ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ނާމް)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފަސްޓް އިންޓަރ ސްކޫލް ޒޯން ނެޓްބޯލް މުބާރާތުގެ ތިންވަނަ ދުވަހުގެ މެޗުތަކުން އަފީފުއްދީން ސްކޫލާއި ނެއްލައިދޫ ސްކޫލް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވިއިރު ހދ. އޭއީސީއާއި ޖަލާލުއްދީން ކުޅުނު މެޗު ވެސް އެޓީމުތަކުން ކާމިޔާބުކޮށްފި އެވެ.
މިއަދުގެ ފުރަތަމަ މެޗުގައި 13 އަހަރުން ދަށުގެ އުމުރުފުރާއިން ހދ. އޭއީސީއާއި ނެއްލައިދޫ ސްކޫލް ބައްދަލުކުރި މެޗު 17 - 1 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ނެއްލައިދޫ ސްކޫލެވެ. މިމެޗުގައި ނެއްލައިދޫ ސްކޫލުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ނެއްލައިދޫ ސްކޫލުގެ ގޯލް އެޓޭކް މަރިޔަމް ލިމްޔާ އެވެ.
13 އަހަރުން ދަށުގެ އުމުރުފުރާއިން މިއަދު ކުޅެވުނު ދެވަނަ މެޗުގައި އަފީފުއްދީން ސްކޫލުން ވަނީ ފަސޭހަކަމާއެކު ފުނަދޫ ސްކޫލް ބަލިކޮށްފަ އެވެ. 15 - 1 ން އަފީފުއްދީނުން މެޗު ކާމިޔާބުކުރިއިރު މެޗުގެ ކުއީންއަކަށް ހޮވުނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އަފީފުއްދީން ޓީމުގެ ހުނަރުވެރި ސެންޓަރ އައިމިނަތު އައުހާ އަބްދުއްރަހްމާނެވެ.
ދެން މިއަދު ކުޅެވުނީ 17 އަހަރުން ދަށުގެ އުމުރުފުރާގެ ދެމެޗެވެ. 17 އަހަރުން ދަށުގެ ބައިން ފުރަތަމަ މެޗުގައި 15 - 9 ން ނޮޅިވަރަމް ސްކޫލް ބަލިކުރުމަށް ފަހު މެޗު ކާމިޔާބުކުރީ ހދ. އޭއީސީ އެވެ. އޭއީސީގެ ގޯލް އެޓޭލް އައިޝަތު އާޔާ އަބްދުލް މުހައިމިންގެ ފަރާތުން މޮޅު ކުޅުމެއް މިމެޗުގައި ފެނިގެންގޮސްފައިވާއިރު އޭނާ ވަނީ މެޗުގެ ކުއީން އޮފް ދަ މެޗުގެ މަގާމު ހާސިލްކޮށްފަ އެވެ.
މިއަދުގެ ފަހު މެޗުގައި ނެއްލައިދޫ ސްކޫލާ ޖަލާލުއްދީން ސްކޫލް ބައްދަލުކުރި ވާދަވެރި މެޗު ނިމުނީ ވަރަށް ހަނި ތަފާތަކުން ޖަލާލުއްދީން މޮޅުވެގެންނެވެ. 15 - 14 ން ޖަލާލުއްދީނުން މެޗު ކާމިޔާބުކުރިއިރު މެޗުގެ ކުއީން އޮފް ދަ މެޗް ލިބުނީ ނެއްލައިދޫގެ ކުޅަދާނަ ގޯލް އެޓޭކް އައިމިނަތު ޝިއުނީ އެވެ.
މާދަމާ ކުޅެވޭ މެޗުތަކުގައި ބައްދަލުކުރާނީ އޭއީސީއާއި ޖަލާލުއްދީން ސްކޫލް (13 އަހަރުން ދަށް)، ނެއްލައިދޫ ސްކޫލާއި އަފީފުއްދީން ސްކޫލް (13 އަހަރުން ދަށް)، އަދި އަފީފުއްދީން ސްކޫލާއި އޭއީސީ (17 އަހަރުން ދަށް)، ނޮޅިވަރަމް ސްކޫލާއި ނެއްލައިދޫ ސްކޫލް (17 އަހަރުން ދަށް) އެވެ.