twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި ބައިވެރިވީ 5 ޓީމަކުން

ނަބީލާ އިސްމާޢީލް
Nov 16, 2022
1

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ނަމުގައި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލި މުއްދަތު މި މަހު 14 ވަނަ ދުވަހު ހަމަވިއިރު ބައިވެރިވީ 5 ޓީމަކުން ނެވެ. މި މުބާރާތުގައި ބައިވެރިވާން ސިޓީ ކައުންސިލުން ހުޅުވާލީ މި މަހު 8 ވަނަ ދުވަހު އެވެ.

މިއަހަރު މުބާރާތް ސްޕޮންސަރކޮށްފައިވަނީ އެމްޓީސީސީންނެވެ. ކޯ ސްޕޮންސަރަކީ ފެނަކަ ކޯޕަރޭޝަން އެވެ.

މުބާރާތުގައި ބައިވެރިވި ޓީމް ތަކުގެ ތަފްސީލް ހޯދާލުމަށް ސިޓީ ކައުންސިލަށް ގުޅާލުމުން ޓީމްތަކުގެ މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ކައުންސިލުން ބުނީ މާދަމާގެ ވަގުތެއްގައި ކައުންސިލުން ޓީމުތައް ހާމަކުރާނެ ކަމަށެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ގަވައިދުން ކުރިޔަށްދާނެ، ފެންވަރު ރަނގަޅު ފުޓުބޯޅަ މުބާރާތެއް ބޭއްވުމުގެ އިތުރުން ކުޅުދުއްފުށިގެ ޒުވާނުންނަށާއި ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތަތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެ ކައުންސިލުން ބުނެ އެވެ.

މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި ކައުންސިލުން ބުނީ މުބާރާތަށް ހޮވޭނީ އެންމެ ފުރަތަމަ ފޯމު ހުށައަޅާ 8 ޓީމަކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭއިރު މުބާރާތުގައި ބައިވެރިވެވޭނީ ރަސްމީކޮށް (މިނިސްޓްރީ އޮފް ހޯމްއެފެއާޒް ނުވަތަ ޔޫތް މިނިސްޓްރީގެ ސްޕޯޓްސް ކޮމިޝަންގައި) ރަޖިސްޓްރީކޮށްފައިވާ ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކަށެވެ. އަދި ކޮންމެ ކުލަބަކަށްވެސް ބައިވެރިކުރެވޭނީ އެންމެ ޓީމަކަށް ކަމަށެވެ.

މިއީ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމު އަދި ރަނަރަޕް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މުބާރާތެކެވެ.

މުބާރާތް ކުޅެވޭނީ ކަޕް ފޯމެޓަށެވެ. އަދި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަލާފައި 5 ޓީމަށް ވުރެ ގިނަވެއްޖެނަމަ މުބާރާތް ކުޅޭނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355