twitterviber whatsapp telegramfacebookyoutube instagram
24th April 2024

ނަޝީދުވެސް ހުރީ ނަގޫ ފިތިފައިކަމަށް ޔާމީން ވިދާޅުވެއްޖެ

ނަބީލާ އިސްމާޢީލް
Oct 18, 2022
1

ރައީސް މުހައްމަދު ނަޝީދު ވެސް ހުރީ "ނަގޫ ފިތިފައި" ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ޔާމީން މިފަދައިން ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ހއ.ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި ދިއްދުއަށް އިއްޔެ ވަޑައިގެން ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ އިއްޔެ ޕީޕީއެމް އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީތަކެއް ބަލައި ނުގަނެ ރައްދުކޮށްފައިވާ ކަމަށެވެ. އެސިޓީތައް ބަލައި ނުގަތީ ސިޓީތަކުގެ ލެޓަހެޑްގައި "އިންޑިއާ އައުޓް" ޖަހާފައި އޮތުމުން ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހުރިހާ ލެޓަހެޑެއްގައި އިންޑިއާ އައުޓް ޖަހާފައި އޮންނާނެ. މިއީ ރާއްޖެއިން ބޭރަށް އދ.އަށް ދިޔަސް އެހެން ތަނަކަށް ދިޔަސް އަދި އިންޑިއާއަށް ދިޔަސް މިހެން ޖެހިފައި އޮންނާނެ. މިސިޓީތައް މިހާތަނަށް އެއްވެސް ތަނަކުން ބަލައި ނުގެންފައެއް ނެތް. އެކަމަކު ހިތާމައަކީ ދެރަވަނީ ލަދުގަންނަނީ ލަދުވެތި ވަނީ އެމްޑީޕީގެ ރައީސް، ޑިމޮކްރަސީގެ ޗެމްލިއަން ކަމަށް ދައުވާ ކުރައްވާފައި މިއަދު އެސިޓީ ބަލައި ގަންނާކަށް ނުކެރުނޭ. އެއީ އިންޑިއާ އައުޓް ޖަހާފައި އޮތީމަ. ދެން ރައީސް ނަޝީދުގެ ބަހުން ނޫންތޯ މިވާހަކަ ދަންނަވަންވީ. ތިވަރަކަށް ނޫންތޯ ރައީސް ނަޝީދުގެ ނަގޫ ފިތޭނީ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މިހާރު ދިވެހިންނަށް އޮތީ ކަޅުފޮއެ މޫސުމުގެ ރޭތަކެއް ކަމަށެވެ. ނަމަވެސް ކަޅުފޮއެ މޫސުމަށް ނިމުން ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

"2023 ގައި ކަޅުފޮއެ މޫސުން ނިމުމަކަށް ގެންނަން އެބަޖެހޭ. އަބަދުވެސް ނާއުއްމީދުވާ ކަންކަން އަންނާނެ. މިއީ ފިތުރަތުގެ ތޮބީއަތު. ނަމަވެސް އަޒުމަކަށް ވާންވާނީ ވިންދުޖަހާހާ ހިނދަކު ނާއުއްމީދު އުއްމީދަށް ބަދަލު ކުރަން މަސައްކަތް ކުރުން." ޔާމީން ވިދާޅުވިއެވެ.

ޔާމީން ރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބާލަން ޖެހޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355