ތިލަދުންމަތި އަބަދުވެސް ހާއްސަވަނީ ގައުމާ ދިމާކުރާ ކޮންމެ އުދުވާނެގައި އެންމެ އިސް ސަފުގައި ތިބޭ ބަތޮޅުން ތިބޭ ތަނެއްގެ ގޮތުގަކަމަށް މޭޔަރު ވިދާޅުވި
ބޮޑު ތިލަދުންމައްޗަކީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ޖިހާދުކުރި އެތައް ބަތޮލުންނެއް އުފެއްދި އަތޮޅެއްކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ތިނެއް ނޮވެމްބަރު 1988 ގައި ދިވެހިންގެ ބަޔަކު އިސްވެ ސްރީލަންކާގެ ޓެރަރިސްޓުންގެ ޖަމާއަތެއްގެ ބަޔަކާ އެކު މާލެ އަރައި ދިން ހަމަލާގައި ޝަހީދުވި ގައުމީ ބަތަލު ހުސައިން އާދަމުގެ ހަނދާނުގައި، ސިޓީ ކައުންސިލުން ހެދި ބިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި މޭޔަރު ވިދާޅުވީ، ފަހުގެ ތާރީހުގައި ރާއްޖޭގެ މިނިވަންކަން ހޯދައިދިނުމުގައި ކުޅުދުއްފުށީ، ޝަހީދު ހުސައިން އާދަމް ހިމެނޭކަމީ ފަހުރެއްކަމުގައި އެވެ.
އަދި 1558 ވަނަ އަހަރުގެ ތެރޭގައި ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުން ނިންމުމަށް ގެނައީވެސް ބޮޑުތިލަދުންމަތީ، އުތީމު ބޮޑުތަކުރުފާނުކަން ފަހުރުވެރިކަމާއެކު މޭޔަރު ފާހަގަކުރެއްވި އެވެ.
"1558 ގައި ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށްފައި އޮއްވާ ރާއްޖެ ސަލާމަތްކުރެއްވި ބަތޮލުވެސް ނިސްބަތްވަނީ އަޅުގަނޑުމެންގެ މި ފަހުރުވެރި ބޮޑުތިލަދުންމައްޗަށް. އާދެ އުތީމު ބޮޑުތަކުރުފާނަކީ އަޅުގަނޑުމެންގެ ފަހުރުވެރި ބޮޑުތިލަދުންމަތީގެ ދަރިއެއް." އާތިފް ވިދާޅުވި އެވެ.
އަދި މީގެ 2000 އެއްހާ އަހަރު ކުރިން ޗޯޅާއިން އެތައް ފަހަރަކު ރާއްޖެއާ ދިމާކުރިއިރުވެސް ނުކުތީ ތިލަދުންމަތީގެ ބަތޮލުން ކަމަށާއި ޗޯޅާއިން ފަރާތުން ރާއްޖޭ ސަލާމަތްކުރީ ތިލަދުންމަތީގެ ބަތޮލުން ކަނޑު ހަނގުރާމަކޮށްގެންކަމުގައި މޭޔަރު ވިދާޅުވި އެވެ.
"މީގެ 2000 އަހަރު ކުރިން ޗޯޅާއިން އެތައް ފަހަރަކު އަޅުގަނޑުމެންނާ ދިމާކުރިއިރުވެސް އަޅުގަނޑުމެންގެ މި ތިލަދުންމަތީގެ ރައްޔިތުން ކަނޑު ހަނގުރާމަކޮށް މި ރާއްޖެ ސަލާމަތްކޮށްފައިވަނީ އެއްތައް ފަހަރެއްގެ މަތިން. އެތައް އެތައް ބަތޮލުންނެއް ޖިހާދުވެ އަޅުގަނޑުމެންނަށް މިއަދު ތާރީހުގައި ލިޔެވިފައި ނެތްކަމަށްވާނަމަވެސް އެތަކެއް ބަތޮލުނެއް މި ތިލަދުންމަތީގައިވޭ." އާތިފް ވިދާޅުވި އެވެ.
ތިލަދުންމަތި އަބަދުވެސް ހާއްސަވަނީ ގައުމާ ދިމާކުރާ ކޮންމެ އުދުވާނެގައި އެންމެ އިސް ސަފުގައި ތިބޭ ބަތޮޅުން ތިބޭ ތަނެއްގެ ގޮތުގައިކަން މޭޔަރު އާތިފް ވިދާޅުވި އެވެ.




