twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިބްރާހީމްގެފާނު އަލިފާންގަނޑަށް އެއްލާލެވުނު ހިނދު ކުރެއްވި ދުޢާ

ހ.މ
Nov 2, 2022

އާލްޢިމްރާން ސޫރަތުގެ 173 ވަނަ އާޔަތުގައި އައިސްފައިވާ ދުޢާ؛ حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ

"މިއަޅާގެ ހުރިހާ ކަމެއް މާތްﷲ އަށް ވަކީލްކޮށްފީމެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ އިނބަ ﷲ އަށެވެ. އިނބަ ﷲ ގެ ރުއްސެވުން މިއަޅާއަށް ލިބިގެންވާނަމަ މިއަޅާއަށް ފުދުނީއެވެ."

އިބްރާހީމްގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނު ހިފައި ހައްޔަރުކުރިއެވެ. އެބައިމީހުން އަޅުކަން ކުރަމުން އައި ބާޠިލް ކަލާނގެތަކުގެ ބުދުތައް ތަޅައި ސުންނާފަތި ކޮށްލުމުންނެވެ. އޭގެ އަދަބެއްގެ ގޮތުން އެ ގައުމުގެ މީހުން އެކަލޭގެފާނު އަނދަ އަނދާ ހުރި އަލިފާންގަނޑަކަށް އެއްލާލުމަށް ނިންމެވިއެވެ.

3 ދުވަސް ވަންދެން އެބައިމީހުން އަލިފާންގަނޑު ރޯކޮށް ދަރު އަޅަމުން ބޮޑުކުރަމުން ގެންދިޔައެވެ. އެ އަލިފާންގަނޑުގެ ހޫނު ވަރަށް ދުރަށްހުރި ކަމުގައިވެއެވެ. އަމިއްލަ އާއިލާއިން ފެށިގެން ގައުމުގެ އެންމެންވެސް ތިބީ އިބްރާހީމްގެފާނާ ދެކޮޅަށެވެ. އެކަލޭގެފާނަށް ކުޑަކުޑަ ހިތްވަރެއްދޭނޭ އެކަކުވެސް އެމުޅި ރަށުގައި ނެތެވެ. އެންމެންވެސް އެކަލޭގެފާނަށް ދިމާކޮށް އެއްޗެހި ކިޔަމުން ދިޔައެވެ. އަދި އެންމެންވެސް ތިބީ އެކަލޭގެފާނު އަލިފާންގަނޑަށް އެއްލާލުމަށް ބޭނުންވެފައެވެ.

އެ ދަތި އުނދަގޫ ވަގުތުގައި އިބްރާހީމްގެފާނުވީ ހިނދު އެކަލޭގެފާނަށް ނަޞްރު ދެއްވީ ގަދަކީރިތިވަންތަ މާތް ﷲ އެވެ. އަލިފާންގަނޑަށް އެއްލާލެވުނު ހިނދު، އެކަލޭގެފާނު ވިދާޅުވި އެންމެ ފަހު ބަސްފުޅަކީ އަދި ދުޢާއަކީ މަތީގައި ބަޔާންކުރެވިފައިވާ ދުޢާއެވެ. އާދެ حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ އެވެ.

މިއަޅާއަށް ﷲ ފުދެއެވެ. ﷲ ފިޔަވައި އެއްވެސް ފަރާތެއްގެ އެހީއެއް ބޭނުމެއް ނުވެއެވެ. މާތްﷲ ގެ ޚަލީލް އިބްރާހީމް ޢަލަހިއްސަލާމް އެކަލޭގެފާނުގެ ވެރިއިލާހަށް ކުރައްވާ އިތުބާރާ ޔަޤީންކަމުގެ ބޮޑުކަން ދެކެބަލާށެވެ.

ޚަންދަގު ހަނގުރާމައިގެ ދުވަހުގައި މަދީނާ ވަށާލައި ކާފަރުންގެ ބޮޑު ލަޝްކަރު ތިބި ހިނދު، އެ ނުރައްކާތެރި ދަނޑިވަޅުން ސަލާމަތްވުމަށް އެދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ ސަޙާބީން ކުރެއްވެވި ދުޢާއަކީވެސް މި މަތިވެރި ދުޢާއެވެ.

މިދުޢާގެ ސަބަބުން އިބްރާހީމްގެފާން އެއްލާލެވުނު އަލިފާންގަނޑުން އެކަލޭގެފާނަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. މާތް ﷲ އެކަލޭގެފާނުގެ ދުޢާ އިޖާބަ ކޮށްދެއްވައި އެ ބޮޑު އަލިފާންގަނޑަކީ އެކަލޭގެފާނަށް ގެއްލުމެއް ދިނުމަށް ނުވާ އެއްޗެއް ކަމުގައި ލެއްވިއެވެ. މަދީނާ ވަށައިލައިގެން އޮތް ބިޔަ ލަޝްކަރަށްވެސް މުސްލިމުންގެ މައްޗަށް ގަދަވެގަނެއެއް ނުލެވުނެވެ. އެދުވަހު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އެކަލޭގެފާނުގެ ސަޙާބީންގެ ދުޢާ އިޖާބަކޮށް ދެއްވައި ޚަންދަގު ހަނގުރާމައިން ކާމިޔާބު ދެއްވިއެވެ.

މި މަތިވެރި ދުޢާ އަޅުގަނޑުމެންގެ ހަޔާތުގެ ކޮންމެ ދުވަހެއްގައި ތަކުރާރުކޮށް ކިޔުމަށް ވަޞިއްޔަތް ކުރަމެވެ. ތިބާއަށް އެހީތެރިވާނެ ބަޔަކު ތިބި ކަމުގައިވީ ނަމަވެސްމެއެވެ. އަދި ތިބާއާ އެކު އެކަކުވެސް ނެތްކަމުގައިވީ ނަމަވެސްމެއެވެ. ހަޔާތުގެ ދުވަސްތައް ކާމިޔާބު ކުރުމަށެވެ. އާޚިރަތް ބާއްޖަވެރި ކުރުމުގެ ބޭނުމުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355