twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުއްޓަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސިފައިންނާއެކު ބޭއްވި ޕެރޭޑްގެ ކޮމާންޑަރަކަށްވެސް ކުޅުދުއްފުށީ ދަރިއެއް

އަބްދުލް ވާހިދު ޙަސަން
Nov 5, 2022
1

މިއަހަރުގެ ނަޞްރުގެ ދުވަހު ކުޅުދުއްފުށީގައި ބޭއްވި ސިފައިންގެ ޕެރޭޑް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ހާއްސަ ވެއްޖެ އެވެ. އެކި މުނާސަބަތާ ގުޅުވައިގެން މީގެ ކުރިންވެސް މިރަށުގައި ސިފައިންގެ ގިނަ ޕެރޭޑްތަކެއް ބޭއްވިނަމަވެސް ކުރީގެ ޕެރޭޑްތަކުން ނުފެންނަ ކުޅުދުއްފުއްޓަށް ހާއްސަ ބައެއް ކަންކަން މި ޕެރޭޑުން ފެނިގެންދިޔަ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޖަލާލުއްދީން ސްކޫލު ގުޅިގެން ކުރިއަށްގެންދިޔަ ނަޞްރުގެ ދުވަހުގެ ހަރަކާތުގެ ތެރެއިން އިއްޔެ ކުރިއަށްގެންދިޔަ ސިފައިންގެ ޕެރޭޑްގައި އެންމެ ފާހަގަވީ ޕެރޭޑް ކޮމާންޑަރެވެ. މިހާއްސަ ޕެރޭޑްގެ ކޮމާންޑަރަކީ ކުޅުދުއްފުއްޓަށް އުފަން މޭޖަރ އަހުމަދު މުހައްމަދު އެވެ. މިއީ މިހާ ތަނަށް ކުޅުދުއްފުށީގައި ބޭއްވި ސިފައިންގެ ޕެރޭޑެއްގައި ކުޅުދުއްފުށީގެ ދަރިޔަކު ކޮމާންޑްކުރި ފުރަތަމަ ފަހަރެވެ.

ނަޞްރުގެ ދުވަހުގެ ބަޠަލު، ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ އުފަން ރަށުގައި ބޭއްވި މި ހާއްސަ ޕެރޭޑްގައި ޖުމްލަ 6 އޮފިސަރުން ތިއްބެވިއިރު ހަތަރު އޮފިސަރުން ނިސްބަތް ވަނީ ކުޅުދުއްފުއްޓަށެވެ.

ޕެރޭޑްގައި ބައިވެރިވި ކުޅުދުއްފުށީގެ ހަތަރު އޮފިސަރުން

  • މޭޖަރ އަހުމަދު މުހައްމަދު
  • ފަސްޓް ލެފްޓިނެންޓް ހަސަން މުހައްމަދު
  • ލެފްޓިނެންޓް ނިއުމާ އަބުދުލް ރަހުމާން
  • ލެފްޓިނެންޓް ސައިފުﷲ އަބޫބަކުރު

އަދި މީގެ އިތުރުން މިއީ މިހާތަނަށް ކުޅުދުއްފުށީގައި ބޭއްވި ޕެރޭޑްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކުޅުދުއްފުއްޓަށް ނިސްބަތްވާ ސިފައިން ބައިވެރިވި ފުރަތަމަ ފަހަރުވެސްމެ އެވެ. ސީދާ އަދަދެއް ނުދެންނެވިކަމުގައިވިޔަސް ސިފައިން މީޑިއާ އޮފިސަރު ކޭއޯއަށް ވިދާޅުވީ، މި ޕެރޭޑްގައި ގިނަ އަދަދަކަށް ކުޅުދުއްފުއްޓަށް ނިސްބަތްވާ ސިފައިން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންލިސްޓެޑް ސިފައިންނާއި ވޮރެންޓް އޮފިސަރުން ހިމެނޭކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވި އެވެ.

ޕެރޭޑް ކުރިއަށްދިޔަ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ވަނީ ރާގު ކުޅެފައިވާއިރު ފެރޭޑުގެ ހަރަކާތްތަކަށްފަހު، ސްޓޭޑިއަމުގައި އެފްއާރްއެސްއާއި ކޯސްޑްގާޑާއި މެރިންސްގެ އިތުރުން ޕެރޭޑްގައި ހަރަކާތްތެރިވި ސިފައިންނާ ޕެރޭޑްގެ ހަރަކާތްތައް ބަލަން ނުކުތް ކުޑަކުދިންނާއެކު އިންޓަރެކްޝަން ހަރަކާތްތަކެއް ކުރިއަށްގެންދިޔަ އެވެ. މި ޕެރޭޑަށް އާންމުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ.

މި ޕެރޭޑުގެ ހަރަކާތް މިނިސްޓަރު އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީއާއި، ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފާއި ޑެޕިއުޓީ މޭޔަރު އަދި ސިޓީ ކައުންސިލްގެ މެމްބަރުންނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް ޢަބްދުއްލަތީފްގެ އިތުރުން ބައެއް ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާއީލް ޝަރީފް ވަނީ ބައްލަވާލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355