twitterviber whatsapp telegramfacebookyoutube instagram
5th May 2024

މިފަހަރުގެ ވޯލްޑް ކަޕުން ނުފެންނާނެ ތަރިން!

މުޙައްމަދު އަހުމަދު
Nov 10, 2022

ހުރިހާ ފުޓްބޯޅަ ކުޅުންތެރިން ވޯލްޑް ކަޕެއްގައި ވާދައެއް ނުކުރާނެ އެވެ. އަދި އިންޖަރީއާ އެކުޅުންތެރިންގެ ގައުމު ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ސަބަބުން ވެސް ގިނަ ތަރިންތަކަކަށް ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލެ އެވެ.

މިއަހަރުގެ ނޮވެމްބަރު މަހު ފަށާ ގަތަރު ވޯލްޑް ކަޕް 2022 ގައި ގިނަ ތަރިންތަކެއް ނުފެންނާނެ އެވެ. އެގޮތުން މިފަހަރުގެ ވޯލްޑް ކަޕުގައި ނުފެންނާނެ ތަރިންތަކަށް ބަލައިލާނަމެވެ.

1. އާރލިން ބްރައުޓް ހާލަންޑް (ނޯވޭ):

އުމުރުން 22 އަހަރުގެ ހާލަންޑްގެ ބޮރޫޝިއާ ޑޯޓުމަންޑުން މެންޗެސްޓަރ ސިޓީއަށް ބަދަލުވެ ސިޓީގައި ކުޅޭ ފުރަތަމަ ސީޒަން ދަނީ ވަރަށް ވެސް ފުރިހަމަކޮށެވެ. ޕްރިމިއާ ލީގުގެ 11 ފެނިލުމުގައި އޭނާ ވަނީ ޖުމްލަ 17 ލަނޑު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ކޮލިފައިންގެ ގްރޫޕް ޖީގައި ނެދަލެންޑްސްއާ ދެކޮޅަށް ފައިނަލް ކޮލިފައިން ގޭމުގައި ނުކުމެ ނެދަލެންޑްސް އަތުން ހާލަންޑްގެ ނޯވޭ ވީ ބައްޔެވެ.

ގައުމީ ޓީމަށް ކުޅެދިން 23 މެޗުން 21 ލަނޑު ކާމިޔާބުކޮށްފައިވާ ހާލަންޑް ވޯލްޑް ކަޕުގައި ކުޅުމަށް 2026 ވަނަ އަހަރާ ހަމައަށް ދިގު އިންތިޒާރެއް ކުރަން ޖެހޭނެ އެވެ. 1998 ގެ ވޯލްޑް ކަޕުގެ ފަހުން އަދި ނޯވޭ ވޯލްޑް ކަޕަށް ކޮލިފައިނުވެ އެވެ.

2. މުހައްމަދު ސަލާހު (މިސްރު):

ސޮން ހުއެން މިންގްއާ އެކު ޕްރިމިއާ ލީގުގެ ގޯލްޑަން ބޫޓް ހިއްސާކުރި ލިވަޕޫލްގެ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު ސަލާހަށް ވޯލްޑް ކަޕް ގެއްލުނީ ޕްލޭ އޮފްގައި ސެނެގާލް އަތުން 3 - 1 ން ބަލިވެގެންނެވެ. ސަލާހުގެ ޕެނަލްޓީ އެމެޗުގައި މިސްވިއިރު އޭނާގެ ކުރީ ޓީމް މޭޓް މާނޭގެ ގޯލުން ސެނެގާލް އަތުން މިސްރު ވަނީ ބަލިވެފަ އެވެ. ލިވަޕޫލުން މިފަހަރުގެ ސީޒަނުގައި ކުރިއަށް ދިއުމުގައި އުދަނގޫތަކެއް ކުރިމަތިވަމުން އަންނައިރު ސަލާހު ވަނީ މިސީޒަނުގައި ލިވަޕޫލަށް ކުޅުނު 12 މެޗުން 4 ލަނޑު ޖަހާފަ އެވެ.

3. ޕައުލް ޕޮގްބާ (ފްރާންސް):

ކަނާތު ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރަށް ޕޮގްބާ ދާން ޖެހުނުއިރު އެންމެފަހުން މީގެ 4 އަހަރުކުރިން ފްރާންސުން ވޯލްޑް ކަޕް ހިއްލާލިއިރު ޕޮގްބާ އަކީ އެޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. މެންޗެސްތަރ ޔުނައިޓެޑް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވި ޕޮގްބާގެ މެނިސްކަސް އިރައިގެން ގޮސް ކުޅުމާ ދުރަށް ދާން ޖެހުނުއިރު އޭނާ އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިއަހަރުގެ އޭޕްރިލް މަހު އެވެ. އޮޕަރޭޝަން ކުރުމަށް ދެކޮޅު ހެދުމަށް ފަހު މިއަހަރު ސެޕްޓެމްބަރު މަހު ކުރީކޮޅު ނިންމުން ބަދަލުކޮށް އޮޕަރޭޝަން ކުރި ޕޮގްބާއަށް ރިކަވަރީއަށް އިތުރު ވަގުތު ބޭނުންވާތީ އޭނާ ވޯލްޑް ކަޕު ނުކުޅޭނެ ކަމަށް އޭނާގެ އެޖެންޓް ވަނީ ބުނެފަ އެވެ.

4. އެންގޯލޯ ކާންޓޭ (ފްރާންސް):

އޮގަސްޓްމަހަށް ފަހު ކުލަބަށާއި ގައުމީ ޓީމަށް އެއްވެސް މެޗެއް ކާންޓޭ ކުޅެފައެއް ނުވެ އެވެ. ޗެލްސީން ވަނީ ކާންޓޭގެ ފަލަމަސްގަނޑަށް (ހެމްސްޓްރިންގް) ލިބުނު އަނިޔާއަކާ ގުޅިގެން ރިކަވާވުމަށް ވަގުތު ބޭނުންވާތީ އޭނާ ވޯލްޑްކަޕުން ނުފެންނާނެކަން ޗެލްސީން ވަނީ މިދިޔަ މަހު ޔަގީންކޮށްދީފަ އެވެ. ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކާންޓޭ މިފަހަރުގެ ފްރާންސް ޓީމުން ނުފެންނައިރު އޭނާގެ އިތުރުން ޕޮގްބާއާ ބޯބަކަރ ކަމާރާ ވެސް އިންޖަރީގެ ސަބަބުން ފްރާންސް ސްކޮޑުން ނުފެންނާނެ އެވެ.

5. ޑޭވިޑް އަލަބާ (އޮސްޓްރިއާ):

ޕްލޭއޮފްގައި ވޭލްސް އަތުން ބަލިވެ އޮސްޓްރިއާގެ ވޯލްޑް ކަޕުގެ އުއްމީދު ފުޑުފުޑުވީ އެވެ. އެހެންކަމުން މިފަހަރުގެ ވޯލްޑް ކަޕުން އަލަބާ ވެސް ނުފެންނާނެ އެވެ. 2021 ވަނަ އަހަރު ބަޔާން މިއުނިކުން ރެއާލް މެޑްރިޑަށް ބަދަލުވި 30 އަހަރުގެ އަލަބާ އެންމެ ފަހުން ބޭއްވި ޔޫރޯގައި ވެސް ވާދަކުރި އެވެ. އަލަބާގެ ކެޕްޓަން ކަމުގެ ދަށުން ނުކުތް އޮސްޓްރިއާއިން ދެވަނަ ބުރުގައި އިޓަލީ އަތުން ބަލިވެ ކެޓީ އެވެ.

6. ލުއިސް ޑިއާޒް (ކޮލަމްބިއާ):

ޑިއާޒްގެ ވޯލްޑް ކަޕުގެ އުއްމީދުތައް ލިވަޕޫލަށް ކުޅެނިކޮށް އަނިޔާގެ ވުމުގެ ކުރިން ވެސް އޭނާއަށް ވަނީ ގެއްލިފަ އެވެ. ސައުތް އެމެރިކަން ކޮލިފައިން ގްރޫޕުގައި ކޮލަމްބިއާއަށް 6 ވަނަ ލިބުމުގެ ސަބަބުން އެޓީމު ވޯލްޑް ކަޕަށް ކޮލިފައިއެއް ނުވެ އެވެ. 25 އަހަރުގެ ޑިއާޒް އަދި މިހާތަނަށް ވޯލްޑް ކަޕެއްގައި ނުކުޅޭއިރު އޭނާގެ އިތުރުން ކޮލަމްބިއާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން މިފަހަރުގެ ވޯލްޑް ކަޕުގައި ހަމޭސް ރޮޑްރިގޭޒްއާއި ރަޑަމެލް ފަލްކާއޯ ވެސް ނުފެންނާނެ އެވެ.

7. ޖިއަންލުއިޖީ ދޮންނަރުމާ (އިޓަލީ):

ދެބަސްވުމެއް ނެތް ގޮތުގައި މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ގޯލް ކީޕަރު ވެސް މިފަހަރުގެ ވޯލްޑްކަޕުން ނުފެންނާނެ އެވެ. ޔޫރޯ 2020 ގެ ޗެމްޕިއަންކަން އިޓަލީން ހޯދިއިރު ދޮންނަރުމާ އަކީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ނަމަވެސް މާޗްމަހު ޕްލޭއޮފްގައި ނޯތް މެސެޑޯނިއާ އަތުން ހަނި ތަފާތަކުން ބަލިވެ އިޓަލީގެ އަދި ދޮންނަރުމާގެ މިއަހަރުގެ ވޯލްޑްކަޕުގެ އުއްމީދު ނިމުނީ އެވެ. 2018 ގެ ވޯލްޑް ކަޕަށް ވެސް އިޓަލީ ކޮލިފަނުވިއިރު ދޮންނަރުމާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 49 މެޗު ކުޅެދީފަ އެވެ. ދޮންނަރުމާގެ އުމުރުން އަދި އެންމެ 23 އަހަރެވެ.

8. ޑިއޮގޯ ޖޮޓާ (ޕޯޗުގަލް):

ކުޑަކަޅުވާއަށް ލިބުނު އަނިޔާއަކާ ގުޅިގެން ވޯލްޑްކަޕު ގެއްލޭނެ ކަން ޔަގީންވުމުން ޖޮޓާ ބުނެފައިވަނީ އޭނާގެ އެއް ހުވަފެން ފުޑުފުޑުވެއްޖެ ކަމަށެވެ. މިއަހަރުގެ ވޯލްޑް ކަޕް އޭނާއަށް ގެއްލޭއިރު އޭނާއަށް މިހާރުވެސް ވަނީ އާ ސީޒަނުގެ ފުރަތަމަ މަހުގެ ކުޅުން ވެސް ގެއްލިފަ އެވެ. ކުޑަ ހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޕޯޗުގަލްގެ ޕެޑްރޯ ނެޓޯ ވެސް މިވޯލްޑް ކަޕުން ނުފެންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355