އަންނަ މަހުގައި ފަށަން ހަމަޖެހިފައިވާ ވޯލްޑްކަޕަށް މީޑީއާނެޓުން ގެނެސްދޭ ޚާއްސަ ކަވަރޭޖްގެ ޓައިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.
އިއްޔެ ސޮލައިޓް ރެސްޓޯރެންޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އުރީދޫއިން ވަނީ މީޑިއާނެޓާއެކު ޓައިޓަލް ޕާޓްނަރެއްގެ ގޮތުގައި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ކަވަރެޖް ޓައިޓަލް ޕާޓްނަރެއެއްގޮތުގައި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ، އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދް އަލް-ހަމަދީ އާއި ސީސީއޯ ހުސައިން ނިޔާޒްއެވެ.
މީޑިއާނެޓްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މީޑިއާނެޓްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަފީއު އަދި ސީއޯއޯ އަޙްމަދު ނަބާހްއެވެ.
މީގެއިތުރުން އެ އެއްބަސްވުމުގައި އައިސް ޕްލަަސް އަދި ރާއްޖެ ޓީވީއާއެކު ވެސް ވަނީ ސޮއިކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޚާލިދު ވިދާޅުވީ، ފުޓްބޯޅައަކީ ދިވެހީންގެ ހިތްތަކުގައި ޚާއްސަ ލޯތްބެއް އުފެދިފައިވާ ކުޅިވަރެއްކަމަށެވެ. ހަމަ އެގޮތަށް ފުޓުބޯޅައަކީ އުރީދޫ ގްރޫޕާ ވެސް ވަރަށް ގާތްކަމެއް އޮންނަ ކުޅިވަރެއްކަމަށް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ ވޯލްޑްކަޕަށް އުރީދޫގެގެ އަމާޒަކީ ދިވެހި ސަޕޯޓަރުންނަށް ކުލަގަދަ، އަދި ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުންކަމަށް އޭނާ ޚާލިދު ވިދާޅުވިއެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކަސްޓަމަރުންނަށް މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މީޑިއާނެޓް އާއި މިއަދު މި ޕާޓްނާޝިޕް ގާއިމް މިކުރީ ނުހަނު އުފަލާއެކު،" ޚާލިދު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި މީޑިއާނެޓުގެ ފަރާތުން ވާހަކަދައްކަވަމުން ނަބާހް ވިދާޅުވީ، މިއަހަރު ރާއްޖޭގެ ތާރީޚްގައިވެސް އަލަށް، ވޯލްޑްކަޕް ހަމައެކަނި ސައްތައިން ސައްތަ ދިވެހި ޗެނަލް ތަކަކުން ފެނިގެންދާނެކަމަށެވެ.
އެގޮތުން މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ފެންނާނީ އައިސް ޕްލަސް އަދި ރާއްޖެ ޓީވީއިންކަމަށާއި، އެކަމަށް އުރީދޫގެ އެއްބާރުލުން ލިބިގެން ދިއުމަކީ މީޑިއާނެޓަށް ވެސް ލިބޭ ޝަރަފެއްކަމަށް އޭނާ ވިދާޅުވިއެވެ.
ފޯރިގަދަ މެޗުތަކަކާއެކު މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. މީގެއިތުރުން މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އެކި އެކި ޕްރޮގްރާމްތަކާއި، ބެލުންތެރިންނަށް ފޭންޒޯންސް އަދި ރޯޑް ޝޯ ފަދަ ކުލަގަދަ ހަރާކާތްތައް މީޑީއާނެޓުން ވަނީ ރާވައިފައެވެ.