މިހާރު ކުޅުދުއްފުށި ސިޓީގައި ނެޓްބޯލް އެސޯސިއޭޝަނުން ކުރިއަށް ގެންދާ ފަސްޓް އިންޓަރ ސްކޫލް ޒޯން ނެޓްބޯޅަ މުބާރާތުގެ ނޯދާން ޒޯނުގެ ހުރިހާ އުމުރުފުރާއެއްގެ ފައިނަލަށް އެއްވެސް މެޗަކުން ބަލިނުވެ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް (އޭއެފްއެސް) ދަތުރުކޮށްފި އެވެ.
އެއްވެސް މެޗަކުން ބަލިނުވެ އަފީފުއްދީން ފައިނަލަށް ދަތުރުކުރީ މިއަދު އަފީފުއްދީނުން ވަނީ 15 އަހަރުން ދަށުގެ ސެމީގައި 28 - 5 ން ޖަލާލުއްދީން ސްކޫލް ބަލިކޮށްފަ އެވެ. 17 އަހަރުން ދަށާއި 13 އަހަރުން ދަށުގެ ފައިނަލަށް ލީގު އުސޫލުން ކުޅެ އެއްވެސް މެޗަކުން ބަލިނުވެ އަފީފުއްދީން ދަތުރުކުރިއިރު 15 އަހަރުން ދަށުގެ ބައިގައި ގްރޫޕް ސްޓޭޖް އުސޫލުން ކުޅެ ގްރޫޕްގައި ކުޅުނު ދެމެޗު ވެސް އަފީފުއްދީނުން ވަނީ ކާމިޔާބުކޮށްފަ އެވެ.
އަދި މިއަދު ހަވީރު ކުޅެވުނު ސެމީ ފައިނަލް (15 އަހަރުން ދަށުގެ) މެޗު ވެސް އަފީފުއްދީނުން ވަނީ 28 - 5 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފަ އެވެ. ސެމީ ފައިނަލް މެޗުގައި އަފީފުއްދީނުން މޮޅު ކުޅުމެއް ދެއްކިއިރު ސެމީގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ އޭއެފްއެސްގެ ގޯލް ޑިފެންސް އައިޝަތު ހަނާން ހަސަން އެވެ.
މިއަދު ކުޅެވުނު 15 އަހަރުން ދަށުގެ އަނެއް ސެމީގައި ކުމުންދޫ ސްކޫލުން ވަނީ 23 - 13 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު ހދ އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށްފަ އެވެ. މިމެޗު ފަސޭހަކަމާއެކު ކުމުންދޫއިން ކާމިޔާބުކުރިއިރު އެޓީމުން ވަނީ މުޅި މެޗު ކޮންޓްރޯލް ހޯދާ އޭއީސީގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާފަ އެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗުގެ މަގާމު ހާސިލްކުރީ މުޅި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ކުމުންދޫގެ ސެންޓަރ ފާތިމަތު ރިޝްމާ މުހައްމަދެވެ.
15 އަހަރުން ދަށުގެ ސެމީއަށް އޭއެފްއެސް ދަތުރުކޮށްފައިވަނީ ގްރޫޕް 2 ގެ އެއްވަނަ ޓީމުގެ ގޮތުގައި ޖުމްލަ 6 ޕޮއިންޓާއެކުގަ އެވެ. އަދި ޖަލާލުއްދީން ސެމީއަށް ދަތުރުކުރީ ގްރޫޕް 1 ގެ ދެވަނަ ޓީމުގެ ގޮތުގައި ޖުމްލަ 3 ޕޮއިންޓާއެކު އެވެ.
ގްރޫޕް 2 ގެ ދެވަަނަ ޓީމުގެ ގޮތުގައި 3 ޕޮއިންޓާއެކު ކުމުންދޫ ސެމީއާ ހަމައަށް އައިއިރު އޭއީސީ ސެމީއަށް ދަތުރުކުރީ ގްރޫޕް 1 ގެ އެއްވަނަ ޓީމުގެ ގޮތުގައި 3 ޕޮއިންޓާއެކުގަ އެވެ.
15 އަހަރުން ދަށުގެ ފައިނަލުގައި މާދަމާ ރޭ 20:00 ގައި އަފީފުއްދީން ސްކޫލުން ނުކުންނާނީ ކުމުންދޫ ސްކޫލާ ދެކޮޅަށެވެ. މިމެޗު ކުޅެވޭނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް 1 ގެ ނެޓްބޯޅަ ކޯޓުގަ އެވެ.
13 އަހަރުން ދަށުގެ ފައިނަލުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ތާވަލުގެ އެއްވަނައިގައި ޖުމްލަ 12 ޕޮއިންޓާއެކު ފައިނަލަށް ދަތުރުކުރި އަފީފުއްދީން ސްކޫލާ ތާވަލުގެ ދެވަނައިގައި ޖުމްލަ 9 ޕޮއިންޓާއެކު ފައިނަލަށް ދަތުރުކުރި ޖަލާލުއްދީން ސްކޫލެވެ. މިމެޗު އޮންނާނީ މާދަމާ ހަވީރު 16:15 ގައި ޒޯން ސްޓޭޑިއަމްގަ އެވެ.
17 އަހަރުން ދަށުގެ ފައިނަލުގައި ވެސް ބައްދަލުކުރާނީ އަފީފުއްދީން ސްކޫލާ ޖަލާލުއްދީން ސްކޫލެވެ. އަފީފުއްދީން ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ލީގުގެ އެއްވަނައިގައި ޖުމްލަ 12 ޕޮއިންޓާއެކު އެވެ. އަދި ޖަލާލުއްދީން ފައިނަލަށް ދަތުރުކުރީ ލީގުގެ ދެވަނައިގައި ޖުމްލަ 7 ޕޮއިންޓް ހޯދައިގެންނެވެ. މިމެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4 ޖަހާއިރު ޒޯން ސްޓޭޑިއަމްގަ އެވެ.