ބޭންކް އޮފް މޯލްޑިވްސް އިން މިއަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް ހޮވައިފި އެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ މަގްސަދުގައި ބޭންކުން ހިންގާ ހިލޭ އެހީގެ ފަންޑެކެވެ.
• ދިއްދޫ ކުރިމަގު: ހއ. ދިއްދޫގައި "ހައިވް" ގެ ނަމުގައި ޑިޖިޓަލް ވަސީލަތްތަކާއެކު މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ހާއްސަ މަރުކަޒެއް ގާއިމުކުރުން. މިއީ ޑިޖިޓަލް ތައުލީމާއި އާ އީޖާދުތަކާއި އިޖުތިމާއީ އެކި ހަރަކާތްތަކަށް ހާއްސަ މަރުކަޒެއް.
• ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ށ. ފުނަދޫގައި އޮންނަ ރީތި ފެނުގެ ކުޅިއެއް ކަމަށްވާ މާމުލި ކުޅި އާލާކޮށް އެ ސަރަހައްދުގައި "މާމުލި އިކޯ ޕާކް" ތަރައްގީ ކުރުން. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި މުޖުތަމަޢުގެ އެކި ބޭނުންތަކަށް ފަރުމާކުރެވޭ ތަނެއް.
• ލާމު ފާމާސް އެސޯސިއޭޝަން: ލ. ފޮނަދޫ އަދި ލ. ގަމުގައި "ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިން ހަބް" ގާއިމުކުރުން. މިއީ ދަނޑުވެރިންނަށް އެހީތެރިވުމަށާއި، ލިބޭ މަންފާ އިތުރުކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެގެން ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ މަޝްރޫއެއް.
• ބްލޫ ގިލްޑް ފައުންޑޭޝަން: ކަނޑިތީމުގައި ހުންނަ ށ. އަތޮޅު ސްކޫލްގައި ދަރިވަރުންގެ ހުނަރު ތަރައްގީ ކުރުމަށް "މޭކާ ސްޕޭސް" އެއް ގާއިމުކުރުން. މިއީ ދަރިވަރުންގެ އުފެއްދުންތެރިކަމާއި، ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެއް.
• ކަލައިދޫ ވިންގްސް: ލ. ކަލައިދޫ ބަނދަރުގައި "ކަލައިދޫ ވިންގްސް ހިޔާ" ތަރައްގީކުރުން. މިތަނުގައި ފެރީއަށް މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއް ގާއިމްކުރުމާއި، ފާހާނާއާއި ކުޑަ ލައިބްރަރީއެއްގެ އިތުރުން ޑިޖިޓަލް ނޯޓިސް ބޯޑެއްވެސް ބެހެއްޓުމަށްވަނީ ހަމަޖެހިފައި.
ބޭންކް ފަންޑަކީ ބީއެމްއެލް އަށް ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ފާހަގަކޮށްލެވޭ ފަސް މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދޭ ފަންޑެކެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މިހާތަނަށް ބޭންކް ފަންޑްގެ ދަށުން މިވަނީ 14 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ބޭންކުން ކުރިން ހިންގި ކޮމިއުނިޓީ ފަންޑްގެ ދަށުން 100 ޕްރޮޖެކްޓަކަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.