އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ، ދައުރު ނިމުމުގެ ކުރިން ހއ. ދިއްދޫގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިފަދައިން ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ހއ.ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި ދިއްދުއަށް އިއްޔެ ވަޑައިގެން ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ދިއްދޫގައި ބޭއްވި ޖަލްސާގައި ޔާމީން ވައުދުވެވަޑައިގަތީ އެ ރަށުގެ ފަޅުން ބިން ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް އަޅައިދެއްވުމަށެވެ.
"އަޅުގަނޑުމެންގެ މުޅި ކަޅުފޮއި މޫސުން ނިންމުމުގެ އުފާވެރިކަން އަޅުގަނޑުމެނަށް މިންވަރުކުރަށްވައިފި ކަމަށް ވަންޏާ އަޅުގަނޑުގެ ފަސް އަހަރެއްގެ ދައުރު ދެން ނިމިގެންދާނީ ހަމަގައިމުވެސް ދިއްދޫ ފަޅު ހިއްކާފަ އެއާޕޯޓެއް އަޅައިދީފަ،" ރައީސް ޔާމީނު ވިދާޅުވިއެވެ.
ދިއްދޫގައި އެއާޕޯޓެއް އަޅައި ދެއްވާނެކަމަށް ރައީސް ޔާމީން ވައުދުވިއިރު އެރަށު މީހުން މިހާރު ގިނައިން ބޭނުން ކުރަމުން އަންނަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. ދިއްދޫއިން އެ ރަށަށް ދިއުމަށް ނަގަނީ 15 ވަރަކަށް މިނެޓެވެ.
ހއ. އަތޮޅަށް ބަލާއިރު މި ސަރުކާރުން ވަނީ ހޯރަފުށީގައި ވެސް އެއާޕޯޓެއް ތަރައްގީ ކޮށްފައެވެ. އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ދާދި ފަހުން ވަނީ އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްފައެވެ.
އެކަމަކު ޔާމީން ވީދާޅުވީ ދިއްދޫގައި އެއާޕޯޓެއް އެޅުމުގެ ކުރިން އެންމެ ފުރަތަމަ، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަކީ ދިވެހިން ފަހުރުވެރިވާ ކުންފުންޏަކަށް ހަދަން ޖެހޭ ކަމަށެވެ. ޕީޕީއެމަށް ދެން ވެރިކަން ލިބިއްޖެ ނަމަ ސަރުކާރުގެ ފުރަތަމަ ދުވަސް ވެސް ފަށާނީ ތަންފީޒީ އެޖެންޑާއަކުން ކަމަށާއި ކަންކަން ދިރާސާކޮށް، ވަގުތު ނަގާލަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.
"މިހާރު މި ހިނގާ ދުވަސްތަކަކީ، މި ސަރުކާރުން ކުރާ ކަންކަމަކީ ދިރާސާކުރަން ލިބިފައިވާ ފުރުސަތެއް." އެ މަނިކުފާނު ވިދާޅުވި އެވެ.
ހއ. ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ޔާމީން ގެންދަވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ހިންގެވި ކަމަށް ތުހުމަތުކުރާ ބައެއް ކަންކަމުގެ ދިފާއުގައި ގިނަ ވާހަކަފުޅުތަކެއް ދައްކަވަމުންނެވެ.