twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޓޫރިޒަމް އެވޯޑްސް ވިނަރ ބެޖް ތައާރަފްކޮށްފި

ނަބީލާ އިސްމާޢީލް
Oct 23, 2022

"މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2022 ވިނަރ ބެޖް" ގެ ނަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ބެޖެއް ތައާރަފްކޮށްފިއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް ސަރުކާރުން ދިން "މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް" ހާސިލު ކުރި ފަރާތަތަކަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ ބެޖެކެވެ.

މިއަހަރު މޯލްޑިވްސް ޓޫރިޒަމް އެވޯޑް ލޯންޗުކޮށް، 27 ފަރާތަކަށް އެވޯޑްތައް ވަނީ ހަވާލުކޮށްފައެވެ. އެވޯޑްތައް ހަވާލުކޮށްފައިވަނީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މި މަހުގެ ދެވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައެވެ. މި ޖަލްސާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ޝަރަފުވެރިކޮށްދެއްވާފައިވާއިރު އެމަނިކުފާނު ވަނީ 6 އެވޯޑެއް ހަވާލުކޮށްދެއްވާފައެވެ. ބެސްޓް ރިސޯޓް އެވޯޑާއި، ބެސްޓް ގެސްޓްހައުސް އެވޯޑްގެ އިތުރުން ބެސްޓް ޓްރެވެލް އެޖެންސީ އެވޯޑް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، އެކި ކެޓަގަރީތަކުން "މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް" ހާސިލްކުރި ފަރާތްތަކުން ޕްރޮމޯޝަންތަކާއި ރަސްމީ ލިޔުންތަކުގައި ބޭނުންކުރުމަށް މި ބެޖު އެމިނިސްޓްރީން އެވޯޑްތައް ހާސިލްކޮށްފައިވާ ފަރާތްތަކާއި ހިއްސާކޮށްފައިވާ ކަމަށެވެ.

ދަރުބާރުގޭގައި ބޭއްވި މި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމްއާއި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަރާތްތަކަކުން ބައިވެރިވިއެވެ. އަދި މި ޖަލްސާގައި ނައިބު ރައީސްވެސް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ 21 ފަރާތަކަށް އެވޯޑު ހަވާލުކޮށްދެއްވާފައެވެ.

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރުކަމުން މި އެވޯޑަކީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދިން އެވޯޑެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355