twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވީއޭއާރާއި ރެފްރީންގެ ތެދުވެރިކަމާމެދު ކޮންޓޭ ސުވާލު އުފައްދާ ހިތްހަމަނުޖެހުން ފާޅުކޮށްފި

Oct 27, 2022

ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)ން ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާކަމަށާއި ވީއޭއާރު ސިސްޓަމާއި ރެފްރީންގެ ތެދުވެރިކަމެއް ނުފެންނަކަމަށް ބުނެ ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ރުޅިގަދަވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ސްޕޯޓިން ލިސްބަންއާ ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ 1 - 1 ން އެއްވަރުވެގެންނެވެ. މެޗުގެ އިތުރުވަގުތުގައި އެމާސަން ރޯޔަލް ދިން އެސިސްޓަކުން ހެރީ ކޭން ފޮނުވާލި ގޯލު ވީއޭއާރު ބެލުމަށްފަހު ރެފްރީން އޮފްސައިޑް ކަމަށް ނިންމުމުން ކޮންޓޭ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މެޗުގެ ތެރެއިން ހިނގި ހަމަނުޖެހުމުގެ ތެރެއިން ކޮންޓޭ ވަނީ ދަނޑުން ވެސް ފޮނުވާލާފަ އެވެ. ކޮންޓޭ ހިތްހަމަނުޖެހުން ފާޅުކޮށް ރެފްރީންގެ ނިންމުންތަކުގައި ތެދުވެރިކަމެއް ނުފެންނަކަމަށް ބުނެފައިވާއިރު އޭނާ ދަނޑުން ފޮނުވާލީ ރެފްރީ ކެނީ މެކެލީއާއި އޭނާގެ އެސިސްޓެންޓުންނާއި ދެމެދު ކޮންޓޭ ހިންގި ހަމަނުޖެހުމުގެ ތެރެއިންނެވެ. އޭނާ ވަނީ މެޗުގެ ތެރެއިން ރެފްރީންނާއި ޒުވާބުކޮށްފަ އެވެ.

ޓޮޓެންހަމުގެ ދެވަނަ ބުރަށް ކޮލިފައިވާން އަންނަ އަންގާރަ ދުވަހު ފްރާންސްގެ މާސިއެލްއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވާންޖެހޭނެ އެވެ. ސްޕޯޓިން ލިސްބަންއާ ކުޅުނު މެޗުގައި ކޭންގެ ލަނޑު އޮފްސައިޑް ނުވިނަމަ ޓޮޓެންހަމް ދެވަނަ ބުރުން ޖާގަ ޔަގީންވީހެވެ.

"ހުރިހާ އެންމެން ދަނޑު މައްޗަށް އަރައިގެން އައި. ދެން ރެފްރީ ނިންމީ އަހަރެން ދަނޑުން ފޮނުވާލަން" އެންޓޯނިއޯ ކޮންޓޭ ބުންޏެވެ. ކޮންޓޭ ވަނީ ވީއޭއާރާއި މެދު ވާހަކަ ދައްކާ މިސީޒަނުގައި ވީއޭއާރުގެ ނިންމުންތަކުގެ ސަބަބުން ޓޮޓެންހަމަށް ކުރި އަސަރުތަކުގެ ވާހަކަ ފާހަގަކޮށްފަ އެވެ.

އޭނާ ބުނީ އެންމެންނަށް ވެސް އޭނާ ރެފްރީގެ ނިންމުންތަކަށް ކޮމެންޓް ނުކުރާކަން އެނގޭނެ ކަމަށާއި އެހެންނަމަވެސް މިސީޒަނުގައި ވީއޭއާރުގެ ސަބަބުން އަހަރެމެންގެ ނަސީބު ދެރަކަމަށް ވެސް ކޮންޓޭ ވަނީ ބުނެފަ އެވެ. ކޮންޓޭ ބުނީ މިހާތަނަށް ޕެނަލްޓީއެއް ރިޕީޓް ކުރި ހަމައެކަނި ޓީމަކީ ވެސް ޓޮޓެންހަމް ކަމަށާއި އަދި އޭނާ ކޮންމެ ޕެނަލްޓީއެއްގައި ވެސް ކީޕަރު ލައިން މަތީ ހަރަކާތްކުރާތަން ބަލަންދާ ކަމަށާއި އަދި އެކަން އޭނާއަށް ވަރަށް ގިނައިން ފެނިފައިވާކަމަށެވެ.

"އަހަރެން ބޭނުން ޕްރިމިއާ ލީގުގެ ހުރިހާ ޕެނަލްޓީއެއްގެ ރިޕީޓް ބަލަން. އަހަރެންނަށް ހީވަނީ އޭގެން ބޮޑު ގެއްލުމެއްވާކަމަށް. އަހަރެން ބޭނުން މުހިންމު ގޭމެއްގައި ޓޮޕް ޓީމަކާމެދު މިކަހަލަ ނިންމުމެއް ނިންމާ ތޯ ބަލާލަން." ކޮންޓޭ ބުންޏެވެ.

"އަހަރެން ބޭނުން މިހާ ނާއިންސާފު ނިންމުމެއް ނިންމަން ވީއޭއާރު އެހާ ހިތްވަރުގަދަ ތޯ ބަލާލަން. އަހަރެން މިހުރީ މިކަމާ ވަރަށް ހިތްހަމަނުޖެހިފަ. އެއީ މިކަހަލަ ހާލަތްތަކުގައި މިހެން އެހޭނެ. އަހަރެންނަށް ހީވަނީ އެއީ ރަނގަޅު ގޮތެއް ނޫންހެން. މިކަހަލަ ހާލަތްތަކުގައި އަހަރެންނަށް ތެދުވެރިކަމެއް ނުފެނޭ އަދި އޭރުން އަހަރެން ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ." ކޮންޓޭ ފާހަގަކުރި އެވެ.

މާކަސް އެޑްވާޑްގެ ގޯލުން 80 ވަނަ މިނެޓާއި ހަމައަށް މެޗުގައި ސްޕޯޓިން ލިސްބަންއިން ލީޑުގައި އޮތްއިރު ޓޮޓެންހަމުން އެއްވަރުކުރީ ރޮޑްރީގެ ބެންޓަކޫރުގެ ހެޑާއިންނެވެ. ސްޕޯޓިން އަށް 1 - 0 ން މަތީގައި އޮތުން ހައްގުކަމަށާއި އަދި މެޗުގެ ފަހުވަގުތު ޓޮޓެންހަމަށް ތިން ޕޮއިންޓް ލިބުން ހައްގުކަމަށާއި އެހެންނަމަވެސް ވީއޭއާރުގެ ނިންމުމަށްފަހު ޓޮޓެންހަމުން ޖެހޭނީ ފަހު މެޗަށް މަޑުކުރަން ކަމަށް ކޮންޓޭ ބުނެފައިވެ އެވެ.

ގްރޫޕުގެ ފަހު މެޗުގައި އަންނަ އަންގާރަދުވަހު ޓޮޓެންހަމުން ނުކުންނާނީ މާސިއެލްއާ ދެކޮޅަށެވެ. ރައުންޑް އޮފް 16 އަށް ދިއުމަށް މިމެޗުން މޮޅުވާން ޓޮޓެންހަމަށް މަޖުބޫރުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355