ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލިސް ކޮމެޓީން ފާސްކޮށްފިއެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅީ ޖީއެސްޓީ 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރުމަށެވެ.
ޓެކްސް ބޮޑުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 50 މެމްބަރުންނެވެ. ޓެކްސް ބޮޑުކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 19 މެމްބަރުންނެވެ. ބިލުގެ ކޮމެޓީ މަރުހަލާގައި ގިނަ އިސްލާހުތަކެއް ވަނީ ހުށަހެޅި ވޯޓަށް އެހިފައެވެ. ނަމަވެސް އެއްވެސް އިސްލާހެއް ކޮމެޓީން ފާސްވެފައި ނުވެއެވެ.
އެ ބިލަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ މިހާރު ވެސް ގާނޫނުގައި އޮތް ގޮތަށް ހަ ޕަސެންޓާއި 12 ޕަސެންޓުގައި ބެހެއްޓުމަށެވެ. ޓެކްސް ބިލަށް އިތުރު އިސްލާހުތައް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.
މިއިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށްކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
އިސްލާހުތައް ބޭރުކޮށްލުމަށް ފަހު ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުޅުވާލީ ސަރުކާރުން ފޮނުވި ގޮތަށް ބިލު ފާސް ކުރަން ވޯޓު ދެއްވުމަށެވެ. އެހެންކަމުން މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސް ވެއްޖެ ކަމަށް ރިޔާސަތުން އެންގެވި އެވެ. އަދި މާދަމާ ރިޕޯޓް ފޮނުވުމަށް ފަހު ތަޅުމަށް ފޮނުވުމަށް އެޖެންޑާ ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.