twitterviber whatsapp telegramfacebookyoutube instagram
5th May 2024

ފަހުވަގުތު ބެންޒެމާއަށް ވޯލްޑްކަޕް ގެއްލުން، އަނިޔާގެ މައްސަލަތަކާ ހެދި ފްރާންސަށް އިތުރު އުދަނގޫތަކެއް

މުޙައްމަދު އަހުމަދު
Nov 20, 2022

ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާއަށް މިފަހަރުގެ ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަމަށް ފްރާންސް ގައުމީ ޓީމުން ބުނެފި އެވެ. ފްރާންސް ޓީމުން މިހެން ބުނެފައިވާއިރު ވޯލްޑް ކަޕް މިރޭ ފެށޭނެ އެވެ.

ބެންޒެމާ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލަންޑޯ އެވޯޑް މިފަހަރުގެ ސީޒަނުގައި ހާސިލްކޮށްފަ އެވެ. އުމުރުން 34 އަހަރުގެ ބެންޒެމާއަށް ވޯލްޑް ކަޕް ނުކުޅެވޭނެކަން ޔަގީންވީ އެންމެފަހުން ހެދި އެމްއާރްއައިގެ ނަތީޖާގެ ސަބަބުން ކަމަށްވާއިރު އޭނާއަށް ކުޅުމަށް އެނބުރި އާދެވޭނީ ތިން ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ރިޕޯޓުގައިވެ އެވެ.

އެންމެ ފަހުން ކުޅުނު މެޗުތަކުން ނުކުތް ދަށް ނަތީޖާގެ އިތުރުން އަނިޔާގެ ސަބަބުން މިފަހަރުގެ ވޯލްޑް ކަޕްގައި ފްރާންސަށް އިތުރު އުދަނގޫތަކެއް ކުރިމަތިވަމުން އައިއިރު ބެންޒެމާއަށް ވޯލްޑް ކަޕް ގެއްލޭ ހަބަރާއެކު ފްރާންސަށް މިވަނީ އިތުރު ބޮލުގަ ރިހުމަކާ ކުރިމަތިވެފަ އެވެ.

އަނިޔާގެ ސަބަބުން ފްރާންސްގެ ގިނަ ކުޅުންތެރިންތަކަކަށް ވޯލްޑް ކަޕް ގެއްލޭނެ އެވެ. އެގޮތުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި ހިމެނުނު ކުޅުންތެރިން ވެސް ހިމެނެ އެވެ. ކުޅަދާނަ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އާއި ޕައުލް ޕޮގްބާ ވެސް މިފަހަރުގެ ވޯލްޑް ކަޕުގައި ނުފެންނާނެއިރު ޕީއެސްޖީއަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭއާއި އޭސީ މިލާނަށް ކުޅޭ ފްރާންސްގެ ގޯލްކީޕަރު މައިކް މައިންގްނޯން އެވެ. އަދި އާރްބީ ލައިޕްޒިގަށް ކުޅޭ ކްރިސްޓޮފާ އެންކުންކޫއަށް ވެސް މިފަހަރު ވޯލްޑް ކަޕް ގެއްލޭނެ އެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ބެންޒެމާ އަދި ވޯލްޑް ކަޕް ނުކުޅޭއިރު މިދިޔަ އަހަރު އޭނާއަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ 6 އަހަރަށްފަހު އެވެ. ބެންޒެމާ ފްރާންސް ސްކޮޑަށް މިދިޔަ އަހަރު ނެގިފަހުން އޭނާގެ ފުރަތަމަ މުބާރާތަކީ މިދިޔަ އަހަރުގެ ޔޫރޯއާއި ޔޫއެފާ ނޭޝަންސް ލީގެވެ. ނޭޝަންސް ލީގުގެ ތަށި ފްރާންސާއެކު ބެންޒެމާ ހޯދިއިރު އޭނާ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ރެއާލް މެޑްރިޑާއެކު ކާމިޔާބުކޮށްފަ އެވެ.

މިރޭ ވޯލްޑް ކަޕް ފަށާއިރު މުބާރާތް ހުޅުވާ މެޗުގައި މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު މުބާރާތުގެ ހޯސްޓް ގަތަރުން ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ. މުބާރާތުގެ ހުޅުވާ ރަސްމިއްޔާތު ފަށާނީ 19:30 ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗު ކުޅެވޭނީ އަލް ބައިތް ސްޓޭޑިއަމްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355