twitterviber whatsapp telegramfacebookyoutube instagram
5th May 2024

ސެނެގާލް ސްކޮޑްގައި ހިމެނުނު މާނޭއަށް އޮޕަރޭޝަނެއް ކުރަން ޖެހި ވޯލްޑްކަޕް ގެއްލިއްޖެ

މުޙައްމަދު އަހުމަދު
Nov 18, 2022

ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ ވޯލްޑްކަޕުގައި ވާދަކުރުމަށް މަސައްކަތަކުރަމުން އައި ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އެންމެ ފުރަތަމަ މިއުނިކާއި އޮސްޓްރިއާގައި ހެދި ޓެސްޓްތަކުން ފުރަތަމަ ދެއްކީ އޭނާ އިތުރު އޮޕަރޭޝަނެއް ކުރަން ނުޖެހޭނެ ކަމަށެވެ.

އެހެންކަމުން އެޓީމުގެ ކޯޗު އަލިއޫ ސީސޭގެ 26 ކުޅުންތެރިންގެ ވޯލްޑް ކަޕް ސްކޮޑްގައި މާނޭ ހިމެނުނު ނަމަވެސް ފަހުން އޮޕަރޭޝަނެއް ކުރަން ޖެހޭނެކަން ޔަގީންވެ އޭނާއަށް ވޯލްޑްކަޕް ގެއްލިއްޖެ އެވެ.

މާނޭއަށް އަނިޔާވީ މި ނޮވެމްބަރު މަހު 8 ވަނަ ދުވަހު، ބުންޑަސް ލީގާގައި ބަޔާން މިއުނިކުން ވާޑާ ބްރެމެންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެމެޗުގައި ބަޔާނުން ވާޑާ ބްރެމެން ބަލިކުރި މާނޭގެ ކަކުލަށް އަނިޔާވެގެން 20 ވަނަ މިނިޓްގައި އޭނާ ބަދަލުކުރަން ޖެހުނެވެ.

ޓީމު އިއުލާނުކުރިއިރު ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ ބުނީ މާނޭ އަށް ކިތަންމެ ކުޑަ ފުރުސަތެއް ލިބުނަސް އޭނާ ހުރީ ވޯލްޑް ކަޕުގައި ކުޅެން ތައްޔާރަށެވެ. ވޯލްޑްކަޕުގެ ފުރަތަމަ މެޗުތައް މާނޭއަށް ގެއްލޭނެކަމަށް ކުރިން ވެސް އޮތީ ހީވެފަ އެވެ.

ނަމަވެސް ސެނެގާލުން ވިސްނާފައި އޮތީ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުން ފެށިގެން މާނޭއަށް ކުޅެވޭނެ ކަމަށެވެ. ނަމަވެސް އެމްއާރުއައި ހެދުމުން ކަކުލަށް ލިބުނު އަނިޔާ ރަނގަޅުވާން އަންނަނީ އޮޕަރޭޝަނެއް ކޮށްގެންކަން އެނގުނު ހިސާބުން އޭނާއަށް ވޯލްޑް ކަޕުގެ ފުރުސަތު ގެއްލުނީ އެވެ.

ސެނެގާލް މިފަހަރު ވޯލްޑް ކަޕުގައި ގްރޫޕް އޭގައި ލައްވާލިއިރު ސެނެގާލްގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ގަތަރާއި، ނެދަލެންޑްސެގެ އިތުރުން އިކުއެޑޯ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355