twitterviber whatsapp telegramfacebookyoutube instagram
29th March 2024

2012 ވަނަ އަހަރު ދައުލަތުގެ އާމްދަނީ 14 ބިލިއަނަށް އަރާނެކަމަށް ލަފާކުރެވޭ: ރައީސް ނަޝީދު

Jun 2, 2011

ރާއްޖޭގެ އިޤްތިޞާދަށް ގެންނަން ސަރުކާރުން ހުށަހަޅާ ބަދަލުތައް ފުރިހަމައަށް ތަންފީޒު ކުރެވިއްޖެނަމަ 2012 ވަނަ އަހަރުގެ ދައުލަތުގެ އާމްދަނީ 14 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ސަރުކާރުން ޓެކްސްގެ ނިޒާމަށް އަދި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ގެނެވޭ ބަދަލުތައް މިގެނެވެނީ، ޢާންމު ވިޔަފާރިއަށް، އޭގެ ފައިދާ ކުރާނެ ކަމުގެ ވަރަށް ފުރިހަމަ އިތުބާރާ އެކީގައި ކަމަށް ވިދާޅުވިއެވެ. އަދި އެބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ ފުއްދުންތެރިކަމާއި، ތަނަވަސްކަމާއި މުއްސަނދިކަން، އެތައް ގުނައަކުން އަރައިގެންދާނެ ބަދަލުތަކެއް ކަމުގައި ވިދާޅުވެ އޭރުން ސަރުކާރުން ކޮމާޝަލް ބޭންކުތަކަށް ބަރޯސާ ވާން ނުޖެހޭނެކަމަށް ވިދާޅުވިއެވެ.

މާލީ އަދި އިޤްތިޞާދީ ބަދަލުތަކާބެހޭ ގޮތުން ނޫސްވެރިންނާއި ރާއްޖޭގެ ވިޔަފާރިއާއި، ތަފާތު ޞިނާޢަތްތަކުގެ އިސްވެރިންނާއި، ވިޔަފާރި ޖަމްޢިއްޔާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ރައީސުލްޖުމުހޫރިއްޔާ އިތުރަށް ވިދާޅުވީ، ބިމަކީ ވިޔަފާރީގެ އެއް ގުނަން ކަމަށާއި ބިން ގަނެ ވިއްކި އަދި ވިޔަފާރީގެ މުޢާމަލާތް ކުރެވޭ އެއްޗަކަށް ނުވާހާ ހިނދަކު، ފުރިހަމަ ގޮތުގައި ވިޔަފާރި ކުރިއަރައި ދިޔުން އެއީ ދަތިކަމެއްކަން އިންސާނީ ތަޖްރިބާ ވަނީ ވަރަށް ބޮޑަށް ދައްކައިދީފައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަށް ސަރުކާރުން ގެންނަވަމުން ގެންދަވާ އަދި ގެންނެވުމަށް ހުށަހަޅުއްވާފައިވާ ބަދަލުތަކަކީ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، އެކުވެރި ދައުލަތްތަކާއި، ވިޔަފާރިވެރިންނާއި، ރާއްޖޭގެ ވިޔަފާރި ޖަމާޢަތްތަކާއި، އަދި ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކޮށްގެން ގެންނަމުންދާ ބަދަލުތަކެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355