ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އަލީ ޝާހިލްގެ އެއްވެސް ނަފްސާނީ މައްސަލައެއް ހުރިކަން ފުލުހުންގެ ތަހުގީގަށް މިހާތަނަށް ފާހަގަވެފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުރިތޯ ޔަޤީންކުރުމަށް އެސެސްމަންޓުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އޭނާގެ ފަރާތުން ނަފްސާނީ މައްސަލައެއް ހުރިކަމަށް ފާހަގަނުކުރެވޭކަމަށެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ، ޝާހިލުގެ ފަރާތުން ފުލުހުން ބޭނުންވާ މުހިންމު މައުލޫމާތުތައް ދޭން ދެކޮޅު ހަދާ ކަމަށާއި އެވާހަކަތައް ދައްކަންވެސް އޭނާ ބޭނުން ނުވާ ކަމަށެވެ.
އަދި އެކި ގޮތްގޮތުން ކުރި މަސައްކަތުން އޭނާގެ ފޯނު އަންލޮކް ކުރުމަށް ޕާސްވޯޑު ދިނުމަށްވެސް ދެކޮޅު ހަދާފައިވާކަން ފުލުހުންވަނީ ފާހަގަކޮށްފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުންވެސް އެކަމުގައި އެއްބާރުލުން ދިނުމަށް އޭނާ ދެކޮޅު ހަދާތީ ފުލުހުންވަނީ އޭނާގެ އެހީއާއި ނުލައި ފޯނު ހުޅުވުމުގެ މަސައްކަތް ފަށާފައެވެ.
ޝާހިލް ކުށަށް އިއުތިރާފު ނުވިނަމަވެސް އަދި ބައެއް މައުލޫމާތު ފޯރުކޮށްދޭން ދެކޮޅު ހެދިނަމަވެސް ގަސްތުގައި މީހަކު މަރާލިކަން ސާބިތުކުރެވި ދައުވާ ކުރެވޭ ވަރަށް އޭނާއާއި ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މަރަކީ ކުރިއާލާ ރާވައިގެން ކުރި ކަމަކަށް ވުރެއް ބޮޑަށް، ކުއްލި އަކަށް ދިމާވި ކަމެއްކަމަށް ބުރަވެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.