ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ތަހައްމަލުކުރާ މީހުންގެ ތެރެއިން 14 ޕަސެންޓް މީހުންނަކީ ހަކުރު ބަލި ޖެހިފައިވާ މީހުންކަން ދިރާސާއަކުން ހާމަވެއްޖެ އެވެ. ރާއްޖޭގައި ހަކުރު ބަލި ޖެހެނީ ހަމައެކަނި ދުވަސްވީ މީހުންކަށް ނޫނެވެ. ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން މެދުއުމުރުގެ މީހުންނަށް ވެސް މި ބަލި ޖެހެއެވެ.
ގައިންގަޔަށް ނާރާ ބަލިތަކުގެ ހާލަތު ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ހެލްތު މިނިސްޓްރީން ހެދި، "ސްޓެޕްސާވޭ 2020-2021" އިން ދައްކާގޮތުގައި 14 ޕަސެންޓް ދިވެހީންނަށް ވަނީ ހަކުރު ބަލި ޖެހިފައެވެ. އަދި 2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްއިއްޔާއިން ނެރެފައިވާ ރިޕޯޓުން ދައްކާގޮތުން ރާއްޖޭގައި 3.7 ޕަސެންޓް މީހުން މަރުވަނީ ހަކުރު ބަލީގެ ސަބަބުންނެވެ.
އިންޓަނޭޝަނަލް ޑައިބެޓިކްސް ފައުންޑޭޝަން (އައިޑީއެފް)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ބޮޑެތި މީހުންގެ އާބާދީ 404،700 އަށް އަރާއިރު އޭގެ ތެރެއިން 27،000 މީހުންނަށް ވަނީ ހަކުރު ބަލި ޖެހިފައެވެ. އެހެންކަމުން ރާއްޖޭގެ ބޮޑެތި މީހުންގެ އާބާދީގެ 6.7 ޕަސެންޓް މީހުންނަށް ވަނީ ހަކުރު ބަލިޖެހިފައެވެ.
ހަކުރު ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމުދާން ޖެހުމާއި ކަރު ހިއްކާ ފެން ބޮވުމާއި އާދަޔާ ހިލާފަށް ބަނޑުހައިވުމާއި ބަރުދަން ލުއިވުން އަދި ވަރުބަލިވުން ހިމެނެ އެވެ.
ޓައިޕް 2 ޑައިބެޓީސް އާއްމުކޮށް ބޮޑެތި މީހުންނަށް ޖެހޭއިރު އެ ބައްޔަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެން އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ބައްޔެވެ.
މީގެ އިތުރުން އާއިލާގައި ހަކުރު ބަލި ޖެހިފައިވާ މީހުން ތިބުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން މި ބަލި ޖެހުމަށް މަގުފަހިވެއެވެ.
ހަކުރުބަލި ތަހައްމަލު ކުރަމުންދާ މީހުން ހަކުރު ކޮންޓްރޯލްކޮށް ބައްޔާއެކު ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ދިރިއުޅުން ވަކި ގޮތަކަށް ބައްޓަން ކުރަންޖެހެ އެވެ. މި ގޮތުން ގަވާއިދުން ބޭސް ކެއުމަކީ މުހިއްމު ކަމެކެވެ. މީގެ އިތުރުން ހަކުރު ކޮންޓްރޯލް ކުރެވިފައިވާކަން ކަށަވަރުކުރުމާއި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުމެއް ލިބޭތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓްތައް ހަދަން ޖެހެ އެވެ.
ބަލި ޖެހިފައިވާ މީހުން ގަވާއިދުން ޑޮކްޓަރެއް ނުވަތަ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމާއި ކެއިން ބުއިމުގައި ރަނގަޅު އަހުލާގެއް ދެމެހެއްޓުމަށް ސަމާލުކަން ދޭން ޖެހެ އެވެ. އަދި ގަވާއިދުން ކަސްރަތު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އެހެން ބަލިތަކެކޭ އެއްފަދައިން ހަކުރު ބައްޔަކީ ވެސް ކުރިއާލާ ދެނެގަނެވިއްޖެނަމަ ބޮޑުވަރު ނުވަނީސް ހަމަޔަކަށް އެޅުވޭ ބައްޔެކެވެ. އެހެންކަމުން ދޭތެރެދޭތެރެއިން ހަކުރު ބައްޔަށް ޓެސްޓްކޮށް ބަލަންޖެހެއެވެ. އަދި ޚާއްސަކޮށް އާއިލާގައި ހަކުރު ބަލި ހުންނަނަމަ ޓެސްޓް ހެދުމަށް އިތުރަށް އިސްކަން ދޭންޖެހެއެވެ.