އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހެޅުއްވި އެ އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ ވޯޓުން ނެވެ. އެ އިސްލާހާއި ދެކޮޅަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.
ސަރުކާރުގެ ރިކަރަންޓް ހަރަދުތައް ހަމަޖެއްސުމަށް ކަމަށް ބުނެ، ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.
މި ބިލް ފާސްކޮށްފައި މިވަނީ މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް ދެ ދުވަހެއްގެ މަތިން ތާވަލް ކުރުމަށް ފަހުއެވެ.
ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްކުރި އިރު އިދިކޮޅު ފަރާތްތަކުން ދިޔައީ މަޖިލީހުގައި އަޑުގަދަ ކުރަމުންނެވެ. އަދި އެ މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރު ނުކުރާތީ ސަރުކާރު ފެކްޝަންގެ މެންބަރުން ވެސް ދިޔައީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.
ބިލް ފާސްކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދު ވިދާޅުވީ، މިބާވަތުގެ ގާނޫނުތައް ފާސްކުރަން، ބޮޑު އަގުލަބިއްޔަތެއް އޮތުމަށް ގާނޫނޫއަސާސީ ލާޒިމް ކުރާ ކަމަށާއި މެމްބަރުން އެކަން ގަބޫލުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި، ސަރުކާރުން ހުށަހެޅިގޮތަށް ބިލް ފާސްވި ނަމަވެސް، ބިލް ފާސްވީ ހަނި އަގުލަބިއްޔަތަކުންކަން ސަރުކާރުން ބަލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ޓެކްސް ބޮޑުކުރުމަށް ބިލް ފާސްކޮށްފައި މިވަނީ ދެ ދުވަސް މަތީން ބިލަށް ވޯޓަށް ނާހައި، މަޖިލީހުގެ ޖަލްސާ ނިންމާލާފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ވެސް ގެނެސްފައިވަނިކޮށެވެ.
މަޖިލީހުން މި ބިލް ފާސްކޮށްފައި މިވަނީ އެކަމާ ގިނަ ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށެވެ. އެގޮތުން ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތަކަށާއި އެހެންކަންކަމަށް ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާލުމަށް ފާޑުކިޔާ ފަރާތްތަކުން ގޮވާލައެވެ. އިދިކޮޅު ކޯލިޝަނުން ވެސް ވަނީ މަޖިލިސް ސަރަހައްދަށް އެއްވެ ބިލު ފާސްކުރުމާ ދެކޮޅަށް އަޑުއުފުލާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައި ވަނީ ވެސް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށެވެ.
ޓެކްސް ބޮޑުކުރާ ގޮތަށް ފާސް ކުރުމަށްފަހު މިއަދުގެ ޖަލްސާ ވަނީ ނިންމާލައިފައެވެ.