުތައް އަދާކުރައްވާފައިވެއެވެ. މީގެ ތެރޭގައި މަނީ އޮން ޑިމާންޑް، ބާރކްލޭސް ލީސިންގ އަދި ބާރކްލޭސް ބޭންކް ސީޝެލްސް ހިމެނެއެވެ.

ކާރލް އަކީ ޗާޓަރޑް އިންސްޓިޓިއުޓް އޮފް ބޭންކަރސްގެ (ސައުތު އެފްރިކާ) އެސޯސިއޭޓެކެވެ. އޭނާވަނީ ޔުނިވަރސިޓީ އޮފް ސައުތު އެފްރިކާއިން އެކައުންޓިންގ ސައިންސްގެ ރޮނގުން ބެޗެލަރސް ޑިގްރީ ހާސިލްކުރައްވާފައެވެ. ފްރާންސް، ސްވިޒަރލޭންޑް އަދި ސައުތު އެފްރިކާގައި އޭނާ ވަނީ އެގްޒެކްޓިވް ޕްރޮގްރާމްތައްވެސް ފުރިހަމަކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355