twitterviber whatsapp telegramfacebookyoutube instagram
9th May 2024

މިފަހަރު މިޔަހެލި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު މަދަނީ ޖަމުއިއްޔާތަކަށް

Oct 30, 2022

އުރީދޫ އާއި ޔޫއެންޑީޕީ ގުޅިގެން ބާއްވާ ހަތް ވަނަ މިޔަހެލި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިިފިއެވެ.

މިޔަހެލިއަކީ ޑިޖިޓަލް އަދި އެހެނިހެން އާލާތްތަކުގެ އެހީގައި ޒުވާނުންގެ ހިޔާލުތައް އެއްތަނަކަށް ގެނެސް، މުޖުތަމައުގައި ދިމާވާ ތަފާތު މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ހިންގާ ކޭމްޕެކެވެ.

އުރީދޫއިން ބުނީ މި އަހަރުގެ މިޔަހެލި ކޭމްޕް ބާއްވަނީ "އިނޮވޭޝަން ފޯ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" މި ޝިއާރުގެ ދަށުން، މަދަނީ ޖަމުއިއްޔާތަކަށް ހާއްސަކޮށްގެން ކަމަށެވެ. އެ ކޭމްޕުގައި ބައިވެރިވުމަށް އޮންލައިން ފޯމަކުން ހުށަހެޅޭނެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ މިޔަހެލި ޕްރޮގްރާމް ކުރިއަށްގެންދަނީ މުޖުތަމައުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތައް ހޯދުމަށް ކަމަށެވެ.

"މިއަހަރުގެ މިޔަހެލިއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމްއިއްޔާޖަމާއަތްތަކުގެ ޚިޔާލުތައް ހަގީގަތަކަށް ހަދައި، ރައްޔިތުންނަށާއި، އަޅުގަނޑުމެންގެ ދުނިޔެއަށް ފާގަތި މުސްތަގުބަލެއް ކަށަވަރުކުރުމަށްޓަކައި ފުރުސަތުތައް ތަނަވަސްކޮށް، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް. މިއަހަރުގެ ބައިވެރިންގެ ފަރާތުންވެސް އީޖާދީ އަދި މުހިންމު ހައްލުތަކާއެކު ވަރަށް ފުރިހަމަ ކޭމްޕެއް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް،" ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އުރީދޫއިން ބުނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް މިޔަހެލި ކޭމްޕުގެ ބައިވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އިތުރު އިލްމާއި އިރުޝާދު، ކަމާ ގުޅުން ހުރި މާހިރުންގެ ފަރާތުން ޓީމުތަކުގެ ޚިޔާލުތައް ބިނާކުރުމަށް ފޯރުކޮށްދޭނެ ކަމަށެވެ.

އެ ކޭމްޕުގައި ބައިވެރިވެވޭނީ 13 މަދަނީ ޖަމުއިއްޔާއަކަށެވެ. އޭގެ ތެރެއިން ތިން ޖަމުއިއްޔާއެއްގެ ޚިޔާލު ހޮވައި، އެ ޚިޔާލު ޕައިލެޓް ކުރުމުގެ ފުރުސަތު އުރީދޫއާއި ޔޫއެންޑީޕީއިން ދޭނެއެވެ.

އެ ތިން ޓީމަށް ތިން ލައްކަ ރުފިޔާގެ ސީޑް ފަންޑިންއާއި، ހުށަހަޅާފައިވާ ބަޖެޓާއި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެންޓަޝިޕް ދިނުމަށް ހަމަޖެހިފައިވާއިރު، އެ ޚިޔާލުތައް ކުރިއެރުވުމަށް މިޔަހެލި ޕްރޮގްރާމުން މަސައްކަތްކުރާނެ ކަމަށް އުރީދޫއިން ބުންޏެވެ. މިޔަހެލީގެ ފައިސާގެ އެހީ ލިބޭ ތިން ޓީމުގެ ތެރެއިން ދެ ޓީމެއް ހޮވާނީ މާލެ ސަރަހައްދުން ބޭރުގައި ހިންގާ މަދަނީ ޖަމުއްޔާތަކުގެ ތެރެއިންނެވެ.

މިޔަހެލި ކޭމްޕުގެ ސަބަބުން، މަދަނީ ޖަމުއިއްޔާތަކަށް އާންމު ހަރަކާތްތަކުގެ ބޭރުން އީޖާދީ ހައްލުތައް ހޯދުމަށް ހިތްވަރު ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

މިޔަހެލިއަކީ އުރީދޫ މޯލްޑިވްސް އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން 2016 ވަނަ އަހަރު ރަސްމީކޮށް ތައާރަފުކުރި ކޭމްޕެކެވެ. އެ ކޭމްޕާ ބެހޭ އިތުރު މައުލޫމާތު ޔޫއެންޑީޕީގެ ވެބްސައިޓުން ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355