twitterviber whatsapp telegramfacebookyoutube instagram
5th May 2024

ފޯރިގަދަ ވޯލްޑްކަޕުގެ ފެށުން، ވެލެންސިއާގެ ޖާދުލުން އެކުއެޑޯއިން ހޯސްޓް ގަތަރު ބަލިކޮށްފި

މުޙައްމަދު އަހުމަދު
Nov 20, 2022

ކޮންމެ 4 އަހަރަކުން 1 އަހަރު އޮންނަ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕް 2022 މިރޭ ގަތަރުގައި ފެށުނުއިރު މުބާރާތުގެ ފުރަތަމަ މެޗުން ހޯސްޓް ގަތަރު ބަލިކޮށް އެކުއެޑޯ ރަނގަޅު ރޫހެއްގައި މުބާރާތް ފަށައިފި އެވެ.

މިރޭ ގަތަރުގެ އަލް ބައިތް ސްޓޭޑިއަމްގައި ކުޅެވުނު ގަތަރު ވޯލްޑް ކަޕް 2022 ގެ ހުޅުވާ މެޗުގައި އެކުއެޑޯއިން ވަނީ މުބާރާތް ބާއްވާ ގައުމު ގަތަރު ބަލިކޮށްފަ އެވެ. މީގެ ކުރިން 3 ފަހަރެއްގެ މަތިން ވާދަކޮށް ގަތަރު އެއްފަހަރު މޮޅުވެ އެކުއެޑޯ އެއްފަހަރު މޮޅުވެ އަނެއް މެޗުން އެއްވަރުވެ ދެޓީމު ހަމަހަމަކޮށް އޮތް އޮތުން އެކުއެޑޯއިން މިވަނީ ނިމުމަކަށް ގެނެސް ވާދައިގެ ރޭހުގެ ކުރިއަށް ޖެހިލާފަ އެވެ.

މިރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު އެކުއެޑޯގެ ކެޕްޓަން އެނާރ ވެލެންސިއާގެ ޖާދޫ މިމެޗުގައި ދައްކާލި އެވެ. ގަތަރުގެ މައްޗަށް 2 - 0 ން އެކުއެޑޯ ކުރި ހޯދި މިމެޗުގެ ހުރިހާ ލަނޑެއް ވެސް ކާމިޔާބުކޮށްފައިވަނީ ވެލެންސިއާ އެވެ.

އެނާރ ވެލެންސިއާ މެޗު ފަށައިގެން ފުރަތަމަ ތިން މިނެޓުތެރޭ ލަނޑު ޖަހާ މެޗުގެ ފޯރިގަދަ ކޮށްލި އެވެ. ނަމަވެސް އެލަނޑު ވެލެންސިއާ އޮތީ އޮފްސައިޑްގައި ކަމަށް ނިންމާ ރެފްރީ އެލަނޑު ބަލައިނުގަތީ އެވެ. ނަމަވެސް ހިތްވަރު ދޫކޮށް ނުލާ ކުޅެމުން އައި އެކުއެޑޯގެ ޓީމުން ވަނީ އަނެއްކާވެސް ލަނޑެއް ޖަހަން މަސައްކަތްކޮށްފަ އެވެ.

އެޓީމުގެ މަސައްކަތް ކާމިޔާބުވީ އުފެއްދި ފުރުސަތެއްގައި އެޓީމުގެ ކުޅުންތެރިޔާ ބޯޅަ ހިފައިގެން އެތެރެއަށް ވަތް ވަގުތު ގަތަރުގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީން ވެލެންސިއާ ވަނީ އެކުއެޑޯއަށް ލީޑު ނަގައިދީފަ އެވެ. މިފައުލާ ގުޅިގެން ގަތަރުގެ ކީޕަރު އަލް ޝީބްއަށް ރެފްރީ ރީނދޫ ކާޑެއް ވެސް ދެއްކި އެވެ.

އެކުއެޑޯއިން ލީޑު ފުޅާކުރީ ޕްރެސިއާޑޯ ނަގައިދިން ރީތި ހުރަހެއް ބޮލުން ގޯލަށް ފޮނުވާލައިގެން 31 ވަނަ މިނެޓުގައި ވެލެންސިއާ އެވެ. މި ހެޑާ ހުއްޓުވަން ގަތަރުގެ އަލް ޝީބްއަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

މިމެޗުން ބަލިވުމާއެކު ގަތަރުން ވެގެން ގޮސްފައިވަނީ މިއެޑިޝަންގައި ވޯލްޑްކަޕުގެ ފުރަތަމަ މެޗުން ބަލިވި ފުރަތަމަ ހޯސްޓް ގައުމަށެވެ. 16 މުބާރާތުގައި އޯޕަނިން މެޗުން ހޯސްޓް މޮޅުވިއިރު 6 މެޗުން މީގެކުރިން ވަނީ އެއްވަރުވެފަ އެވެ. އެކުއެޑޯއިން ވަނީ އެޓީމުން ހުރިހާ މުބާރާތެއް ހިމަނައިގެން އެންމެފަހުން ކުޅުނު 7 މެޗުގައި ވެސް ބައިކޮޅަށް ގޯލެއް ކޮންސީޑްވިޔަ ނުދީ ހިފަހައްޓާފަ އެވެ. (3 މޮޅު، 4 އެއްވަރު) މިފަހަރުގެ މެޗަކީ ވޯލްޑްކަޕުގައި އެކުއެޑޯއިން ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބުކުރި ފުރަތަމަ މެޗެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އެކުއެޑޯ މޮޅުވި މީ ދެވަނަ ފަހަރަށް ވާއިރު އެޓީމު ވަނީ ޖުމްލަ 4 ފަހަރު މަތިން ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. އަނެއް މެޗަކީ 2006 ގައި 2 - 0 ން ޕޮލެންޑްގެ މައްޗަށް ކާމިޔާބު ހޯދި މެޗެވެ.

ގްރޫޕް ބީގައި މާދަމާ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އިންގްލެންޑުން އިރާނާ ދެކޮޅަށް ނުކުންނައިރު މާދަމާ ރޭ 9 ޖަހާއިރު ގްރޫޕް އޭގައި ސެނެގާލުން ނުކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ. އަދި މާދަމާ ރޭ ދަންވަރު 12 (22 ނޮވެމްބަރު)ގައި ޔޫއެސްއޭއިން ވޭލްސްއާ ވާދަކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355