twitterviber whatsapp telegramfacebookyoutube instagram
29th March 2024

ތިން ވަނަ ކުއާޓާގައި ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 367 މިލިއަން

Oct 31, 2022

މި އަހަރުގެ ތިން ވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި، ބޭންކް އޮފް މޯލްޑިވްސްއަށް 367 މިިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލްއިން ބުނީ ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 367 މިލިއަން ރުފިޔާ އެ ބޭންކަށް ލިބިފައިވާއިރު ހިންގުމުގެ ފައިދާގެ ގޮތުގައި 694 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 17 ޕަސެންޓް އިތުރު އަދަދެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އެ ނަތީޖާ ހާސިލް ކުރެވިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ލިބުނު ކުރިއެރުމާއި އަދި ރަނގަޅު ލޯނު ޕޯޓްފޯލިއޯ ދެމެހެއްޓިގެން ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ފާހަގަކުރެއެވެ. އަދި ބޭންކަށް ރަނގަޅު ނަތީޖާއަކާއެކު މިއަހަރު ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

މުޖުތަމައަށް އެހީވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހއ. ފިއްލަދު އާއި ވަށަފަރުގައި އަލަށް ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ފަށާފައިވާ ކަން ބީއެމްއެލްއިން ފާހަގަކުރެއެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ބޭންކުން މިދިޔަ ކުއާޓަރުގައި އައިޖީއެމްއެޗްގައި އޮންކޮލޮޖީއަށް ހާއްސަ ވޯޑެއް ގާއިމް ކުރުމަށާއި، ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމުގެ އިތުރުން ސްޕޯޓްސް ސްކޮލާޝިޕް ޕްރޮގްރާމް އިއުލާންކޮށްފައި ވާ ކަން ބޭންކުން ފާހަގަކުރެއެވެ.

އެ ނަތީޖާއާ ގުޅިގެން ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ލިބުނު ކުރިއެރުމާއެކު، އެ ކުއާޓާގައި ހަރުދަނާ މާލީ ނަތީޖާއެއް ހާސިލްކުރެވިފައި ވާ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި ދިވެހި ރައްޔިތުންނަށް އެހީވުމާއި ދިވެހިން ޚިޔާރުކުރާ ބޭންކުގެ ގޮތުގައި ދެމިއޮތުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މިއަހަރަކީވެސް ކާމިޔާބު އަހަރަކަށްވުން. އަދި މި ފުރުސަތުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލުމާއި ބޯޑު ޑައިރެކްޓަރުން ދެއްވާ އިރުޝާދާއި އެހާމެ ބުރަކޮށް މަސައްކަތް ކުރަމުންދާ އަޅުގަނޑުމެންގެ ޓީމަށް ޝުކުރު އަދާކުރަން،" ކާލް ސްޓުމްކަ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސާވިސް ބޭންކިން ސެންޓަރު، 140 އޭޓީއެމް، 7،900 ޕޮއިންޓް އޮފް ސޭލް މާޗަންޓުންނާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355