ތިމާވެއްޓާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި އެއްވިސްނުމުގެ ޤައުމުތަކުން "ބަހާއި އަމަލު އެއްގޮތް ކޮށް" ދެމެހެއްޓެނިވި ކަނޑުމަސް އިމްޕޯޓް ކުރުމާ ގުޅޭ އެއްބަސްވުމަކަށް ރާއްޖެއާއެކު އަންނަށް ޖެހޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުގައި މޯނިން ޓްރޭޑް ޔޫކޭ އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ އިނގިރޭސިވިލާތުން ކުޑަ ޖަޒީރާ ގައުމަކަށް އަދަބު ދެނީ މަހުގެ ބާވަތްތަކުން 20 ޕަސެންޓް ޓެރިފް ނަގައިގެން ކަމަށާއި މި އަހަރުގެ މިހާތަނަށް ރާއްޖެއިން އިނގިރޭސިވިލާތަށް 10 މިލިއަން ޑޮލަރުގެ ޓޫނާ ފޮނުވާފައި ވާކަމަށެވެ.
އެފަދަ ޓެކްސްއެއް ނުނަގާނަމަ އެ އަދަދު އިތުރުވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
ކޮމަންވެލްތުގެ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ޓެރިފް ނަގަމުންދާ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެމއެވެ. އެހެން ގައުމުތަކަށް އެކިއެކި އިންތިޒާމުތައް މެދުވެރިކޮށް ޓެކްސް މާފްކޮށްފައި ވާއިރު، ރާއްޖޭގެ މުދަލުން ނަގާ ޓެކްސް އަކީ ވެވިފައިވާ އިހުމާލެއް ކަމުގައި ރާއްޖެއިން ދެކެ އެވެ.
"ކުރީގެ ދަތުރުތަކާ ހިލާފަށް އަޅުގަނޑު މިފަހަރު އިނގިރޭސިވިލާތުން ފުރައިގެން މިދަނީ އެންމެ ފަހުގެ ހައްލެއް ފެންނާނެ ކަމުގެ ބޮޑު އުއްމީދުގައި،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ދެމެހެއްޓެނިވި އުފެއްދުންތެރިކަމަކީ މަގުބޫލު ބަހެއް ކަމަށާއި ރާއްޖެއަކީ މަސްވެރިކަމުގެ މުޅި ސިނާއަތުގައި ދޮށީގެ މަސްވެރިކަން ގެންގުޅޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ނުވަތަ ހަމައެކަނި އެފަދަ މަސްވެރިކަމެއް ކުރާ ގައުމު ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކުރީ ކަނޑުގެ ދިރުން ސަލާމަތްކުރަން ކަމަށާއި، ކަނޑުތަކަކީ ރާއްޖެ އާއި ކުދި ޖަޒީރާ ގައުމުތައް ދަމަހައްޓާ ދިރުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.