އަރަބި ގައުމެއްގައި ބޭއްވި ފުރަތަަމަ ވޯލްޑް ކަޕާއެކު މިފަހަރުގެ ގަތަރު ވޯލްޑްކަޕް 2022 ވެގެން ގޮސްފައިވަނީ އެތައް ގޮތަކުން ފާހަގަކޮށްލެވޭ ތާރީހުގެ ފޮތްތަކުގައި ލިޔެވޭނެ އެންމެ ފުރިހަމަ މުބާރާތަށެވެ. ގިނަ ކަންތައްތަކަށް ދުނިޔޭގެ އެތައް ހާސް ބައެއްގެ ސަމާލުކަން ދަމައިގަތް މިމުބާރާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ހުޅުވުމުގެ ރަސްމިއްޔާތުގައި ގަތަރުގެ ޒުވާން ޣާނިމް އަލް މުފްތާގެ އައިޓަމަށެވެ.
ހޮލީވުޑްގެ ލެޖެންޑް މޯގަން ފްރީމަންއާއެކު އުމުރުން 22 އަހަރުގެ ޣާނިމް އަލް މުފްތާ ހުށައަޅާދިން ހާއްސަ އައިޓަމް އެތައް ގޮތަކުން ހާއްސަ އެވެ.
އުފަންވީސުރެ ބޮޑު ނުކުޅެދުންތެރިކަމެއް ހުންނަ ގަތަރުގެ އެންމެ ޒުވާން ވިޔަފާރިވެރިޔާ ޣާނިމް އަކީ އޭނާގެ ތަނަވަސްކަމުން އެތައް ބަޔަކަށް އެހީވަމުން އަންނަ ހިތްތިރި ހިތްހެޔޮ ޒުވާނެކެވެ.
ގަލްފްގެ ވާހަކަދެއްކުންތެރިޔާ ޣާނިމްއަކީ ގަލްފްގެ މީހުންނަށް އާ މޫނަކަށް ނުވެދާނެ އެވެ. ނަމަވެސް ވޯލްޑްކަޕުގެ ޒަރީއާއިން ވިދާލި ޣާނިމް ވަނީ އެތައް ހާސް ބައެއްގެ ސަމާލުކަން ހޯދާފަ އެވެ. ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް ޣާނިމްއަކީ ސޯސަލް މީޑިއާގައި ވެސް ގިނަ ބަޔަކު ފޮލޯ ކުރާ ސަހްސިއްޔަތެކެވެ.
ޣާނިމް މިހާ ހިސާބަށް އައިސްފައިވަނީ ގިނަ ގޮންޖެހުންތަކެއް ހުރަސްކޮށް އެތައް ވޭނަކާއި ތަކްލީފަކާއެކު އެވެ. އޭނާ އުފަންވީ ތިރީ ބައި އުފެދުން ހުއްޓޭ ބަލިމަޑުކަމެއްކަމަށްވާ ކޯޑްލް ރިގްރެޝަން ސިންޑްރޯމާއާއެކުގަ އެވެ. އޭނާ އުފަންވުމާއެކު ޑޮކްޓަރުން ވެސް ބުނީ އުމުރުން 15 އަހަރު ފުރެންދެން ވެސް އޭނާ ދުނިޔޭގައި އުޅޭނެކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.
އައިސް ކްރީމް ވިއްކާ ތަންތަން ހިންގުމުގެ ވިޔަފާރިއެއް ކުރަމުން އަންނަ ޣާނިމްގެ ޓިކްޓޮކްގައި 7 މިލިއަން ފޮލޯވަރުން ތިބިއިރު އިންސްޓަގްރާމްގައި 3.3 މިލިއަން ފޮލޯވަރުން އެބަތިއްބެވެ. އަދި ޔޫޓިބުއުގެ ފޮލޯވާސްގެ އަދަދު މިލިއަނަކާ ގާތްކުރެ އެވެ.
ކުޅިވަރުތަކުގައި ވެސް ހަރަކާތްތެރި ޒުވާނެއްގެ ގޮތުގައި ފާހަގަކުރެވޭ ޣާނިމް އަކީ އެކްޓްރީމް ސްޕޯޓްސްތަކަށް ޝައުގު ހުންނަ ޒުވާނެކެވެ. އެގޮތުން ސްކޫބާ ޑައިވިންއާއި ސްކޭޓް ބޯޑިން އަދި ރޮކް ކްލައިންބިން ހިމެނެ އެވެ. އަދި ޕެރައޮލިމްޕިއަނަކަށް ވުމަކީ ވެސް އޭނާ ދެކޭ ހުވަފެނެކެވެ.
މިފަހަރުގެ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި މޯގަން ފްރީމަންއާއެކު ހުށައަޅާދިން އައިޓަމްގައި އޭނާ ވަނީ ކީރިތި ގުރުއާން ވެސް ކިޔަވާފަ އެވެ. އޭނާ ވަނީ އެކުވެރިކަމާ ކެތްތެރިކަމުގެ ތީމަކުން ދުނިޔެއަށް މަރުހަބާ ކިއުމަށް މޯގަންއަށް އެހީވެފަ އެވެ. ޣާނިމް ބުނީ އެންމެންނަށް ވެސް ގޮވާލި ކަމަށާއި އެއީ ހުރިހާ އެންމެންނަށް ވެސް މަރުހަބާ ކިޔާކަމަށާއި އަދި މިއީ މުޅި ދުނިޔެއަށް ފޮނުވި ދައުވަތެއް ކަމަށެވެ.
އެއަށްފަހު ގުރުއާނުގެ އާޔަތެއް ކިޔެވުމަށްފަހު ޣާނިމް ބުނީ "އަހަރެމެން ތަރުބިއްޔަތުކުރެވުނީ އަހަރެމެން މި ދުނިޔެއަށް ފޮނުވުނީ ގައުމުތަކާ ޤަބީލާތަކެއް ގޮތަށް ގަބޫލުކުރުމަށް. އެއީ އޭރުން އެކަކުން އަނެކަކު ކައިރިން ދަސްކޮށް ތަފާތުކަން ކަމުގެ ރީތިކަން ހޯދޭނެ."
ފްރީމަންގެ ޖަވާބުގައި އޭނާ ބުނީ އެކަން އޭނާއަށް ފެންނަ ކަމަށާއި މިވަގުތު އަހަރެމެން އެންމެން އެކުވެރިކުރުވާ ކުރުވުން އެންމެން ތަފާތުވާ ސަބަބަށްވުރެ މާބޮޑު ކަމަށެވެ. އަދި އެކަން އެންމެ ދުވަހަކަށް ދިގު ދެންމޭނީ ކިހިނަކުން ކަމަށް އޭނާ ސުވާލު އުފެއްދި އެވެ. ޣާނިމް ބުނީ ކެތްކުރުމާ އިހްތިރާމާއެކު އެންމެންނަށް އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅެވޭނެ ކަމަށެވެ.
މިވަގުތު ޔުނިވާސިޓީގައި ޕޮލިޓިކަލް ސައިންސް ކިޔަވަމުން އަންނަ އަލް މުފްތާގެ ހުވަފެނަކީ ޑިޕްލޮމެޓަކަށް (ގަތަރުގެ ބޮޑު ވަޒީރުކަން) ވުން ކަމަށް އޭނާ ބުނެ އެވެ. މިފަހަރުގެ ވޯލްޑްކަޕުގެ އެމްބެސެޑަރެއްގެ ގޮތުގައި މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޣާނިމްގެ ނަން ލިޔެވުނެވެ. މިފަހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ބިނާކުރެވުނީ ސަގާފަތާއި ތަފާތުކުރުންތައް ގުޅުވާލުމުގެ ތީމުގެ ދަށުން ގަތަރު ތައާރަފްކޮށްދިނުމަށެވެ.