twitterviber whatsapp telegramfacebookyoutube instagram
26th April 2024

15 އަހަރުން ދަށުގެ ބައިން އަފީފުއްދީނާއި ޖަލާލުއްދީން އަދި އޭއީސީއާ ކުމުންދޫ ސެމީއަށް

މުޙައްމަދު އަހުމަދު
Nov 11, 2022

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ނާމް)އިން ކުރިއަށް ގެންދާ ފަސްޓް ޒޯން ނެޓްބޯލް މުބާރާތުގެ ނޯދާން ޒޯންގެ 15 އަހަރުން ދަށުގެ އުމުރުފުރާގެ ސެމީ ފައިނަލަށް ކުޅުދުއްފުށީގެ އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލުގެ އިތުރުން ހދ، އަތޮޅު ތައުލީމީ މަރުކަޒު އަދި ކުމުންދޫ ސްކޫލް ދަތުރުކޮށްފި އެވެ.

އަފީފުއްދީނުން މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެމެޗު ވެސް ކާމިޔާބުކޮށް ގްރޫޕް 2 ގެ އެއްވަނަ ޓީމުގެ ގޮތުގައި އެވެ. ޖަލާލުއްދީން ސެމީއަށް ދަތުރުކުރީ ގްރޫޕް 1 ގެ ދެވަނަ ޓީމުގެ ގޮތުގައި އެވެ. މީގެ އިތުރުން ކުމުންދޫ ސްކޫލާއި ހދ އޭއީސީ ވެސް ވަނީ ސެމީއަށް ދަތުރުކޮށްފަ އެވެ.

ކުމުންދޫ ސްކޫލް ސެމީއަށް ދަތުރުކުރީ ގްރޫޕް 2 ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ހދ. އޭއީސީ ސެމީއަށް ދަތުރުކުރީ ގްރޫޕް 1 ގެ އެއްވަނަ ޓީމުގެ ގޮތުގައި އެވެ.

މުބާރާތުގެ ސެމީގެ މެޗުތައް މާދަމާ ހަވީރު (ހޮނިހިރު ދުވަސް) ކުޅެވޭއިރު ފުރަތަމަ މެޗުގައި 3.45 ގައި ހދ އޭއީސީން ނުކުންނާނީ ކުމުންދޫ ސްކޫލާ ދެކޮޅަށެވެ. އަދި 4.45 ގައި އަފީފުއްދީނުން ނުކުންނާނީ ޖަލާލުއްދީން ސްކޫލާ ދެކޮޅަށެވެ.

މުބާރާތުގައި މިއަދު ކުޅެވުނު މެޗުތަކަށް ބަލާލާއިރު މިއަދުގެ މެޗުތަކުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެވެ. މިއަދުގެ ފުރަތަމަ މެޗުގައި 13 އަހަރުން ދަށުގެ ބައިގައި އޭއީސީއާއި ޖަލާލުއްދީން ބައްދަލުކުރި މެޗު 10 - 5 ން ކާމިޔާބުކުރީ ޖަލާލުއްދީނުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަލާލުއްދީނުގެ ގޯލް އެޓޭކް މަލާކް ބިންތް އަފްޝާން އަބްދުﷲ އެވެ.

ދެވަނަ މެޗުގައި އަފީފުއްދީން ސްކޫލުން ވަނީ 11 - 8 ން ނެއްލައިދޫ ސްކޫލް ބަލިކޮށްފަ އެވެ. ވާދަވެރި ކުޅުމެއް ފެނުނު މިމެޗު އަފީފުއްދީނުން ކާމިޔާބުކުރިއިރު މިމެޗުގެ ކުއީން އޮފް ދަ މެޗަށް ހޮވުނީ އަފީފުއްދީންގެ ގޯލް ޑިފެންސް އައިމިނަތު އީމާން އަބޫބަކުރެވެ.

15 އަހަރުން ދަށުގެ ބައިން މިއަދު ކުޅުނު ފުރަތަމަ މެޗުގައި ނޮޅިވަރަމް ސްކޫލް އަތުން ހދ އޭއީސީ ބަލިވީ 9 - 7 ގެ ތަފާތަކުންނެވެ. ފޯރިގަދަކޮށް ކުޅެވުނު މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ނޮޅިވަރަމްގެ ގޯލް ޑިފެންސް ފައިނާ އަލީ އެވެ.

ދެވަނަ މެޗުގައި އަފީފުއްދީން ސްކޫލުން ވަނީ 25 - 2 ގެ ބޮޑު ތަފާތަކުން ފަސޭހަކަމާއެކު ނެއްލައިދޫ ސްކޫލް ބަލިކޮށްފަ އެވެ. މިމެޗު ޑޮމިނޭޓްކޮށް އަފީފުއްދީނުން ކާމިޔާބުކުރިއިރު މެޗުގެ ކުއީންއަކަށް ހޮވުނީ އަފީފުއްދީނުގެ ގޯލް އެޓޭކް ރިފާޝާ އަބްދުލް ހަމީދެވެ.

17 އަހަރުން ދަށުގެ ފުރަތަމަ މެޗުން ހދ އޭއީސީ އަތުން އަފީފުއްދީން މޮޅުވީ 35 - 9 ގެ ބޮޑު ތަފާތަކުންނެވެ. މިމެޗުގައި އަފީފުއްދީނުން މެޗު ޑޮމިނޭޓްކޮށް ހދ އޭއީސީ ފަސޭހަކަމާއެކު ބަލިކުރިއިރު މިމެޗުގެ ކުއީންއަކަށް ހޮވުނީ އަފީފުއްދީނުގެ ގޯލް އެޓޭކް ލަމްޔާ އަބްދުﷲ އެވެ.

ދެވަނަ މެޗުގައި ނޮޅިވަރަމް ސްކޫލުން ނެއްލައިދޫ ސްކޫލް ބަލިކުރި 16 - 9 ންނެވެ. މިމެޗުގައި ވެސް ފޯރި ގަދަ ކުޅުމެއް ފެނުނުއިރު މެޗުގެ ކުއީން އަކަށް ހޮވުނީ ނޮޅިވަރަމްގެ ވިންގް އެޓޭކް ރީޝާ އަހްމަދު އަނީލް އެވެ. މުބާރާތުގެ ސެމީގެ މެޗުތައް މާދަމާ ކުޅެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355