twitterviber whatsapp telegramfacebookyoutube instagram
5th May 2024

ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު ނެދަލޭންޑްސްއިން ސެނެގާލްގެ މައްޗަށް ކުރިހޯދައިފި

މުޙައްމަދު އަހުމަދު
Nov 21, 2022

ގަތަރު ވޯލްޑް ކަޕުގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި މިރޭ ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު ނެދަލޭންޑްސްއިން ސެނެގާލުގެ މައްޗަށް ކުރިހޯދައިފި އެވެ.

މިރޭ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅެވުނު ގްރޫޕް އޭގެ ދެވަނަ މެޗުން ސެނެގާލުގެ މައްޗަށް ނެދަލޭންޑްސްއިން ކުރިހޯދީ 2 - 0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެޓީމުން ވާދަވެރި ކުޅުމެއް ދެއްކިއިރު މެޗު ނިމެން 10 މިނެޓަށްވީއިރު ވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވެ އެވެ. އެހެންކަމުން ގިނަ ބަޔަކަށް މެޗު އެއްވަރުވާނެކަމަށް ބެލެވުނެވެ.

ނަމަވެސް މެޗުގެ ފަހު ދެމިނެޓުގެ ތެރޭ 2 ލަނޑު ޖަހާ ނެދަލެންޑްސްއިން ވަނީ މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފަ އެވެ. މެޗުގެ 84 ވަނަ މިނެޓުގައި ގަކްޕޯ ނެދަލޭންޑްސްއަށް ލީޑު ނަގައިދިންއިރު ކްލާސެން ވަނީ އިންޖަރީ ޓައިމްގައި ދެވަނަ ލަނޑެއް ޖަހައިދީ މެޗުގެ އޮއެވަރު ބަދަލުކޮށްލާފަ އެވެ.

މިއީ ބައިނަލްއަގްވާމީ މައިދާނުގައި ސެނެގާލާ ނެދަލޭންޑްސް ބައްދަލުކުރި ފުރަތަމަ މެޗަށް ވެގެންދިޔައިރު މިހާތަނަށް ވޯލްޑްކަޕުގެ މެޗަކުން ނެދަލޭންޑްސް އެފްރިކާ ބައްރުގެ ޓީމެއް އަތުން ބަލިވެފައެއް ނުވެ އެވެ. ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން މޮޅުވިއިރު އެއްމެޗުން އެއްވަރުވި އެވެ. އަދި މިމެޗާ ހަމައަށް މިހާތަނަށް ޔޫރަޕުގެ ޓީމެއް އަތުން ސެނެގާލް ވެސް ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ބަލިވެފައެއް ނުވެ އެވެ.

ވޯލްޑް ކަޕުގެ ފުރަތަމަ މެޗުން ނެދަލޭންޑްސް އަދި މިހާތަނަށް ބަލިވެފަ ނުވާއިރު އެޓީމު ވަނީ މިހާތަނަށް ވޯލްޑްކަޕުގެ ފުރަތަމަ 6 މެޗު ކާމިޔާބުކޮށް 2 މެޗުން އެއްވަރުވެފަ އެވެ.

މިރޭގެ ފަހު މެޗުގައި މިރޭ ދަންވަރު 12 ޖަހާއިރު އެމެރިކާއިން ވޭލްސްއާ ދެކޮޅަށް ނުކުންނައިރު މާދަމާ ހަވީރު 3 ޖަހާއިރު އާޖެންޓީނާއާ ސައުދީ އަރަބިއާ ބައްދަލުކުރާނެ އެވެ. އަދި މާދަމާ އިރުއޮއްސި 6 ޖަހާއިރު ޑެންމާކާ ޓިއުނީޝިއާ ވާދަކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355