ކުޅުދުއްފުށީގައި މަރާމާތުކޮށް ނިންމާލި ހައުންސިން ޕްރޮޖެކްޓް ފެއްޓުމަށްފަހު އެ ޕްރޮޖެކްޓްގެ މަސައްކަތް ގާތުން ބަލާ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ވެލިގަނޑު ސަރަހައްދުގައި އިމާރާތްކޮށްފައިވާ ރޯހައުސްތަކުގެ މަސައްކަތް ނިންމާ މިއަދު ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި އެހެން ރޯހައުސްތައް މަރާމާތުކޮށް ހަވާލުކުރުމުގެ ކަންކަން ކުރިއަށްދިޔައިރަށް ވުރެ ގާތުން މި ހައުންސިންގ ޕްރޮޖެކްޓް ބެލިން ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަން މޭޔަރު ފާހަގަކުރެއްވި އެވެ. އެގޮތުން ގެތަކުގެ ފުރާޅާއި ފައިދޮށް، އަދި ދިޔަދޮވިތަކާއެކު ސްޓްރަކްޗަރ ބަދަލުކުރިން ކަމަށެވެ. އަދި ކުރީގައި ހުންނާނީ ސީލިންގތަކުން އެހެން ޔުނިޓްތައް ގުޅިފައިކަމަށާއި އެކަމަކު އެކަންތައްވެސް ބަދަލުކޮށް މިހާރު ހުންނާނީ ވަކިކުރެވިފައިވާކަމަށް މޭޔަރު ވިދާޅުވި އެވެ.
އަދި ހަމައެއާއެކު ކުރިމައްޗަށް އިންނަ ރެއިލިންގ ވަކިކޮށް އެސްއެސްއަށް ބަދަލުކޮށް ހަމައެއާއެކު ތިރީ ބަޔަށް ފަންކަލެއް އިތުރުކުރެވި ޕާޓްޝަންގެ ގޮތުގައި ހުރި ތަންތަން ފާރަށް ބަދަލުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ލަކުޑިން ހުރި ސިޑިތައް އެސްއެސްއަށް ބަދަލުކުރެވި މަތީގައި ލަކުޑި އަޅާފައިވާކަމަށް މޭޔަރު ވިދާޅުވި އެވެ.
"އެހެންކަމުން އަޅުގަނޑުމެން މި ގަބޫލުކުރަނީ ވަރަށް ގާތުން މި ޕްރޮޖެކްޓް ބަލައި މިއަށް ރަނގަޅު ބަދަލުތަކެއް ގެނެވިފައިވާކަމަށް." މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ، ޕްރޮޖެކްޓް ހަވާލުކުރެވުނު އަގަކީ 47 މިލިއަން ކަމަށާއި އެހެންނަމަވެސް މަސައްކަތް ނިމުނުއިރު ޕްރޮޖެކްޓްގެ އަގު 63 މިލިއަނަށް އަރާފައިވާ ކަމަށެވެ. ބަދަލުތައް ގެނެވި 16 މިލިއަން ރުފިޔާގެ މަސައްކަތް ސިޓީ ކައުންސިލަށް އިތުރުކުރެވިފައިވާކަމަށެވެ.
މި ހައުންސިންގ ޔުނިޓްތަކުގެ ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއްވެސް ކައުންސިލުން އެދިގެން ތަރައްގީކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ މަގުބައްތި ޖެހުމުގެ މަސައްކަތް ކަމަށެވެ. އެއީވެސް ސިޓީ ކައުންސިލުން އެދިގެން އިތުރުކޮށްފައިވާ ބައެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، މަގުބައްތި ޖެހުމަށް މިހާރު ކޭބަލު ވަޅުލައި ބުޑުތައް އަޅާފައިވާ ކަމަށާއި ކައިރި މުސްތަގުބަލެއްގައި ބައްތިތައް ޖެހި އެ ސަރަހައްދު އަލިކުރެވޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.